ވޯލްޑް ކަޕުގައި 48 ޓީމު ބައިވެރިކުރަން ވިސްނަނީ
ވޯލްޑް ކަޕުގައި 48 ޓީމު ބައިވެރިކުރަން ވިސްނަނީ

ޒިއުރިކް (އޮކްޓޯބަރު 4) - ފީފާ ވޯލްޑް ކަޕުގައި 48 ޓީމު ބައިވެރިކުރަން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ހުށައަޅުއްވައިފި އެވެ.

އޭނާގެ ޕްލޭނުގައި ހިމެނެނީ ގްރޫޕް ސްޓޭޖުގެ ކުރިން ނޮކްއައުޓް ބުރެއް ބޭއްވުމަށް ފަހު 16 ޓީމު ކަޓައިގެންދާ ގޮތަށް މުބާރާތް އިންތިޒާމްކުރާށެވެ. އަދި ގްރޫޕް ސްޓޭޖް އޮންނާނީ މިހާރު ވެސް ކުރިއަށްދާ އުސޫލުން 32 ޓީމުގެ މެދުގަ އެވެ.

ފީފާގެ ރައީސްކަމަށް ވަޑައިގަތުމަށް ކެމްޕެއިން ކުރެއްވި އިރު އިންފަންޓީނޯ ހުށައެޅުއްވީ 40 ޓީމު ވާދަކުރާ ވޯލްޑް ކަޕެއްގެ ޕްލޭނެވެ. އިންފަންޓީނޯ ވިދާޅުވީ ވޯލްޑް ކަޕުގައި ކުރިމަގުގައި ވާދަކުރާނެ ޓީމުގެ އަދަދަކާ މެދު މެދު ފީފާ ކައުންސިލް އަންނަ ޖެނުއަރީ މަހު ގޮތެއް ނިންމާނެ ކަމަށެވެ.

"މި ހިޔާލުތަކުގެ ބޭނުމަކީ އެންމެ ރަނގަޅު ގޮތެއް ހޯދުން. މި މަސް ތެރޭ ވަރަށް ބޮޑަށް ބަހުސްކުރާނަން އަދި އަންނަ އަހަރު ގޮތެއް ނިންމާނަން،" ޔުއެފާގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ ވިދާޅުވި އެވެ.

އިންފަންޓީނޯގެ ޕްލޭނުގައި ހިމަނާފައިވަނީ މުބާރާތް ބާއްވާ ގައުމުގައި 32 ޓީމުގެ ނޮކްއައުޓް ބުރެއް ފުރަތަމަ ކުޅޭށެވެ. އެ ބުރުން މޮޅުވާ 16 ޓީމާ އެކު ގްރޫޕް ސްޓޭޖުގައި ވާދަކުރާނީ އޮޓޮމެޓިކުން ގްރޫޕް ސްޓޭޖަށް ކޮލިފައިވެފައިވާ 16 ޓީމެވެ.

"މާނައަކީ އަހަރެމެން ކުރިއަށް ގެންދާނީ 32 ޓީމުގެ އާއްމު ވޯލްޑް ކަޕެކޭ. އެކަމަކު ޕާޓީގައި ބައިވެރިވެވޭނެ 48 ޓީމަށް،" އިންފަންޓީނޯ ވިދާޅުވި އެވެ. "ފީފާގެ ވިސްނުމަކީ މުޅި ދުނިޔޭގައި ފުޓްބޯޅަ ކުރިއެރުވުން. ވޯލްޑް ކަޕަކީ ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ އިވެންޓް. މިއީ މުބާރާތަކަށް ވުރެ ބޮޑު އިޖްތިމާއީ ހަރަކާތެއް."

އުރުގުއޭގައި 1930 ވަނަ އަހަރު ބޭއްވި ފުރަތަމަ ވޯލްޑް ކަޕުން ފެށިގެން 1978 ވަނަ އަހަރުގެ ވޯލްޑް ކަޕާ ހަމަޔަށް މުބާރާތުގައި ބައިވެރިކުރީ 16 ޓީމެވެ. އަދި 1982 ވަނަ އަހަރުން ފެށިގެން 1990 ވަނަ އަހަރުގެ ވޯލްޑް ކަޕާ ހަމަޔަށް 24 ޓީމު ވާދަކުރިއިރު 32 ޓީމު ބައިވެރިކުރަން ފެށީ 1994 ވަނަ އަހަރު އެމެރިކާގައި ބޭއްވި ވޯލްޑް ކަޕުން ފެށިގެންނެވެ.