ވެސްޓަން ޔޫނިއަނުން ފޭރުނު ފައިސާގެ ތެރެއިން ހަ މިލިއަން ރުފިޔާ ހޯދައިފި
ވެސްޓަން ޔޫނިއަނުން ފޭރުނު ފައިސާގެ ތެރެއިން ހަ މިލިއަން ރުފިޔާ ހޯދައިފި

މާލޭގައި ހުންނަ ވެސްޓަން ޔޫނިއަން ޓްރާންސްފާ އޮފީހަށް ބަޔަކު ރޭ ވަދެ، އެތަނުން ފޭރުނު ފައިސާގެ ތެރެއިން ހަ މިލިއަނަށް ވުރެ ގިނަ ރުފިޔާ މިހާތަނަށް ހޯދާފައިވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

މޫނު ނިވާކޮށްގެން ތިބި ބަޔަކު ވެސްޓަން ޔޫނިއަން އޮފީހަށް ރޭ 12 ޖަހަން އުޅެނިކޮށް ވަދެ، އެތަނުގައި ތިބި ބިދޭސީން ބަނުމަށް ފަހު، އެތަނުން ފޭރުނީ ކިހާ ފައިސާއެއް ކަން ސާފު ނުވިޔަސް ފުލުހުން ބުނީ މިހާތަނަށް ހަ މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދާފައިވާ ކަމަށެވެ. އެއީ 1.1 މިލިއަން ރުފިޔާ އާއި 321،000 އަށް ވުރެ ގިނަ ޑޮލަރު(4.9 މިލިއަން ރުފިޔާ) އެވެ.

އެ ފައިސާ މިހާރު ބޭންކަށް ޖަމާކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމުގެ ޚިދުމަތް ދޭ ވެސްޓަން ޔޫނިއަންގެ އިމާރާތުގައި ވިލާ ޓްރެވަލްސްގެ ބައެއް ވެސް ހުރެ އެވެ. އެކަމަކު އެތަނުން ފޭރުނީ ކޮން ކުންފުންޏެއްގެ ފައިސާތަކެއް ކަމަށް ޔަގީނެއް ނުވެ އެވެ.

ވެސްޓަން ޔުނިއަންގެ އޮފީހުން ފޭރުނު ބައެއް ފައިސާ އެކި ތަންތަނުން ވަނީ ފެނިފަ އެވެ. އެގޮތުން ގެއެއްގެ ލިފްޓް ގޮޅިންނާއި މަގުމަތިން ވެސް އޭގެ ބައެއް ފައިސާ ބޮނޑިތައް އާންމުންނަށް ފެނިގެން ފުލުހުންނާ ވަނީ ހަވާލުކޮށްފަ އެވެ.