30 މެއި 2016 - 23:11

ސަރުކާރާ އިދިކޮޅު އިއްތިހާދެއް އެކުލަވާލައިފިނަމަ، އެ އިއްތިހާދުގެ ލީޑަރަކަށް ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް ވަޑައިގަތުމަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ދަ ހިންދު އަށް މިދިޔަ ހަފުތާގައި ފޯނުން ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވި ގޮތުގައި އިސްލާހީ މަސައްކަތުގައި 2004 ގައި މަސައްކަތް ކުރެއްވި ސިޔާސީ ލީޑަރުންނަށް ވުރެ މިހާރު ތިއްބެވީ މާބޮޑަށް ވަރުގަދަ އިދިކޮޅު ލީޑަރުންތަކެއް ކަމަށެވެ.

ސަރުކާރު ޒިންމާދާރުކޮށް ރާއްޖޭގައި ޑިމޮކްރަސީގެ އުސޫލުތަކެއް ގާއިމު ކުރުމަށް އިދިކޮޅު އިއްތިހާދެއް ގާއިމު ކުރައްވާނެ ކަމުގެ އިޝާރާތެއް ނަޝީދު ވަނީ މި އިންޓަވިއުގައި ދެއްވައިފަ އެވެ. އަދި އެ ކޯލިޝަން ގާއިމު ކުރުމަށް ޖުމްހޫރީ ޕާޓީ އާއި ޖަމީލާ ވާހަކަ ދައްކަމުން އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ސިޔާސީ ގޮތުން އެކިއެކި ފިއްތުންތައް ކުރިމަތިވާ ކަމަށް ތުހުމަތުކޮށް ސިޔާސީ ބައެއް ލީޑަރުން މިހާރު ތިއްބެވީ ލަންޑަންގަ އެވެ. އޭގެ ތެރޭގައި ނަޝީދާއި ޖަމީލުގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދާއި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހިމް ހިމެނިވަޑައިގަންނަވަ އެވެ.
ލަންޑަންގައި ތިއްބެވި ބޭފުޅުންގެ އިތުރުން، ރާއްޖޭގައި އުޅުއްވާ އިދިކޮޅު ބައެއް އިސް ބޭފުޅުން ވެސް މިހާރު ވަނީ ލަންޑަނަށް ވަޑައިގެންފަ އެވެ. އޭގެ ބޭނުމަކީ ރާއްޖޭގައި ޑިމޮކްރެސީ ކުރިއެރުވުމަށް ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުން އިދިކޮޅު ފިކުރުގެ ބޭފުޅުން އެއްގަލަކަށް އެރޭނެ ގޮތެއް ހޯދުމުގެ ބައްދަލުވުމެއް އަންނަ ބުދަ ދުވަހު ލަންޑަންގައި ބޭއްވުމެވެ. މި ބައްދަލުވުމަށް އަދަލާތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރާއި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމާއި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް ވަނީ ލަންޑަނަށް ވަޑައިގެންފަ އެވެ. އެއް ދުވަހުގެ މި ބައްދަލުވުމުގައި، ކޮރަޕްޝަންގެ އިތުރުން ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ރިޔާސީ ލޯންޗްކޮޅުގައި ބޮން ގޮއްވި ކަމުގެ ތުހުމަތުގައި މިހާރު ޖަލުގައި ހުރި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މަންދޫބެއް ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހަށް "ބަދަލެއް ގެނައުމަށް" ބާއްވާ މި ބައްދަލުވުމުގައި މުހިއްމު ކަންތައްތަކެއް ނިންމާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
"ބައެއް ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި ޑެޕިއުޓީ ލީޑަރުން އެބަތިއްބެވި. އަދި [ރާއްޖޭން] ބޭރުގައި އަދިވެސް އެބަތިއްބެވި ގިނަ ބަޔަކު. ބޭރުގައި ތިއްބަވައިގެން އަޅުގަނޑުމެންނަށް ވަރުގަދަ ބައެއްގެ ގޮތުގައި ނުކުމެވިދާނެ،" ދަ ހިންދުއާ ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިދިކޮޅު ލީޑަރުންގެ މައްޗަށް ދައުވާކޮށް ޖަލަށް ލާއިރު، ސަރުކާރާ އިދިކޮޅު ބޭފުޅުންނަށް ތަފާތު ފިއްތުންތައް ކުރިމަތިކުރަމުންދާ ކަމަށެވެ. އަދި ރާއްޖޭގައި މިނިވަން ނޫސްވެރިކަމެއް ކުރުމުގެ ފުރުސަތު ނެތް ކަމަށް ނަޝީދު ވިދާޅުވި އެވެ.
އެހެންކަމުން ބޭރުގައި ތިއްބަވައިގެން ރާއްޖެ ހަމަ މަގަށް އެޅުވުން ނޫން ގޮތެއް ނެތް ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި ކޯލިޝަނެއް ހަދައިގެން ބޭރުގެ ފޯރަމްތަކުގައި ސަރުކާރު ޒިންމާދާރު ކުރުމުގެ މަސައްކަތް ކުރުމުގެ ވިސްނުންފުޅު ގެންގުޅުއްވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.