ދެ ހަފުތާ ތެރޭގައި ބަޖެޓުގެ މަސައްކަތް ނިންމާލެވޭނެ: ސަރުކާރު
ދެ ހަފުތާ ތެރޭގައި ބަޖެޓުގެ މަސައްކަތް ނިންމާލެވޭނެ: ސަރުކާރު

އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު އެކުލަވާލުމުގެ މަސައްކަތް ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު "މިހާރު" އަށް ވިދާޅުވި ގޮތުގައި ބެޖެޓުގެ ތަފްސީލުތައް އެކުލަވާލުމުގެ އެންމެ ފަހު މަރުހަލާގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި އެ މަސައްކަތް ނިންމާލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އޭގެ ފަހުން ކަމާ ބެހޭ އިސް ފަރާތްތަކުގެ މެދުގައި ބަޖެޓާ މެދު މަޝްވަރާ ކުރާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި ރައްޔިތުންގެ މަޖިލީހަށް ބަޖެޓު ހުށަހަޅާނީ މި މަހު ފަހުކޮޅު އެވެ.

މާލިއްޔަތު ގާނޫނު ބުނާ ގޮތުން އޮކްޓޯބަރުގެ ނިޔަލަށް މަޖިލީހަށް ބަޖެޓު ހުށަހަޅަން ޖެހެ އެވެ. އެކަމަކު، މިދިޔަ އަހަރުގެ ސެޕްޓެމްބަރު 28 ގައި ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާއާ ގުޅިގެން މިދިޔަ އަހަރު ބަޖެޓު ހުށަހެޅުން ފަސްކުރި އެވެ. އެކަން ކުރީ މަޖިލީހަށް ހުށަހަޅައިގެން މަޖިލީހުގެ ހުއްދައާ އެކުގަ އެވެ.

ބަޖެޓާ ގުޅޭ ގޮތުން މަޖިލީހުގެ ގަވާއިދަށް މިދިޔަ އަހަރު ދެ އިސްލާހެއް ވެސް ވަނީ ގެނެސްފަ އެވެ. އެ ގޮތުން، ބަޖެޓް ބަހުސް ފަށަން ވާނީ މަޖިލީހަށް ބަޖެޓު ހުށަހަޅާ ތާރީހުން ފެށިގެން ހަތް ދުވަހުގެ މުއްދަތެއް ދިނުމަށް ފަހު ކަމަށް ބުނި މާއްދާ އުވާލައި ބަޖެޓު ހުށަހަޅާ ދުވަހު ބަހުސް ފެށޭ ގޮތް ވަނީ ހަދާފަ އެވެ. އަދި ބަޖެޓާ ގުޅޭ ގޮތުން ބޭނުންވާ އިތުުރު މައުލޫމާތު ދެއްވުމަށް ފިނޭންސް މިނިސްޓަރުގެ ކިބައިން އެދިވަޑައިގެންނެވޭނީ ބަޖެޓު ހުށަހަޅާ ތާރީހުން ފެށިގެން ހަތް ދުވަހުގެ މުއްދަތެއް ދިނުމަށް ފަހު ކަމަށް އޮތް އޮތުން ވެސް ބަދަލުކޮށް، ބަޖެޓު ބަހުސް ކުރިއަށް ދާއިރު އެ މައުލޫމާތު ހޯދަން ހުށަހެޅޭ ގޮތަށް ވަނީ އިސްލާހުކޮށްފަ އެވެ.

މީގެ އިތުރުން، ބަޖެޓަށް ވޯޓު ނުދެއްވާ މެމްބަރުން ހިމެނޭ ސިޔާސީ ޕާޓީތަކަށް ފައިސާ ނުދޭ ގޮތަށް ސިޔާސީ ޕާޓީގެ ގާނޫނަށް އިސްލާހު ހުށަހަޅަން ވެރިކަން ކުރާ ޕީޕީއެމް އިން ވަނީ ތައްޔާރު ވެފަ އެވެ. އެ ގޮތުން، މަޖިލީހުގެ ތިން ވަނަ ދައުރުގެ ޖަލްސާތައް އަންނަ ބުރާސްފަތި ދުވަހު ފެށުމާ އެކު އެ އިސްލާހު ހުށަހަޅާނެ ކަމަށް ޕީޕީއެމްގެ މެމްބަރަކު ވަނީ ވިދާޅުވެފަ އެވެ.

މި އަހަރުގެ ދައުލަތުގެ ބަޖެޓުގައި މަޖިލީހުން ފާސްކޮށް ދިނީ 27.5 ބިލިއަން ރުފިޔާ އެވެ. އެ ބަޖެޓުގައި، އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ޖުމްލަ 22.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ޖަހާފައި ވާއިރު، އޭގެ ތެރޭގައި ހިމެނެނީ ޓެކްސްގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ 16.8 ބިލިއަން ރުފިޔާއި އެ ނޫން ގޮތް ގޮތުން ލިބޭނެ ކަމަށް ލަފާކޮށްފައިވާ 3.7 ބިލިއަން ރުފިޔާ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ޖަހާފައިވާ 1.5 ބިލިއަން ރުފިޔާ އަދި އާމްދަނީ އިތުރުކުރުމަށް ހުށަހަޅާފައިވާ ކަންކަމުން ލިބޭނެ ކަމަށް ލަފާކޮށްފައިވާ ހަތަރު ބިލިއަން ރުފިޔާ އެވެ.

މި އަހަރުގެ ބަޖެޓު ޑެފިސީޓަކީ 3.4 ބިލިއަން ރުފިޔާ (ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ހަ ޕަސެންޓް) ކަމަށް ސަރުކާރުން ލަފާކޮށްފައިވެ އެވެ. އެކަމަކު، މިދިޔަ މަހުގެ ނިޔަލަށް ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބިފައި ވަނީ، ތަފާސްހިސާބުތައް ދައްކާ ގޮތުން، ޖުމްލަ 10 ބިލިއަން ރުފިޔާ އެވެ. އެހެންވެ، ބަޖެޓު ޑެފިސިޓް އަންދާޒާ ކުރި ވަރަށް ވުރެ މަތިވާނެ ކަމަށް ބެލެވެ އެވެ.