ބަޑިން ބިރު ދައްކައިގެން ކާޑޭޝިއަން އަތުން މިލިއަން ޑޮލަރުގެ ވައްކަންކޮށްފި
ބަޑިން ބިރު ދައްކައިގެން ކާޑޭޝިއަން އަތުން މިލިއަން ޑޮލަރުގެ ވައްކަންކޮށްފި

ޕެރިސް (އޮކްޓޯބަރު 3) - ޕެރިހުގެ ލަގްޒަރީ ހޮޓަލެއްގައި ބަޑިން ބިރު ދައްކައިގެން ކިމް ކާޑޭޝިއަން އަތުން މިލިއަން ޑޮލަރުގެ ވައްކަން މިއަދު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ ތަރުޖަމާނަކު ބުނީ ރިއަލިޓީ ޝޯތަކުން މަގޫބުލުކަން ހޯދާފައިވާ އެމެރިކާގެ ތަރީގެ އަތުން ވައްކަން ކޮށްފައި ވަނީ ފުލުހުން ގޮތަށް ހެދުން އަޅައިގެން ތިބި ދެ މީހުން ކަމަށެވެ. ކާޑޭޝިއަން، 35، އަތުން ގިނައިން ފޭރިގެންފައި ވަނީ ގަހަނާ އެވެ. މި ތަކެތީގެ އަގު މިލިއަން ޑޮލަރަށް އަރާ ކަމަށް ފުލުހުން ބުންޏެވެ.

ކާޑޭޝިއަންގެ ތަރުޖަމާން ބުނީ ބަޑިން ބިރު ދެއްކުމުން އޭނާ އަށް ވަރަށް ބޮޑު ޝޮކެއް ލިބިފައިވާ ކަމަށާއި ޖިސްމާނީ ގޮތުން އެއްވެސް އަނިޔާއެއް ނުލިބޭ ކަމަށެވެ. ވައްކަން ކުރަން އުޅުމުގެ ތެރޭގައި އެހެން މީހަކަށް ގެއްލުމެއް ނުލިބޭ ކަމަށް ފުލުހުން ބުންޏެވެ.

ކާޑޭޝިއަންގެ ތަރުޖަމާން ސީއެންއެން އަށް ބުނީ ފޭރިފައި ވަނީ މާސްކް އަޅައިގެން ބަޑި ހިފައިގެން ތިބި ދެ މީހުން ކަމަށެވެ. އެހެން ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ކާޑޭޝިއަން އަށް ބިރު ދައްކައިގެން ފޭރިފައި ވަނީ ފަސް މީހުންނެވެ.

މި ވައްކަން ކުރި އިރު ކާޑޭޝިއަންގެ ފިރިމީހާ ހުރީ ނިއު ޔޯކުގެ މިއުޒިކް އެންޑް އާޓްސް ފެސްޓިވަލެއްގައި ލަވަކިޔުމަށް ސްޓޭޖުގަ އެވެ. މި ޚަބަރު ލިބުމާ އެކު އޭނާ ވަނީ "އާއިލާ އަށް އިމަޖެންސީ ކަމެއް މެދުވެރިވެއްޖެ ކަމަށާއި އެހެންވެ ޝޯ ހުއްޓާލަނީ ކަމަށް ބުނެ" ސްޓޭޖުން ފައިބައިފަ އެވެ.