ސައުދީން ވިސާ ފީ އަށް ގެނައި ބަދަލަށް އަމަލު ކުރަން ފަށައިފި
ސައުދީން ވިސާ ފީ އަށް ގެނައި ބަދަލަށް އަމަލު ކުރަން ފަށައިފި

ރިޔާޒް (އޮކްޓޯބަރު 3) - ސައުދީ އަރަބިއާ އިން ވިސާ ފީ އަށް ގެނައި ބަދަލަށް އިއްޔެ އިން ފެށިގެން އަމަލު ކުރަން ފަށައިފި އެވެ.

ސައުދީ އަރަބިއާގެ ޕާސްޕޯޓް އޮފީހުން ހިޖްރީ އާ އަހަރު ފެށޭ ދުވަހުން ފެށިގެން ވިސާ ފީ އަށް ގެނައި ބަދަލާ ގުޅިގެން އެ ގައުމަށް ދަތުރުކުރާ މީހުންނާއި އެ ގައުމުގައި ތިބޭ ބިދޭސިން ދައްކަން ޖެހޭ ފައިސާގެ އަދަދު ކުރިއަށް ވުރެ ބޮޑުވާނެ އެވެ. ސައުދީގެ ކެބިނެޓުން ނިންމާފައިވާ ގޮތުން އެ ގައުމަށް އެއް ފަހަރު އެތެރެވާއިރު އާއި ނުކުންނަ އިރު ދައްކަން ޖެހޭ ފީ އަކީ ދެ މަސް ދުވަހަށް 200 ރިޔާލެވެ. ރެސިޑެންޓް ޕާމިޓު (އިގާމާ)ގެ މުއްދަތު ހަމަވަންދެން އެ ގައުމުގައި ހުންނަ ކޮންމެ މަހަކު އިތުރު 100 ރިޔާލް ދޭން ޖެހެ އެވެ. އެއް ފަހަރަށް ވުރެ ގިނައިން އެތެރެވެ ނުކުންނަ ނަމަ ދައްކަން ޖެހޭ ވިސާ ފީ އަކީ ތިން މަސް ދުވަހަށް 500 ރިޔާލެވެ. ރެސިޑެންޓް ޕާމިޓުގެ މުއްދަތު ހަމަވެންދެން އިތުރުވާ ކޮންމެ މަހަކަށް 200 ރިޔާލް ދައްކަން ޖެހެ އެވެ.

ހައްޖަށާއި އުމުރާ އަށް އަލަށް ދާ މީހުންގެ ވިސާ ފީ ވަނީ ހިލޭކޮށްފަ އެވެ. އެކަމަކު ދެ ވަނަ ފަހަރަށް ހައްޖަށް ނުވަތަ އުމުރާ އަށް ދާ މީހުންގެ އަތުން ފީގެ ގޮތުގައި 2،000 ރިޔާލް ނަގަ އެވެ.

ސައުދީ އަށް ދަތުރުކުރާ ބިދޭސިންނަށް ހަ މަސް ދުވަހުގެ މަލްޓިޕްލް އެންޓްރީ އަށް 3،000 ރިޔާލް ދައްކަން ޖެހެ އެވެ. އެއް އަހަރުގެ މަލްޓިޕްލް އެންޓްރީ އަށް 5،000 ރިޔާލް އަދި ދެ އަހަރުގެ މަލްޓިޕްލް އެންޓްރީ އަށް 8،000 ރިޔާލް ދައްކަން ޖެހެ އެވެ.

ސައުދީގައި ޓްރާންސިޓް ކުރުމުގެ ފީ އަކީ 300 ރިޔާލެވެ. އަދި އެ ގައުމުގެ ކަނޑުގެ ބަނޑަރަކުން ބޭރުވާ ނަމަ 50 ރިޔާލުގެ ފީއެއް ދައްކަން ޖެހެ އެވެ.

ސައުދީ އަރަބިއާ އިން މިހާރު ދަނީ ތެލުގެ އަގު ދަށްވެ އެ ގައުމުގެ އާމްދަނީ ދަށަށްދާތީ ފައިސާ ހޯދާނެ އިތުރު ގޮތްތައް ހޯދަމުންނެވެ. ސައުދީން ޚަރަދު ކުޑަކުރުމުގެ ގޮތުން ދާދި ފަހުން ވަނީ ވަޒީރުންނާއި ޝޫރާ ކައުންސިލްގެ މެންބަރުންގެ މުސާރަ ކުޑަ ކޮށްފަ އެވެ.