މަސްތުވާތަކެތި ގެންގުޅުނު މީހަކު އުމުރަށް ޖަލަށް
މަސްތުވާތަކެތި ގެންގުޅުނު މީހަކު އުމުރަށް ޖަލަށް

ރިހާކުރި ފުޅިއެއްގެ ތެރެއަށް މަސްތުވާތަކެތި އަޅައިގެން ގެންގުޅުނު މީހަކު އުމުރަށް ޖަލަށްލުމާ އެކު 100،000ރ. އިން ޖޫރިމަނާކުރަން ހުކުމްކޮށްފި އެވެ.

ވ. ފެލިދޫ މެޖިސްޓްރޭޓް ކޯޓުން އެ ހުކުމް ކޮށްފައިވަނީ އެރަށު ބޮޮޑުކުންނާރުގޭ ޖަމީލް އަލީގެ މައްޗަށެވެ. އޭނާ ޖަލަށް ލީ މިދިޔަ އަހަރުގެ ޖޫން މަހުގެ ދުވަހެއްގައި އޭނާ ގެންގުޅުނު ކޮތަޅެއްގެ ތެރޭގައި އޮތް ރިހާކުރު ފުޅިއެއްގެ ތެރެއިން މަސްތުވާތަކެތި ފެނުނު މައްސަލައިގަ އެވެ.

ކޯޓުގެެ ހުކުމުގައި ވަނީ ޖަމީލް ޝަރީއަތުގައި ވެފައިވާ އިއުތިރާފުން އެ ކުށް އޭނާގެ މައްޗަށް ސާބިތުވާތީ މަސްތުވާތަކެތީގެ ގާނޫނުގެ ދަށުން އޭނާ އުމުރަށް ޖަލަށްލުމާ އެކު 100،000ރ. އިން ޖޫރިމަނާކުރާ ކަމަށެވެ. އަދި ޖޫރިމަނާ ފައިސާ ހަ މަސް ތެރޭގައި ދައްކަން އެ ހުކުމުގައި އަންގާފައިވެ އެވެ.

ވަކި އަދަދަކަށް ވުރެ ގިނައިން މަސްތުވާތަކެތި ގެންގުޅުމަކީ އުމުރަށް ޖަލަށް ލުމާ އެކު ބޮޑެތި ޖޫރިމަނާ ކުރެވޭނެ ކުށެކެވެ. މީހަކު ގެންގުޅޭ ނުވަތަ އެ މީހެއްގެ ކޮންޓްރޯލްގެ ދަށުގައި ހުރި އެއްޗަކުން ނުވަތަ ތަނަކުން މަސްތުވާއެއްޗެއް ފެނިއްޖެ ނަމަ، އެހެން ގޮތަކަށް ސާބިތުނުވާހާ ހިނދަކު ބެލެވޭނީ އެއީ އެ މީހެއްގެ އެއްޗެއްގެ ގޮތުގަ އެވެ.