އަޑޭ އަށް ފުރުސަތު ނުދިނީ މެޗުތަކެއް ގެއްލިފައިވުމުން: ކޯޗު
އަޑޭ އަށް ފުރުސަތު ނުދިނީ މެޗުތަކެއް ގެއްލިފައިވުމުން: ކޯޗު

އޭޝިއަން ކަޕް ކޮލިފައިންގައި ލާއޮސްއާ ދެކޮޅަށް މި މަހުގެ 11 ވަނަ ދުވަހު ގައުމީ ޓީމު ކުޅޭ މެޗުގެ ސްކޮޑަށް އިތުބާރު މިޑްފީލްޑަރު އަސްހަދު އަލީ (އަޑުބަރޭ) ނުނެގީ، އޭނާ ފުލުހުންގެ ބަންދުގައި ހުރުމާ ގުޅިގެން މެޗުތައް ގެއްލިފައިވާތީ ކަމަށް ގައުމީ ޓީމުގެ ކޯޗު ޑަރެން ސްޓެވާޓް ބުނެފި އެވެ.

އިދިކޮޅު ސިޔާސީ އެއްވުމެއްގެ ތެރެއިން އަޑުބަރޭ މިދިޔަ މަހުގެ 9 ވަނަ ދުވަހުގެރޭ ހައްޔަރުކުރުމަށް ފަހު 10 ދުވަސް ބަންދުގައި ބެހެއްޓި އެވެ. އެކަމާ ގުޅިހެން އޭނާ އަށް މާޒިޔާގެ މެޗުތަކެއް ގެއްލުނުއިރު ޕްރެކްޓިހާ ދުރުގައި ހުންނަން ޖެހުމުން ފިޓްނަސް ވަނީ ދަށްވެފަ އެވެ.

އަޑުބަރޭ ބާކީކުރީ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާތީ ކޯޗު ހިތްހަމަނުޖެހިގެން ކަމަށް ވާހަކަ ދެކެވުނެވެ. އެކަމަކު ކޯޗު ބުނީ އަޑުބަރޭ އަށް މި މެޗުގެ ސްކޮޑުން ފުރުސަތު ނުދިނީ ލީގު މެޗުތައް ގެއްލިފައިވާތީ، މެޗު ފިޓްނަސް ވެސް ދަށްވެފައިވާތީ ކަމަށެވެ.

އަޑުބަރޭ ވަނީ ސްޓެވާޓުގެ ކޯޗުކަމުގެ ދަށުން، މިދިޔަ މަހު ބަންގްލަދޭޝްއާ ދެކޮޅަށް ގައުމީ ޓީމު ކުޅުނު އެކުވެރިކަމުގެ މެޗާއި އޭޝިއަން ކަޕް ކޮލިފައިންގައި ލާއޮސްއާ ދެކޮޅަށް މޮޅު ކުޅުމެއް ދައްކައިފަ އެވެ. އޭނާ އަކީ ގައުމީ ޓީމުގައި ހިމެނޭ އެންމެ މަސައްކަތުގެ ރޭޓު ރަނގަޅު އެއް ކުޅުންތެރިޔާ އެވެ.

ލާއޮސްއާ ދެކޮޅަށް މާލޭގައި ކުޅުނު މެޗު 4-0 އިން ރާއްޖެ މޮޅުވެފައިވާތީ ރަށުން ބޭރުގައި ކުޅޭ މެޗުން އެއަށް ވުރެ ތަފާތު ބޮޑުކޮށް ރާއްޖެ ބަލިނުވެއްޖެ ނަމަ ކޮލިފައިންގެ ގްރޫޕް ސްޓޭޖުން ފުރުސަތު ލިބޭނެ އެވެ.

އަޑުބަރޭ މި އަހަރު މާޒިޔާ އަށް ސޮއިކޮށް މެޗެއް ނުކުޅެނީސް، ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުލް ބާރީ ޔޫސުފްގެ ފޮޓޯއެއް ނެގި ކަމަށް ބުނެ ފެބްރުއަރީ މަހު 13 ދުވަހު ހައްޔަރުކޮށްފައި ބެހެއްޓި އެވެ. އެ ބަންދާ ގުޅިގެން އޭނާ އަށް އޭއެފްސީ ކަޕުގައި މާޒިޔާ ކުޅުނު ފުރަތަމަ ދެ މެޗާއި ސީޒަން ހުޅުވި މެޗު ގެއްލުނެވެ. މާޒިޔާގެ ކޯޗު އަލީ ސުޒޭން ވަނީ، އޭނާ ނެތްތަން ފޫބައްދަން އުނދަގޫވި ކަމަށް ބުނެފަ އެވެ. އޭގެ ފަހުން ޖުލައި 22 ވަނަ ދުވަހު އިސްލާމީ މަރުކަޒުގައި ކުރި ހުކުރު ނަމާދަށް ފަހު، ސަރުކާރުގެ އަނިޔާވެރިކަމާ ދެކޮޅަށް ދުއާކުރަމުން ދަނިކޮށް، ވެސް އަޑުބަރޭ ހައްޔަރުކުރި އެވެ.

ފުޓްބޯޅަ ކެރިއަރު 2006 ވަނަ އަހަރު ފެށި އަޑުބަރޭ އަންނަނީ 2008 ވަނަ އަހަރުން ފެށިގެން ސިޔާސީ ކަންކަމުގައި ފާޅުގައި ހަރަކާތްތެރިވަމުންނެވެ. އެގޮތުން 2011 ވަނަ އަހަރުގެ ފަހުކޮޅު ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާތަކުގައި ވެސް ބައިވެރިވެ، އޭނާ އަށް އެކިވަރުގެ އަނިޔާތައް ވެސް ވި އެވެ. ޑީއާރްޕީގެ އިސް ހަރަކާތްތެރިއެއްގެ ގޮތުން ފާހަގަވުމަށް ފަހު އޭނާ ވަނީ 2011 ވަނަ އަހަރު އެމްޑީޕީއާ ގުޅިފަ އެވެ. މިހާރު އޭނާ އަކީ އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރެކެވެ.