03 އޮކްޓޯބަރ 2016 - 10:28

ލަންޑަން (އޮކްޓޫބަރު 3) - އިންގްލެންޑުގެ ވަގުތީ ކޯޗު ގަރެތު ސައުތުގޭޓް ނެގި ފުރަތަމަ ސްކޮޑުން މެންޗެސްޓާ ޔުނައިޓެޑްގެ ޒުވާން ދެ ކުޅުންތެރިން ކަމަށްވާ ޖެސޭ ލިންގާޑާއި މާކަސް ރެޝްފޯޑް ޖާގަ ހޯދައިފި އެވެ.
އިންގްލެންޑްގެ ކުރީގެ ކޯޗު ސޭމް އެލަޑައިސްގެ ސްކޮޑުން ރެޝްފޯޑަށް ފުރުސަތު ނުލިބެ އެވެ. އެންމެ ފަހުން ސައުތުގޭޓްގެ އިރުޝާދުގެ ދަށުން އިންގްލެންޑްގެ 23 އަހަރުން ދަށުގެ ޓީމު ކުޅުނު މެޗުގައި ރެޝްފޯޑް ވަނީ ހެޓްރިކެއް ހަދައިފަ އެވެ. އަދި އޭނާ އަންނަނީ ޔުނައިޓެޑްގެ ފުރަތަމަ އެގާރައިން ފުރުސަތު ހޯދައި މޮޅު ކުޅުމެއް ދައްކަމުންނެވެ.
ލިންގާޑް ވަނީ މިދިޔަ އަހަރު ފްރާންސާއި ދެކޮޅަށް އިންގްލެންޑް ކުޅުނު މެޗަށް ނެގި ސްކޮޑުގައި ހިމެނިފަ އެވެ. އެހެން ނަމަވެސް އެ މެޗުގައި އޭނާ އިނީ ބެންޗުގަ އެވެ.
މި ފަހަރުގެ ސްކޮޑުން ދެން ޖާގަ ހޯދީ ސްޓޯކް ސިޓީ އަށް ކުޅޭ ގްލެން ޖޯންސަން އާއި އާސެނަލްގެ އަލެކްސް އޮކްސްލޭޑް ޗެމްބަލެއިން އެވެ. މިއީ 2014 ވަނަ އަހަރުގެ ފަހުން ޖޯންސަން އިންގްލެންޑް ޓީމުގައި ހިމެނުނު ފުރަތަމަ ފަހަރެވެ.
އަނިޔާގެ ސަބަބުން އިންގްލެންޑް މިދިޔަ އަހަރު ކުޅުނު މެޗުތަކެއް ޗެމްބަލެއިން އަށް ވަނީ ގެއްލިފަ އެވެ. އަދި ފޯމު ދަށްވުމުގެ ސަބަބުން އިންގްލެންޑުގެ ކުރީގެ ދެ ކޯޗުން ކަމަށްވާ ރޯއީ ހޮޖްސަން އާއި ސޭމް އެލަޑައިސް ވެސް އޭނާ ނުނަގަ އެވެ.
އަނިޔާގެ ސަބަބުން މި ފަހަރުގެ ސްކޮޑުން ބާކީވީ ލިވަޕޫލްގެ އެޑަމް ލަލާނާ އާއި ނެތަނިއަލް ކްލައިން އެވެ.
ވޯލްޑް ކަޕް ކޮލިފައިންގައި އިންގްލެންޑް މޯލްޓާ އާއި ސްލޮވީނިއާއާ ދެކޮޅަށް ކުޅޭ މެޗަށް ނެގި އިންގްލެންޑުގެ ސްކޮޑު:
ގޯލްކީޕަރު: ފްރޭޒާ ފޯސްޓާ (ސައުތެމްޓަން)، ޖޯ ހާޓް (ޓޮރީނޯ)، ޓޮމް ހީޓަން (ބާންލީ)
ޑިފެންޑަރުން: ގެރީ ކޭހިލް (ޗެލްސީ) ގްލެން ޖޯންސަން (ސްޓޯކް)، ފިލް ޔަގިއެލްކާ (އެވަޓަން)، ޑެނީ ރޯސް (ޓޮޓެންހަމް)، ލޫކް ޝޯ (މެންޗެސްޓާ ޔުނައިޓެޑް)، ކްރިސް ސްމޯލިން (މެންޗެސްޓާ ޔުނައިޓެޑް)، ޖޯން ސްޓޯންސް (މެންޗެސްޓާ ސިޓީ)، ކައިލް ވޯކާ (ޓޮޓެންހަމް)
މިޑްފީލްޑަރުން: ޑެލެ އަލީ (ޓޮޓެންހަމް)، މިކައިލް އެންޓޯނިއޯ (ވެސްޓް ހޭމް)، އެރިކް ޑަޔާ (ޓޮޓެންހަމް)، ޖެސޭ ލިންގާޑް (ޔުނައިޓެޑް)، ޖޯޑަން ހެންޑަސަން (ލިވަޕޫލް)، އަލެކްސް ޗެމްބަލެއިން (އާސެނަލް)، ވޭން ރޫނީ ( ޔުނައިޓެޑް)، ރަހީމް ސްޓާލިން (މެންޗެސްޓާ ސިޓީ)، ތިއޯ ވޮލްކޮޓް (އާސެނަލް)
ފޯވާޑުން: މާކަސް ރެޝްފޯޑް (ޔުނައިޓެޑް). ޖޭމީ ވާޑީ (ލެސްޓާ)، ޑެނިއަލް ސްޓަރިޖް (ލިވަޕޫލް)