ވާދަވެރިކަމެއް ނޯންނާނެ، އެންމެން ބައިވެރިކުރާނަން: ލަތީފް
ވާދަވެރިކަމެއް ނޯންނާނެ، އެންމެން ބައިވެރިކުރާނަން: ލަތީފް

އާ އެގްޒެކެޓިވް ބޯޑަކާ އެކު، އެޅިގެން މިދިޔައީ ދިވެހި ވޮލީބޯޅައިގެ އާ ބިންގަލެއް ކަމަށާއި މަސައްކަތްކުރާނީ ވާދަވެރިކަން ނައްތާލައި އެންމެން ގުޅިގެން ވޮލީބޯޅަ ކުރިއަރުވަން ކަމަށް ވޮލީބޯޅަ އެސޯސިއޭޝަނުގެ އާ ރައީސް މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.

ހޮނިހިރު ދުވަހުގެރޭގެ އިންތިހާބާ އެކު، މިދިޔަ ދެ ދައުރުގައި ފެނިގެން ދިޔަ ބޯޑް ވަނީ އެއްކޮށް ބަދަލުވެފަ އެވެ. މުޅިން އާ ޓީމެއް ހަވާލުވެފައިވާއިރު ލަތީފް ވިދާޅުވީ ކުރީ ދައުރުގައި ކޮށްފައިވާ ރަނގަޅުކަންކަން ދަމަހައްޓާނެ ކަމަށެވެ.

"މިއީ ވަރަށް ތާރީހީ ރެއެއް. ދިވެހި ވޮލީބޯޅައިގެ މުޅިން އާ ބިންގަލެއް އެޅިގެން މިދިޔައީ. މިހިސާބަށް އައިއިރު ވާދަވެރިން ވެސް ތިބޭނެ. އެކަމަކު މިހިސާބުން އެ ވާދަވެރިކަން ނައްތާލައި އެންމެންނާ ގުޅިގެން އަޅުގަނޑު މަސައްކަތްކުރާނީ. ފަހަތަށް ނުބަލާނަން އަޅުގަނޑުމެން،" އެމްއީއެސް ވޮލީބޯޅަ ޓީމުން ފާހަގަވުމަށް ފަހު 1991 ވަނަ އަހަރުގެ ސާފް ގޭމްސްގައި ވާދަކުރި ގައުމީ ވޮލީބޯޅަ ޓީމުން ޖާގަ ހޯދި ލަތީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ރިޔާޒް ވެސް ރަނގަޅު މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށާއި އެ ކަންކަން ކުރިއަށް ގެންގޮސް އަދި ނުކުރެވި ހުރި ކަންކަމާއި މުޅިން އަލަށް ގިނަ ކަންތައްތައް ފަށްޓަވާނެ ކަމަށެވެ.

"އަޅުގަނޑު މަސައްކަތްކުރާނީ ހުރިހާ ގޮތަކުން ވެސް ކުރިއެރުން ހޯދައިދޭން. އެގޮތުން އެންމެ ބޮޑު އުއްމީދަކީ ދިވެހި ވޮލީބޯޅަ އަތޮޅުތަކަށް ގެންދިއުން. މާލެގައި އެކަނި ކުޅޭ ކުޅިވަރަކަށް ހެދުމުގެ ބަދަލުގައި މުޅި ރާއްޖޭގައި ކުޅޭ ކުޅިވަރަކަށް ހަދާނަން،" ލަތީފް ވިދާޅުވީ އެވެ.

ލަތީފް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީނަކީ ޒުވާނުންނާއި ކުޅިވަރު ކުރިއެރުވުމަށް އިސްކަންދެއްވާ ރައީސެއް ކަމަށާއި ސަރުކާރުގެ ބަޖެޓުން ކުޅިވަރަށް ބޮޑު ހަރަދެއް ވެސް ކުރައްވާ ކަމަށެވެ. އެހެންކަމުން ސަރުކާރުގެ ކުޅިވަރު މެނިފެސްޓޯ ތަންފީޒުކުރުމުގައި ވޮލީބޯޅަ އެސޯސިއޭޝަނުން އެހީތެރިކަން ދޭނެ ކަމަށް ވިދާޅުވި އެވެ.

ވެލެންސިއާ، ވިކްޓަރީ، ނިއު ރޭޑިއަންޓް، ހިޒް ކްލަބް އަދި އައްޑޫ ސްޕޯޓްސް އަށް ކުޅެ މީގެ ތެރެއިން ހިޒް ކްލަބުން ގައުމީ ތަށި މިލްކުކުރިއިރު މުހިއްމު ދައުރެއް އަދާކުރި ލަތީފް ވިދާޅުވީ ގައުމީ ޓީމާއި ކްލަބްތަކަށް ހާއްސަކޮށްގެން އިންވިޓޭޝަނަލް މުބާރާތެއް ވެސް ބާއްވާނެ ކަމަށެވެ.

ވޮލީބޯޅަ ކުޅުން ހުއްޓާލެއްވުމަށް ފަހު ކޯޗިންގެ ތެރޭގައި ވެސް މަސައްކަތްކުރެއްވި ލަތީފް ވަނީ މިދިޔަ އަހަރު ގައުމީ ފުޓްބޯޅަ ޓީމުގެ މެނޭޖަރުކަން ވެސް ކޮށްފަ އެވެ. އަދި މޯލްޑިވިއަން އިން ވޮލީބޯޅަ ޓީމެއް ނެރެ އެ ޓީމުން މިދިޔަ އަހަރުގެ ގައުމީ ތަށި ކާމިޔާބުކުރިއިރު، ވެސް އެންމެ އިސް ދައުރެއް އަދާކުރެއްވީ ލަތީފެވެ.