03 އޮކްޓޯބަރ 2016 - 09:47

ލަންޑަން (އޮކްޓޫބަރު 3) - މެންޗެސްޓާ ސިޓީގެ ކުޅުން ބަދަލުކޮށް ތަފާތު ދައްކަން މަދުވެގެން ދެ އަހަރު ނަގާނެ ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި އިއްޔެ ޓޮޓެންހަމް އަތުން ސިޓީވި ބައްޔަކީ ގާޑިއޯލާގެ ކޯޗުކަމުގައި އެ ޓީމުން ކުޅުނު 11 މެޗުން ކުރިމަތިވި ފުރަތަމަ ނާކާމިޔާބީ އެވެ. ގާޑިއޯލާ ބުނީ ޓޮޓެންހަމަކީ ވަރުގަދަ ޓީމެއް ކަމަށާއި އިއްޔެ އެ ޓީމު ފެނުނީ ތަފާތުކޮށް ކަމަށެވެ.
"ޓޮޓެންހަމަކީ މިދިޔަ ސީޒަނުގައި ލީގަށް ވެސް ވާދަކުރި ޓީމެއް. އެ ޓީމަށް މާބޮޑު ބަދަލެއް ނާދޭ. އެއް ކޯޗެއް ހުރީ. މަދު ކުޅުންތެރިންތަކެއް ޓީމާ ގުޅުނީ. އެ ތަފާތު ދެއްކި. މި މެޗުގައި ޓޮޓެންހަމް މޮޅީ. އެކަމަކު ސިޓީ އަހަރެން ބޭނުންވާ ސިސްޓަމަށް ދެ އަހަރު ތެރޭގައި ހޭނުމުން މޮޅުވާނީ އަހަރެމެން،" ގާޑިއޯލާ ބުންޏެވެ.
ސިޓީ ލީގުގެ އެއް ވަނައިގައި އޮތީ ހަތް މެޗުން 18 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި ޓޮޓެންހަމް އޮތީ އެންމެ ޕޮއިންޓެއް މަދުން ހޯދައިގެންނެވެ. ހަތް މެޗުން އެ ޓީމަށް ލިބިފައިވަނީ 17 ޕޮއިންޓެވެ. ލީގުގައި އަދި މެޗަކުން ބަލިނުވެ އޮތް ހަމައެކަނި ޓީމަކީ ޓޮޓެންހަމް އެވެ.
ޕޮޗެޓިނޯ ބުނީ ސިޓީ އަތުން މޮޅުވެވުނީ ކުޅުންތެރިން އޭނާގެ ރޭވުންތަކާ އެއްގޮތަށް އެއްވެސް މިސްޓޭކެއް ނަހަދައި ކުޅުމުން ކަމަށެވެ.
"ސިޓީއާ އެކު ކުޅެން ޖެހޭނީ ވަރަށް ކެރިގެން. އެއީ ކިތަންމެ ކުޑަ ގޯހެއް ހަދައިގެން ވެސް ގެއްލޭނެ ފަދަ މެޗެއް މިއީ،" ކުރިން ސައުތެމްޓަނަށް ކޯޗުކޮށްދިން ޕޮޗެޓީނޯ ބުންޏެވެ.
ޓޮޓެންހަމްގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯގެ ކޯޗިން ކެރިއަރުގައި އޭނާ ހޯދި ފުރަތަމަ މޮޅަކީ 2009 ވަނަ އަހަރު ގާޑިއޯލާގެ ބާސެލޯނާއާ ވާދަކޮށް ހޯދި މޮޅެވެ. ސްޕެނިޝް ލީގުގައި ބާސެލޯނާ ދަނޑުގައި ޕޮޗެޓީނޯގެ ކޯޗުކަމުގައި އެސްޕަންޔޯލް އެ ފަހަރު މޮޅުވީ 2-1 އިންނެވެ.