އިންޑިއާ އިން ޕެރިސް ތިމާވެށި އެއްބަސްވުން ތަސްދީގުކޮށްފި
އިންޑިއާ އިން ޕެރިސް ތިމާވެށި އެއްބަސްވުން ތަސްދީގުކޮށްފި

ނިއު ދިއްލީ (އޮކްޓޯބަރު 2) - ދުނިޔޭގެ ތިމާވެށި ހިމާޔަތް ކުރުމަށް މިދިޔަ ޑިސެމްބަރު މަހު އެކުލަވާލި ޕެރިސް ތިމާވެށި އެއްބަސްވުން އިންޑިއާ އިން މިއަދު ތަސްދީގުކޮށްފި އެވެ.

އިންޑިއާގެ މިނިވަންކަމުގެ ބާނީ މަހާތަމާ ގާނދީގެ އުފަން ދުވަހު ތަސްދީގު ކުރި އެއްބަސްވުމުގައިވާ ގޮތުން އިންޑިއާގައި އުފައްދާ ކަރަންޓުގެ 40 ޕަސެންޓަކީ ފޮސިލް ފިއުލް ނޫން ވަސީލްތަކުން އުފައްދާ ކަރަންޓަށް 2030 ވަނަ އަހަރާ ހަމައަށް ދާއިރު ހަދަން ޖެހެ އެވެ.

ދުނިޔޭގެ މޫސުމަށް ބަދަލު އައުމުގެ މައިގަނޑު ސަބަބަކީ ޖައްވަށް ދޫކުރާ ވިހަ ގޭހެވެ. ޕެރިސް އެއްބަސްވުމުގައި ގައުމުތަކުން އެއްބަސްވެފައި ވަނީ ދުނިޔޭގެ އެވްރެޖް ހޫނުމިން ދެ ޑިގްރީ ސެލްސިއަސް އަށް ވުރެ މަތި ނުވެ ހިފެހެއްޓުމަށެވެ.

އިންޑިއާ އިން ޕެރިހުގެ ތިމާވެށި އެއްބަސްވުން ތަސްދީގު ކުރާނެކަން ބޮޑު ވަޒީރު ނަރެންދުރަ މޯދީ މިދިޔަ މަހު ފަހުކޮޅު އިއުލާން ކުރެއްވީ ދެކުނު ކެރެލާގައި ބޭއްވި ވެރިކަންކުރާ ޕާޓީގެ ބައްދަލުވުމެއްގަ އެވެ.

ޕެރިސް އެއްބަސްވުމަށް އަމަލު ކުރެވޭނީ 55 ގައުމުން މި އެއްބަސްވުން ތަސްދީގު ކުރުމުންނެވެ. އަދި އެ ގައުމުތަކަކީ ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ 55 ޕަސެންޓް ހިއްސާ ކުރާ ގައުމުތަކަށް ވެސް ވާން ޖެހެ އެވެ. ދުނިޔޭގެ ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ 40 ޕަސެންޓް ހިއްސާ ކުރާ ޗައިނާ އާއި އެމެރިކާ އިން ވެސް ވަނީ ޕެރިސް އެއްބަސްވުން މިދިޔަ މަހު ކުރީކޮޅު ތަސްދީގުކޮށްފަ އެވެ. ޖައްވަށް ބޭރުކުރާ ވިހަ ގޭހުގައި އިންޑިއާގެ ހިއްސާ އަކީ 4.5 ޕަސެންޓެވެ.

ޕެރިސް އެއްބަސްވުން ޗައިނާ އިން ތަސްދީގު ކުރުމުގެ ކުރިން މި އެއްބަސްވުން ތަސްދީގު ކޮށްފައި ވަނީ 23 ގައުމަކުންނެވެ. މި ގައުމުތައް ހިއްސާ ކުރަނީ ދުނިޔޭގެ ޖައްވަށް ދޫކުރާ ވިހަ ގޭހުގެ އެންމެ އެއް ޕަސެންޓެވެ. އެކަމަކު ނިމިގެން ދިޔަ އދ.ގެ އާއްމު މަޖިލީހުގެ ބައްދަލުވުމުގައި 30 ގައުމަކުން ވަނީ ޕެރިސް އެއްބަސްވުން ތަސްދީގުކޮށްފައިވެ އެވެ. މިހާތަނަށް މި އެއްބަސްވުން ވަނީ 62 ގައުމުން ތަސްދީގުކޮށްފަ އެވެ. ޔޫރަޕިއަން ޔޫނިއަން އިން ވެސް ބުނެފައި ވަނީ ވަރަށް އަވަހަށް ޕެރިސް އެއްބަސްވުން ތަސްދީގު ކުރާނެ ކަމަށެވެ. ޔޫރަޕުން ތަސްދީގުކޮށްފި ނަމަ 55 ޕަސެންޓުގެ މިންގަނޑާ ހަމައަށް އަރާނެ އެވެ.

އދ.ގެ ސެކްރެޓަރީ ޖެނެރަލް ބާން ކީ މޫން ވިދާޅުވެފައި ވަނީ ޕެރިސް އެއްބަސްވުމަށް މި އަހަރު ނިމޭއިރު އަމަލު ކުރަން ފެށޭވަރު ވާނެ ކަމަށެވެ.