02 އޮކްޓޯބަރ 2016 - 21:04

ލަންޑަން (އޮކްޓޯބަރު 2) - އިންގްލިޝް ޕްރިމިއާ ލީގުގައި ސަތޭކަ ޕަސެންޓް ރެކޯޑެއް ދަމަހައްޓަމުން އައި މެންޗެސްޓާ ސިޓީ މިރޭ ޓޮޓެންހަމް ހޮޓްސްޕާސް އަތުން 2-0 އިން ބަލިވެ ސީޒަނުގައި ފުރަތަމަ ފަހަރަށް މެޗަކުން ބަލިވެއްޖެ އެވެ.
ޕެޕް ގާޑިއޯލާގެ ކޯޗުކަމުގެ ދަށުން ކުޅޭ ސިޓީން މި ސީޒަނުގައި މިހާތަނަށް ފުރިހަމަ ކުޅުމެއް ދައްކަމުން އައި ނަމަވެސް، އާޖެންޓީނާގެ ކުރީގެ ޑިފެންޑަރު މައުރީސިއޯ ޕޮޗެޓީނޯ ކޯޗުކޮށްދޭ ޓޮޓެންހަމް ފެނުނީ މިރޭ ވަރަށް ވަރުގަދަކޮށެވެ.
އަމިއްލަ ދަނޑުގައި ކުޅުނު ޓޮޓެންހަމުން މެޗު ފެށީއްސުރެ ޑޮމިނޭޓްކުރަން ފެށިއިރު އެ ޓީމަށް ނުވަ ވަނަ މިނެޓުގައި ލީޑު ލިބުނީ ސިޓީގެ އެލެކްސަންޑޯ ކޮލަރޯފް އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ. އެ ޓީމުގެ ދެ ވަނަ ލަނޑު 37 ވަނަ މިނެޓުގައި ކާމިޔާބުކުރީ ޑެލޭ އަލީ އެވެ.
ދެ ވަނަ ހާފުގައި ޓޮޓެންހަމުން ލީޑު ފުޅާކުރުމާ ގާތަށް ވެސް ދިޔަ އެވެ. އެކަމަކު އެ ޓީމުގެ ފުރިހަމަ އެޓޭކެއް ހުއްޓުވަން ސިޓީގެ ފެނާންޑީނިއޯ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެރިކް ލަމޭލާ ޖެހުމުން ސިޓީގެ ގޯލްކީޕަރު ކްލައުޑިއޯ ބްރާވޯ ދިފާއުކުރި އެވެ.
މި މޮޅާ އެކު 17 ޕޮއިންޓް ހަމަކޮށް ޓޮޓެންހަމް ދެ ވަނަ އަށް އެރިއިރު އެ ޓީމަކީ މިހާރު ލީގުގައި ބަލިނުވާ ހަމައެކަނި ޓީމެވެ. އަދިވެސް އެއް ވަނައިގައި އޮތީ 18 ޕޮއިންޓާ އެކު ސިޓީ އެވެ. ސޯޅަ ޕޮއިންޓާ އެކު އޮތް ލިވަޕޫލް މިހާރު ވަނީ ތިން ވަނަ އަށް ވެއްޓިފަ އެވެ.
ސިޓީ އަށް ނާކާމިޔާބުވިއިރު، މެންޗެސްޓާގެ އަނެއް ކްލަބް ކަމަށްވާ މެންޗެސްޓާ ޔުނައިޓެޑް ވަނީ ސްޓޯކް ސިޓީއާ 1-1 އިން އެއްވަރުވެފަ އެވެ. އެންތަނީ މާޝިއާލްގެ ލަނޑުން 69 ވަނަ މިނެޓުގައި ޔުނައިޓެޑް ލީޑު ނަގާފައިވަނިކޮށް 82 ވަނަ މިނެޓުގައި ސްޓޯކަށް އެއްވަރުކޮށްދިނީ ލިވަޕޫލުގެ ކުރީގެ ކުޅުންތެރިޔާ ޖޯ އެލަން އެވެ.
މި މެޗުން ލިބުނު ޕޮއިންޓާ އެކު ސްޓޯކް ވަނީ ތާވަލުގެ ފުލުން އަރައިފަ އެވެ. އެ ޓީމު މިހާރު އޮތީ އެންމެ ތިން ޕޮއިންޓާ އެކު ފުލުން ދެ ވަނައިގަ އެވެ. މެންޗެސްޓާ ޔުނައިޓެޑް އޮތީ 13 ޕޮއިންޓާ އެކު ހަ ވަނައިގަ އެވެ.
މިރޭ ކުޅުނު އަނެއް މެޗުގައި ޗެމްޕިއަން ލެސްޓާ ސިޓީ ވަނީ ސައުތުހެމްޓަންއާ ލަނޑެއް ނުޖެހި އެއްވަރުވެފަ އެވެ. ޗެމްޕިއަންސް ލީގުގައި ކުޅުނު ދެ މެޗުން މޮޅުވެފައިވާ ލެސްޓާ އަށް ލީގުގައި މި ފަހަރު ރަނގަޅު ނަތީޖާއެއް ނުހޯދެ އެވެ. އަށް ޕޮއިންޓާ އެކު 12 ވަނައިގައި ލެސްޓާ އޮތްއިރު ސައުތުހެމްޓަން އޮތީ ނުވަ ޕޮއިންޓާ އެކު 10 ވަނައިގަ އެވެ.