02 އޮކްޓޯބަރ 2016 - 15:19

ނިއު ޔޯކް (އޮކްޓޯބަރު 2) - ހިލަރީ ކްލިންޓަންގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް މިދިޔަ މަހު ވަނީ ރެކޯޑް އަދަދެއް ކަމަށްވާ 154 މިލިއަން ޑޮލަރު ލިބިފައި ކަމަށް އެކަމަނާ ވިދާޅުވެއްޖެ އެވެ.

މިދިޔަ އޮގަސްޓް މަހު ހިލަރީގެ ކެމްޕޭނަށް ލިބިފައި ވަނީ 143 މިލިއަން ޑޮލަރެވެ. ޓްރަމްޕުގެ ކެމްޕޭނަށް އޮގަސްޓް މަހު ލިބިފައި ވަނީ 90 މިލިއަން ޑޮލަރެވެ.
އެމެރިކާގެ ރިޔާސީ އިންތިޚާބަށް އާއްމު ފަރުދަކަށް އެންމެ ގިނައިން ދެވޭނީ 2،700 ޑޮލަރެވެ. އެއަށް ވުރެ ގިނައިން އެހީ ދީފި ނަމަ އެ ފައިސާ ދާނީ ޕާޓީގެ ބަޖެޓަށެވެ.
ހިލަރީގެ ކެމްޕޭން އޮފީހުން ބުނީ މިދިޔަ މަހު އެކަމަނާގެ ކެމްޕޭނަށް 900،000 މީހުން އެހީވެދީފައިވާ ކަމަށެވެ. އަދި ކެމްޕޭން ފެށުނު ފަހުން މިހާތަނަށް 2.6 މިލިއަން މީހުން އެހީވެފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
މިދިޔަ މަހު ކުރީކޮޅު ޓްރަމްޕް ވިދާޅުވެފައި ވަނީ އެކި މީހުންދޭ އެހީ އަށް ވުރެ ބޮޑަށް އޭނާ ބޭނުން ވަނީ އަމިއްލަ ފައިސާ ޚަރަދު ކުރަން ކަމަށެވެ. މި ގޮތުން ވައިޓްހައުސް ރޭހަށް މިހާތަނަށް 60 މިލިއަން ޑޮލަރު ޚަރަދުކޮށްފައިވާ ކަމަށް ވަނީ ވިދާޅުވެފަ އެވެ. އަދި މިދިޔަ ހަފުތާގައި ބޭއްވި ބަހުސް ނިމުނުތާ 24 ގަޑިއިރު ތެރޭ ކެމްޕޭނަށް 18 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށް ވެސް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.
އެމެރިކާގެ ރިޔާސީ އިންތިޚާބު އޮންނާނީ އަންނަ މަހު 8 ގަ އެވެ.