04 އޮކްޓޯބަރ 2016 - 06:14

"ޑޭޒީމާ" ގެ ނަމުން މަޝްހޫރު އައިމިނަތު ފާއިޒާއަކީ ރާއްޖޭގައި އުފެދުނު އެންމެ ވަރުގަދަ އެއް ޝާއިރެވެ. ޅެން ހެދުމުގެ އިތުރުން ވާހަކަ ލިޔުމުގެ ހުނަރާ އެކު ފާއިޒާ ވަނީ ދިވެހިންގެ ހިތްތަކުން ވަރަށް ޝަރަފުވެރި ޖާގައެއް ހޯއްދަވައިފަ އެވެ.

ފާއިޒާ މީގެ ފަސް އަހަރު ކުރިން އަހަރެމެންނާ ވަކިވެގެން ދިޔަ ނަމަވެސް، އޭނާގެ ހިދުމަތްތައް ރާއްޖެ އަބަދު ވެސް ހަނދާން ކުރާނެ އެވެ.
ފާއިޒާގެ ބޭފުޅެއް ކަމަށްވާ މުހައްމަދު ހިލްމީ ސްކްރީންޕްލޭ ލިޔުއްވި ފިލްމު "ހާލީ"ގައި ހިމެނޭ ލަވަތަކުގެ ތެރެއިން، އެ ފިލްމުގެ ޑައިރެކްޓަރު ހުސައިން ޝިހާބު ވިދާޅުވެފައިވާ ލަވަ "ކައިވެނީގެ އަމާޒު" އަކީ ދިވެހި ލަވަތަކުގެ ތެރެއިން ވެސް ފާހަގަކޮށްލެވޭ ކްލަސިކެކެވެ. އެއީ އަބަދަށް ފެހި ލަވައެކެވެ.
މި ލަވައިގެ ޅެމަކީ ފާއިޒާގެ ހިތްގައިމު ޅެންތަކުގެ ތެރެއިން ކުޑަ މިންވަރެކެވެ.
ހިލްމީ މިހާރު ގެންދަވީ މަންމަގެ އަގުހުރި މަސައްކަތްތައް އެއްކުރައްވައި، ވަރުގަދަ މަސައްކަތަކަށް ވެސް ތައްޔާރުވަމުންނެވެ. އެއީ ފާއިޒާ ހައްދަވާފައިވާ ޅެންތައް ހިމަނައިގެން ހަދާ ފިލްމެއްގެ މަސައްކަތެވެ. އޭގެ ސްކްރީންޕްލޭގެ ވަރަށް ބޮޑު ބައި މިހާރު ވަނީ ނިންމައިފަ އެވެ.
މީގެ އެންމެ ޝައުގުވެރި ތަންކޮޅަކީ އަންހެނެއްގެ މައްޗަށް ބިނާކޮށް ފައްކާ ކުރައްވަމުން ގެންދަވާ ސްކްރީންޕްލޭގައި އެ ކެރެކްޓާ އަށް ފާއިޒާގެ ޝަހުސިއްޔަތުން ވެސް ކުލަ ޖެއްސުމެވެ.
"މީގެ ސްޓޯރީލައިން އަޅުގަނޑު ހަދާފައި ވަނީ އިހުސާސްގެ މަސައްކަތް ކުރަމުން ދިޔަ ދުވަސްވަރު. އޭރުއްސުރެ ވަރަށް ބޭނުންވެފައި ހުރި ކަމެއް މަންމަގެ ޅެންތައް ހިމަނައިގެން އެއްޗެއް ލިޔުމަކީ،" ހިލްމީ ސްކްރީންޕްލޭ ލިޔުއްވައި، ޑައިރެކްޓް ކުރެއްވި "އިހުސާސް" ގެ ހަނދާންތަކާ އެކު ވިދާޅުވި އެވެ. "މިހާރު ދެން މިއޮތީ މީގެ ސްކްރީންޕްލޭގެ ވަރަށް ބޮޑު ބައި ނިމިފައި."
އޭނާ ވިދާޅުވަނީ މަންމާފުޅުގެ ޅެންތައް "ކޮމްޕައިލް" ކުރެއްވުމަކީ ފަސޭހަ ކަމެއް ނޫން ކަމަށެވެ.
"ޝާއިއު ނުކުރެވި އާންމުންނާ ހަމައަށް ނުގޮސް ހުރި ވަރަށް ގިނަ ޅެންތަކެއް ވެސް އެބަހުރި. މަންމަގެ ޅެންތައް ހިމަނައިގެން އަދި މަންމަގެ ޝަހުސިއްޔަތު ދައްކުވައި ދެވޭ ކަހަލަ ކެރެކްޓާއެއް ބިލްޑްކޮށް ސްކްރީންޕްލޭ މި ލިޔަނީ،" ފިލްމް "ޗުއްޓީ" ގެ ސްކްރީންޕްލޭ ވެސް ލިޔުއްވި ހިލްމީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފިލްމުގައި ހިމަނަން ނިންމާ ޅެންތައް (ލަވަތައް) މިހާރު ހުރީ ރިކޯޑިން އަށް ދާ ހިސާބުގައި ކަމަށެވެ.
"މިހާރު ފިލްމަށް ނަގާނެ ބައެއް އެކްޓަރުންނާ ވެސް އެބަ ވާހަކަ ދެކެވޭ ކޮންމެވެސް ވަރަކަށް،" އަންނަ އަހަރު މަސައްކަތް ފަށަން ޕްލޭންކޮށްފައިވާ ފިލްމާ ބެހޭ ގޮތުން ހިލްމީ ވިދާޅުވި އެވެ. "އެހެންވެ މީގެ ތަފުސީލަކަށް ދާން އަދި ތަންކޮޅެއް އަވަސް. މީގެ މަސައްކަތް ޕްރޮގްރެސްވަމުން އަންނަ ވަރަކަށް ހިއްސާ ކުރާނަން."
ހިލްމީ ވިދާޅުވީ ސްކްރީންޕްލޭ ލިޔުއްވި ނަމަވެސް، ޑައިރެކްޓަރުގެ ގޮނޑި އަށް ވަޑައިގެންނެވުމާ ދޭތެރޭ ވިސްނުމެއް ނެތް ކަމަށެވެ.
"އެކަހަލަ ވިސްނުމެއް އަދިއެއް ނެތް. އެކަމަކު ފަހުން ވާނެ ގޮތެއް ނޭނގޭ. އަޅުގަނޑު ވަރަށް ބޭނުންވޭ އެހެން މީހުން ލައްވައި ކްރިއޭޓިވް މަސައްކަތްތައް ކުރުވަން. އަޅުގަނޑަކީ އެންމެ އިސް މީހާ ކަމަށް ދެކިގެން ހުރިހާ ކްރެޑިޓެއް ނަގާ ގޮތަކަށް މަސައްކަތް ކުރާ ހިތްވާ މީހެއް ނޫން،" އޭނާ ވިދާޅުވި އެވެ.
މަންމަގެ ޅެންތަކާ އެކު ހިލްމީ ހައްދަވާ ސްކްރީންޕްލޭގެ އިތުރަށް ވެސް މިކަހަލަ ދެ މަސައްކަތެއްގެ މަސައްކަތް އޭނާ ގެންދަވަނީ ކުރައްވަމުންނެވެ.
އޭގެ ތެރެއިން އެކައްޗަކީ މުހައްމަދު މުންތަސިރު (މުންކޮ) ހަދާފައިވާ ސްޓޭޖް ޕްލޭ "ނުޖެހޭނެ" އަށް ބިނާކޮށް ސްކްރީންޕްލޭއެއް ތައްޔާރު ކުރެއްވުމެވެ. މީގެ އިތުރުން މުޅިން "ޔުނިކް ކޮންސެޕްޓަކަށް" ލިޔުއްވާ އެއްޗެއްގެ މަސައްކަތް ވެސް ހިލްމީ ގެންދަވަނީ ކުރައްވަމުންނެވެ.
"ފިލްމީ ދާއިރާގެ އެންމެ ޕްރޮންޓް ލައިިނުން އަޅުގަނޑު ނުފެނުނަސް އެކިއެކި މަސައްކަތުގެ ތެރޭގައި އެކި ހައިސިއްޔަތުން އެބަ އުޅެވޭ. ހާއްސަކޮށް ފަންނީ ކަންކަމުގައި،" ރާއްޖޭގައި ބާއްވާ ފިލްމް ފެސްޓިވަލްތަކާއި ޑްރާމާ މުބާރާތްތަކުގެ ފަނޑިޔާރުކަން ވެސް ކުރައްވާ ހިލްމީ ވިދާޅުވި އެވެ.
ޔޫއެންއެފްޕީއޭގެ ޕްރޮޖެކްޓަކަށް މަޝްހޫރު ސްކްރީން ރައިޓަރު މަހުދީ އަހުމަދާ ގުޅިވަޑައިގެން ފިލްމް "އަހަރެން"ގެ ސްކްރީންޕްލޭ ވެސް ލިޔުއްވި ހިލްމީ ވިދާޅުވީ ފިލްމީ ދާއިރާއަކީ ވަރަށް ލޯބި ކުރައްވާ، ވަރަށް ޝައުގުވެރިވެވަޑައިގަންނަވާ ދާއިރާއެއް ކަމަށެވެ.
ފިލްމުތަކަކަށް ސްކްރީންޕްލޭތަކެއް ހިލްމީ ފައްކާ ކުރައްވަމުން ގެންދަވާ އިރު، މިހާތަނަށް ބެއްލެވުނު ވަރަށް ހާއްސަ ފިލްމެއްގެ ވާހަކަ ވެސް ހިއްސާ ކުރައްވައިފަ އެވެ.
އެއީ މަޝްހޫރު ކޮމީޑިއަން އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ޕްރޮޑިއުސްކޮށް، އެކްޓްކޮށްފައިވާ ކުރު ފިލްމް "ފަގީރު ކޮއި" އެވެ.
ރަށްފުށުގެ ދެމަފިރިއެއްގެ ދިރިއުޅުން ދައްކުވައިދޭ އެ ފިލްމަކީ ހިލްމީ ސިފަ ކުރެއްވި ގޮތުގައި "ފަސްމީރު ކުރި ރުކެކެވެ."
"އަޅުގަނޑު ހިތަށް އަރާ އަދިވެސް އެކަހަލަ ފިލްމުތަކެއް ބަޔަކު ހަދާނެ ނަމައޭ. ބަލާލަން ލިބޭނެ ނަމައޭ. އެއީ ވަރަށް ފުރިހަމަ ވަރަށް މޮޅު ފިލްމެއް،" ފިލްމަށް ތައުރީފު ކުރައްވަމުން ހިލްމީ ވިދާޅުވި އެވެ.