30 މެއި 2016 - 19:37

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބުނު މިންވަރު 24.8 މިލިއަން ރުފިޔާއަށް އިތުރުވެއްޖެ އެވެ.
ރާއްޖޭގައި ހިންގާ ހަމައެކަނި އިސްލާމިކް ބޭންކަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 24.8 މިލިއަން ރުފިޔާ ލިބުނުއިރު 2014 ވަނަ އަހަރު އެ ބޭންކަށް ލިބިފައި ވަނީ 13.9 މިލިއަން ރުފިޔާ އެވެ.
އެމްއައިބީ އިން ދާދި ފަހުން އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ވިޔަފާރިތަކަށް ދޫކުރި މާލީ އެހީން ވަނީ އާމްދަނީގެ ގޮތުގައި 50 މިލިއަން ރުފިޔާ ލިބިފަ އެވެ. އަދި އޭގެ ތެރެއިން ބޭންކު ކަސްޓަމަރުންނަށް 10 މިލިއަން ރުފިޔާ ފައިދާގެ ގޮތުގައި ދީފައިވެ އެވެ.
އެމްއައިބީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ވިޔަފާރިކޮށްގެން ޖުމްލަ އާމްދަނީގެ ގޮތުގައި 92 މިލިއަން ރުފިޔާ ލިބުނެވެ. އަދި އެ ބޭންކުން މިދިޔަ އަހަރު ޕްރޮވިޝަނަށާއި ޓެކްސްއަށް ކެނޑުމުގެ ކުރިން ފައިދާގެ ގޮތުގައި 33.7 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެމްއައިބީ އިން މިދިޔަ އަހަރު ޓެކްސްގެ ގޮތުގައި 7.9 މިލިއަން ރުފިޔާ ދައްކާފައިވެ އެވެ.
ސަރުކާރުގެ 15 ޕަސެންޓް ހިއްސާ އަދި އައިސީޑީގެ 85 ޕަސެންޓް ހިއްސާއާއެކު 2011 ވަނަ އަހަރު އުފެދުނު އެމްއައިބީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ އެ ބޭންކުގެ ހިއްސާއަކަށް 138ރ. ޖެހިފައިވެ އެވެ.