03 އޮކްޓޯބަރ 2016 - 06:11

ފިލްމް "އެންމެ ފަހު ވިންދާ ޖެހެންދެން" ގައި ހިމެނޭ "ތިއްތި މާ" ކަހަލަ ހިތްގައިމު ލަވަތަކެއް އެހުންތެރިންނާ ހަމައަށް ގެނެސްދީފައިވާ ބޭންޑް އިކްއޭޓިކް ވައިބްގެ ފުރަތަމަ އަލްބަމް މި މަހުގެ 13 ވަނަ ދުވަހުގެ ރޭ ރިލީޒް ކުރަން ނިންމައި އެވެ.

އަލްބަމް ރިލީޒް ކުރަން އޮލިމްޕަހުގައި ޝޯއެއް ބާއްވަން ވެސް ވަނީ ނިންމައިފަ އެވެ.
ފަސް މެމްބަރުން ހިމެނޭ އިކްއޭޓިކް ވައިބްގެ ބޭސިސްޓް އަހުމަދު އަމީން މުހައްމަދު ބުނީ ހަތް ލަވަ ހިމެނޭ އަލްބަމްގައި މުޅިން ވެސް ހުންނާނީ ދިވެހި ލަވަތައް ކަމަށެވެ.
ހުރިހާ ލަވައަކީ ވެސް ބޭންޑްގެ އަމިއްލަ އުފެއްދުންތަކެވެ. ލަވަތަކުގެ ޅެންތައް ހަދާފައި ވަނީ ލީޑް ވޯކަލިސްޓް ޝައްމޫން މުހައްމަދު (ޝައްމު) އެވެ. އަދި ލަވަތައް ކިޔާފައި ވަނީ ވެސް ޝައްމު އެވެ.
އެކަމަކު ލަވަތަކުގެ ހާމަނީން ދެ އަންހެން ކުއްޖަކާއި އިތުރު ފަންނާނުންތަކެއްގެ އިތުރުން ބޭންޑްގެ އެހެން މެމްބަރުންގެ އަޑު ވެސް އިވިގެން ދާނެ އެވެ.
އަމީން ބުނީ ވަރަށް ތަފާތު އެކި އިހުސާސްތަކުގެ ލަވަތައް އަލްބަމްގައި ހިމެނޭނެ ކަމަށެވެ.
"މީގައި ދެ ލަވަ ފިޔަވައި އެހެން ހުރިހާ ލަވަތަކަކީ އާންމުންނަށް ކޮންމެވެސް ވަރަކަށް އިވި މަގުބޫލްވެފައި ހުރި ލަވަތަކެއް،" އަލްބަމްގެ ނަން، ރިލީޒް ކުރާ ހަފުލާގައި ހާމަ ކުރަން ބޭނުންވާތީ އޭގެ ތަފުސީލަކަށް ނުގޮސް އަމީން ބުންޏެވެ. "އެހެންވީމާ އަލްބަމްގައި ހިމެނޭ ހުރިހާ ލަވަތަކެއް ވެސް އާންމުންނަށް ކަމުދާނެ ކަމަށް ވަރަށް ބޮޑަށް އުންމީދު ކުރެވޭ. އަދި އަހަރަމެންގެ ފުރަތަމަ އަލްބަމަށްވީމަ ވެސް މުޅިން ދިވެހި ލަވަތައް އަލްބަމްގައި ހިމަނެނީ."
އިކްއޭޓިކް ވައިބްގެ ފުރަތަމަ އަލްބަމް ޕްރޮޑިއުސްކޮށްފައި ވަނީ ޖަރުމަންގެ ޕްރޮޑިއުސަރެކެވެ.
"ލަވަތައް އަޑު އަހާފައި ޖަރުމަންގެ ޕްރޮޑިއުސަރަށް ލަވަތައް ކަމުދިޔައި މި ޕްރޮޖެކްޓަށް އޭނަ އާއެކޭ ބުނީ. އެއީ ބޭންޑަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް." އަމީން ބުންޏެވެ.
ތޭރަ ވަނަ ދުވަހުގެ ރޭ އަލްބަމް ރިލީޒް ކުރުމާ އެކު 14 ވަނަ ދުވަހުން ފެށިގެން އައި ޓިއުންސް ފަދަ ޕްލެޓްފޯމްތަކުން ވެސް އަލްބަމްގެ ލަވަތައް ލިބޭނެ އެވެ.
ކުރިން "ދަ ފައިވް" އަދި މިދިޔަ އަހަރުން ފެށިގެން "އިކްއޭޓިކް ވައިބް" ގެ ނަމަށް ރިބްރޭންޑްކޮށްފައިވާ ބޭންޑުން ވަރަށް ގިނަ ލަވަތަކެއް ހަދާފައި އެބަހުރި ކަމަށް އަމީން ބުންޏެވެ.
"އެހެންވެ ބޭންޑުން މިހާރު ވިސްނުމެއް އެބަ ގެންގުޅެން އިތުރު އަލްބަމްތަކެއް ވެސް ނެރެން." އަމީން ބުންޏެވެ.