ޓެނިސް ޗެމްޕިއަންކަން ފާއިހާއި މަލީލާ އަށް
ޓެނިސް ޗެމްޕިއަންކަން ފާއިހާއި މަލީލާ އަށް

ގައުމީ ޓެނިސް މުބާރާތުގެ ވިމެންސް އޯޕަން ޗެމްޕިއަންކަން އައިމިނަތު މަލީލާ ސޯލިހު އަދި މެންސް އޯޕަން ޗެމްޕިއަންކަން އަބްދުﷲ ފާއިހް ފަޒީލް ހޯދައިފި އެވެ.

މަލީލާ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ޒޭނާ އަބްދުލްރަޝީދު އަތުން މޮޅުވެގެންނެވެ. ފާއީ ޗެމްޕިއަންކަން ހޯދީ ކުރީގެ އެއް ވަނަ ކުޅުންތެރިޔާ އަލީ ފާރިސް މުހައްމަދާ ވާދަކޮށްގެންނެވެ. އޭނާ މޮޅުވީ ސީދާ ދެ ސެޓުންނެވެ.

އެސްޓީއޯ ނިޕޮން ޕެއިންޓް މުބާރާތުގެ ނަމުގައި ކުރިއަށް ގެންދިޔަ މި މުބާރާތުގައި 104 ކުޅުންތެރިން ވާދަކުރި އެވެ. އެއީ އަންހެން 40 ކުޅުންތެރިންނާއި ފިރިހެން 64 ކުޅުންތެރިންނެވެ.

މުބާރާތުގެ ވިމެންސް ޑަބަލްސް ޗެމްޕިއަނުންނަކީ މަލީލާ އާއި އަޔާނީ މޫސާ ކަލީމެވެ. ރަނަރަޕް އަކީ ޒޭނާ އާއި އައިމިނަތު އިރުފާ މާހިރެވެ. ފިރިހެން ޑަބަލްސް ޗެމްޕިއަން ޕެއާ އަކީ ފާއިހް އާއި ހުސެއިން ރަބީއު މޫސާ އެވެ. ދެ ވަނަ ހޯދީ އަހުމަދު އަކްރަމާއި މުހައްމަދު ފަޒީހެވެ.