މޮޑެލްކުރާ މީހުން ރޭމްޕުގައި ހިނިތުން ނުވަނީ ކީއްވެ؟
މޮޑެލްކުރާ މީހުން ރޭމްޕުގައި ހިނިތުން ނުވަނީ ކީއްވެ؟

ބައިނަލްއަގުވާމީ ފެޝަން އިވެންޓުތަކުގައި ސުޕަމޮޑެލުން ހެދުމުގެ ކަލެކްޝަންތައް ދައްކާލުމަށް ރޭމްޕްގައި ހިނގަމުންދާތަން ފެނުނީމާ ވަރަށް ގިނަ ބައެއްގެ ހިތަށް އަރާ ސުވާލެއް އޮވެ އެވެ. އެމީހުންގެ މޫނުމަތީގައި އެއްވެސް ވަރެއްގެ ހިނިތުންވުމެއް ނުހުންނަނީ ކީއްވެ ހެއްޔެވެ؟

މޮޑެލްކުރާ މީހުން ރޭމްޕުގައި ހިނިތުން ނުވަނީ ކީއްވެ؟
މޮޑެލްކުރާ މީހުން ރޭމްޕުގައި ހިނިތުން ނުވަނީ ކީއްވެ؟

ރޭމްޕްގައި ހިނގާ ސުޕަމޮޑެލުންނަކީ ރީތި ހަށިގަނޑެއް ލިބިފައި ތިބޭ ޒުވާން ކުދިންނެވެ. އެމީހުން އަޅަނީ ދުނިޔޭގެ އެންމެ މަޝްހޫރު ފެޝަން ޑިޒައިނަރުންގެ އަގުބޮޑު ރީތި ހެދުންތަކެވެ. އެމީހުންނަކީ ދުނިޔޭގެ އެންމެ ނަން ހިނގާ އިންޑަސްޓްރީގައި އެންމެ ވިދާ މަޝްހޫރު މީހުންނެވެ. ނަމަވެސް ކޮންމެ މީހަކު ވެސް ހީވަނީ ހިތާމައިން ގޮސް ހިތްހަލާކުވެފައިވާ މީހެއް ހެންނެވެ. ނުވަތަ ރުޅިގަދަވެގެން ރުޅި ފޮރުވަން މަސައްކަތްކުރާ މީހެއް ހެންނެވެ.

މޮޑެލްކުރާ މީހުން ރޭމްޕުގައި ހިނިތުން ނުވަނީ ކީއްވެ؟
މޮޑެލްކުރާ މީހުން ރޭމްޕުގައި ހިނިތުން ނުވަނީ ކީއްވެ؟

"އަހަރެމެން ހޭކަށް ނުޖެހޭ. އެއީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ނޫން،" ޕެރިސް ފެޝަން ވީކްގައި ބައިވެރިވި މޮޑެލްއެއް ކަމުގައިވާ ޓައި އޮގުންކޮޔާ ހިންދުސްތާން ޓައިމްސް ބުނެފައިވެ އެވެ.

ނައިޖީރިޔާ އަށް އުފަން އަދި މިހާރު ލަންޑަންގައި ދިރިއުޅޭ އޮކުންކޮޔާ، 26، އަކީ ޓޮޕް މޮޑެލްއެއްގެ ގޮތުގައި ފެޝަން އިންޑަސްޓްރީގައި 10 ވަރަކަށް އަހަރު މަސައްކަތްކޮށްފައިވާ މީހެކެވެ. އޭނާ ބުނި ގޮތުގައި އޭނާގެ ދިގު ކެރިއަރުގައި އެންމެ ފަހަރަކުވެސް ރޭމްޕްގައި ހިނިތުންވެލުމުގެ ހުއްދައެއް ލިބިފައެއް ނުވެ އެވެ.

"މަޝްހޫރު ހުރިހާ ޑިޒައިނަރުންނަށް އަހަރެން ވާނީ މޮޑެލް ކޮށްދީފައި. ނަމަވެސް އެކަކުވެސް އަހަރެން ގާތު ހިނިތުން ވެލުމަކަށް ނޭދޭ. ތެދުތެދަށް ބުނާނަމަ ބުނެވޭނީ އަހަރެން ހީނލައިފި ނަމަ އެވާނީ ވަރަށް ލަދުގަންނަން ޖެހޭ ކަހަލަ ކަމަކަށޭ،" އޮގުންކޮޔާ ބުންޏެވެ.

ސްލޮވާކިޔާގެ 18 އަހަރުގެ މޮޑެލް ކްލާރާ ބުނި ގޮތުގައި މޫނަށް ހިނިތުންވުމެއްގެ ކުލަވަރު ގެނެވިދާނެތީ އޭނާ އަބަދުވެސް ރޭމްޕްގައި ހިނގަނީ ބަހެއްގެ ދަށުވެގެން މަރުވި އޭނާގެ ބުޅަލުމުގެ މަތިން ހަނދާން ކުރަމުން ކަމަށެވެ.

މޮޑެލްކުރާ މީހުން ހަގީގަތުގައި ވެސް ތިބެން ޖެހޭނީ ހަމަ އެހާ "ފޫހި" މޫނެއް ދައްކައިގެން ހެއްޔެވެ؟

ކުރީގެ މަޝްހޫރު މޮޑެލް އެއް ކަމަށްވާ ވިކްޓޮރީ މޭކަން ބުނި ގޮތުގައި މޮޑެލުން ރޭމްޕްގައި ހިނގާއިރު ދައްކަން ޖެހެނީ އެމީހުންގެ ރީތިކަމާއި ފަރިކަމެއް ނޫނެވެ. އެމީހުން އެ އަޅާ ހެދުމެވެ.

ވިކްޓޮރީގެ މޮޑެލްކުރުމުގެ ތަޖުރިބާއާ ބެހޭ ގޮތުން އޭނާ ލިޔެފައިވާ "ނެވަ ތިން އިނަފް" ގައި އޭނާ ބުނެފައިވާ ގޮތުގައި އެއްގޮތަކަށްވެސް ހިނިތުން ނުވުމަށް އޭނާއަށް ތަކުރާރުކޮށް އިންޒާރުތައް ލިބިފައިވެ އެވެ.

ވިކްޓޮރީ ބުނެފައިވާ ގޮތުގައި އޭނާގެ މޮޑެލް އެޖެންސީގެ ކެޓްވޯކް ކޯޗު އޭނާއަށް ރޭމްޕްގައި ހިނގާއިރު އެންމެ ފުރިހަމައަށް ހުންނާނެ ގޮތް ކިޔައިދޭއިރު އަބަދުވެސް ބުނެދެނީ ބިރުވެރި ވައްތަރަކަށް މޫނު ހަދައިގެން އިސްޖަހައިގެން ހުރެ ކުރިމައްޗަށް ބަލަމުން ހިނގުމަށެވެ.

ކަނޑައެޅިގެން ހުނުން މަނާ ކޮށްފައި ނުވިޔަސް ހޭން ނުވާ ސަބަބު ވަރަށް ސާފު ކަމަށް، އަލަށް ވިދަންފެށި ޒުވާން މޮޑެލް މެތިއު ވިލޮޓް ބުންޏެވެ.

"ފެޝަން ޑިޒައިނަރުން ދައްކަން ބޭނުންވަނީ އެމީހުން ތައްޔާރުކުރި ހެދުންތައް. އަހަރެމެންގެ މޫނެއް ނޫން. އަހަރެމެން ހިނިތުން ވެއްޖެ ނަމަ މީހުންގެ ސަމާލުކަން އަހަރެމެންނަށް ހުއްޓި ހެދުމަށް ދޭންވާ ސަމާލުކަމެއް ނުދެވޭނެ،" 22 އަހަރުގެ މެޑިކަލް ސްޓޫޑެންޓް ބުންޏެވެ.

އޮގުންކޮޔާ ބުނި ގޮތުގައި އޭނާ ކައިރީ އެއްވެސް މީހަކު ހިނިތުން ނުވުމަކަށް ނުބުނެ އެވެ. ނަމަވެސް މޮޑެލްކުރާ އެންމެންނަށް ވެސް ގަބޫލުކުރެވިފައި އޮންނަ އެއްޗަކީ ރޭމްޕްގައި ހިނގާނީ ވަރަށް މޫޑީވެފައި ތިބޭ އަންހެނުންނާއި ފިރިހެނުން ކަމަށެވެ.

"އެއީ އެމީހުން ބުނެގެން ކުރާކަމެއް ނޫން. މޮޑެލުންނާ ގުޅޭކަމެއް ނޫންވީމާ ނުކުރަނީ،" އޭނާ ބުންޏެވެ.
ތަންކޮޅެއް ކުރީގެ ފެޝަން ޑިޒައިނަރެއް ކަމަށްވާ ލީޑީއާ ކަމިޓްސިސް ބުނީ ފެށުނީއްސުރެ އެކަން އޮތީ އެގޮތަށް ނޫން ކަމަށެވެ.

މޫނުގައި އެއްވެސް ކަހަލަ އަސަރެއް ނެތް މޮޑެލުންގެ ޒަމާން ފެށިފައި ވަނީ މި ފަހަކުން ކަމަށް އޭނާ ބުންޏެވެ. އެއީ 1980ގެ އަހަރުތަކުގައި ޖަޕާނުގެ ޑިޒައިނަރުން ކަމަށްވާ ޔޮޖީ ޔަމަމޯޓޯ އާއި ކޮމެސް ޑެ ގާކަން ފެށި ކަމެއް ކަމަށް ވެސް ކަމިޓްސިސް ބުންޏެވެ.

"އެ ޒަމާނަކީ ސުޕަމޮޑެލް ސިންޑީ ކްރޮފޯޑް، އިމާމް އަދި އެލީ މެކްފާސަންގެ ޒަމާން. މި މޮޑެލުންނަކީ އެމީހުންގެ އަމިއްލަ ޝަޚްސިއްޔަތުތަކެއް ހުރި ބައެއް. އެހެންވެ އެ ގޮތްގަނޑު ބަދަލުކޮށްލަން ގެނައި ބަދަލެއް މިއީ،" ކަމިޓްސިސް ބުންޏެވެ.

އޭނާ ބުނި ގޮތުގައި 1960ގެ އަހަރު ތަކުގައި ފެޝަން ކަލެޝަންސްތައް ހުށަހަޅައިދޭއިރު މޮޑެލުން ހިނިތުންވެ ހީނ ވެސް ހަދަ އެވެ. އަދި މިއުޒިކާއި ނެށުން ވެސް އޮވެ އެވެ.

"ނަމަވެސް މިހާރު އެމީހުން ހިނގާފަ ދިއުމެކޭ ހެދުން އަޅުވާފައި ހުންނަ ކޮނޑެއް ހިނގާފައި ދިއުމެކޭ ތަފާތެއް ނެތް. އެމީހުންގެ މުޅި ޝަހްސިއްޔަތު ފޮރުވާފައި ހަމައެކަނި ހެދުމަށް ފޯކަސް ކޮށްފައި ހުންނަނީ،" އޭނާ ބުންޏެވެ.

އޭނަ ބުނި ގޮތުގައި 1950ގެ އަހަރު ތަކުގައި މޮޑެލުން އަދި މާ ގިނައިން ހެ އެވެ.

ފެޝަން ޑިޒައިނަރަކު ބުނި ގޮތުގައި އެމީހުން ރޭމްޕްގައި ހިންގުވަން ބޭނުންވަނީ ހަށިގަނޑުގައި ވެސް އަދި މޫނުގައި ވެސް އެއްވެސް އަސަރެއް ނުހުންނަ މީހުންނެވެ. މޮޑެލުން ނަގަނީ އެމީހުންގެ ރީތިކަމަށް ބަލައިގެން ނޫން ކަމަށް ވެސް އޭނާ ބުންޏެވެ.

ނަމަވެސް މަޝްހޫރު ފްރެންޗް ޑިޒައިނަރު ޖީން ޕޯލް ގޯލްޓިއާ ބައެއް އަހަރުތަކުގައި ހިނިތުން ވެފައިވާ މޮޑެލުން ރޭމްޕަށް ނެރެ އެވެ. އަދި އިންޑިއާގެ މަޝްހޫރު ފެޝަން ޑިޒައިނަރު މަނީޝް މަލްހޯތުރާ ވެސް އޭނާގެ ބައެއް މޮޑެލުން ސްޓޭޖްމަތީގައި ހިންގާއިރު ހިނިތުންވާން ބުނެ އެވެ.

"އަހަރެން އެމީހުންގާތު ނުހޭކަށް ނުބުނަން. އެމީހުން އަޅައިގެން ނުކުންނަ ހެދުމާ މެދު ހިތްހަމަޖެހޭ ނަމަ ހިނިތުންވެލުމަކީ މައްސަލައެއް ނޫނެ،" މަނީޝް ބުނެފައިވެ އެވެ.

މިފަދަ ޝޯތަކުގައި މިހާރުވެސް ބައިވެރިވާ މޮޑެލް ވިލޮޓް ބުނި ގޮތުގައި ރޭމްޕްގައި ހިނގާއިރު ހިނިތުންވެލާކަށް އޭނާ އަކަށް ނުކެރޭނެ އެވެ. މޮޑެލުން ހަގީގަތުގައި ވެސް ރޭމްޕްގައި ހިނިތުންވާން ޖެހިލުންވާ ކަމަށާއި ހީލައިފި ނަމަ އެމީހުންނަކީ ސޭކު ބައެއްގެ ގޮތުގައި ސިފަ ވެދާނެ ކަމަށް މޮޑެލުންނަށް ގަބޫލުކުރެވޭ ކަމަށް ވިލޮޓް ބުންޏެވެ.

"އަބަދު ސީރިއަސް މޫނެއް ދެއްކީމަ އެނގޭނަ ހުންނާނެ ގޮތް. ނަމަވެސް ހިނިތުން ވެއްޖެ ނަމަ ޖަހާނެ ސިފައެއް ނޭނގޭނެ،" އޭނާ ބުންޏެވެ.

އޭނާ ބުނީ ރޭމްޕް މަތީގައި ހިނގާލާފައި ފައިބައިގެން ދިއުން މާ ފަސޭހަކަމަށެވެ. ހިނިތުންވެލަން ޖެހިއްޖެނަމަ އެއީ އިތުރު ގޮން ޖެހުމެއްކަމަށް އޭނާ ދެކެ އެވެ.

ނަމަވެސް ހިނިތުން ވެލަން އެދިއްޖެ ނަމަ ކޮންމެ މޮޑެލް އަކު ވެސް އެކަން ކުރާނެ އެވެ. ސަބަބަކީ މި ވަޒީފާގައި ކިތަންމެ ކުޑަ ކަމެއް ވެސް ކުރާނީ އެކަމެއް ކުރަން ބުނީމާ ކަމަށް ވާތީ އެވެ.