02 އޮކްޓޯބަރ 2016 - 12:41

ޖޫނިއާ ޗެމްބާ އިންޓަނޭޝަނަލް (ޖޭސީއައީ) އިން ދެމުން އަންނަ ޒުވާނުންގެ އެވޯޑު 10 މީހުންނަށް ރޭ ދީފި އެވެ.

ޓެން އައުޓް ސްޓޭންޑިން ޕާސަން (ޓީވައިއޯޕީ)ގެ އެވޯޑަށް 26 މީހުން ކުރިމަތިލި އެވެ. އޭގެ ތެރެއިން އެންމެ ގިނަ މާކްސް ހޯދި 10 މީހުންނަށް ރޭ ވަނީ އެވޯޑު ދީފަ އެވެ. މި މީހުންގެ ތެރެއިން ޖޭސީއައިގެ ދުނިޔޭގެ އެވޯޑަށް ރާއްޖެއިން ކުރިިމަތިލުމުގެ ފުރުސަތު ވަނީ އައިޝަތު ރަފިއްޔާ އަށް ލިބިވަޑައިގެންފަ އެވެ.

ޖޭސީއައި މޯލްޑިވްސްގެ ރައީސް ޔާމީން އާދަމް ވިދާޅުވީ ރޭގެ އެވޯޑަކީ އޭގެ ޒާތުގައި ވަރަށް މުހިއްމު އެވޯޑެއް ކަމަށާއި އެއީ ޒުވާނުން ގައުމަށް ކޮށްދެމުން އަންނަ ހިދުމަތްތަކުގެ އަގު ވަޒަންކުރަން ލިބޭ ފުރުސަތެއް ކަމަށެވެ.
ޔާމީން ވިދާޅުވި ގޮތުގައި އެ ޖަމިއްޔާއިން އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ ޒުވާނުން ބާރުވެރިކުރުވާށެވެ. އަދި އަންނަ އަހަަރު ޓީވައިއޯޕީ އެވޯޑު މާ ފުރިހަމަކޮށް ރާއްޖޭގައި ބާއްވަން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ. މި ފަހަރުގެ އެވޯޑް މި ބޭއްވީ ހަތަރު އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ.
ޓީވައިއޯޕީ އެވޯޑު ލިބުނު 10 ޒުވާނުންނަކީ.
1. ޑރ. އައިޝަތު މުނީޒާ
2. އާއިޝަތު ނާޒިމާ
3. އައިޝަތު ރަފިއްޔާ
4. ޑރ. ދިމްނާ ފާކިރު
5. ޑރ. މަރިޔަމް ވަސީމާ
6. އައިޝަތު ޝިފްނީޒް ޝާކިރު
7. އިބްރާހިމް ނަސްރީން (ނައްޓު)
8. އިސްމާއިލް ހަމީދު
9. ރާނިޔާ ސޯބިރު
10 ސަފާތު އަހުމަދު ޒާހިރު
ޖޭސީއައިގެ އެވޯޑް ލިބޭ ދިވެހި ޒުވާނުން ކަނޑައެޅީ ތަފާތު އެކި ދާއިރާތަކުން ނެގި ފަސް މެމްބަރުން ހިމެނޭ ޖަޖުންގެ ޓީމަކުންނެވެ.
ޖޭސީއައިގެ އޮފިޝަލަކު ވިދާޅުވީ އެވޯޑަށް ރަނގަޅު ތަރުހީބެއް ލިބުނު ކަމަށާއި އެގޮތުން ޖުމްލަ 26 ޒުވާނުން އެވޯޑަށް ކުރިމަތިލި ކަމަށެވެ.