އަނެއްކާވެސް ކައިލީގެ އާ ލިޕްސްޓިކް ކިޓްތަކެއް
އަނެއްކާވެސް ކައިލީގެ އާ ލިޕްސްޓިކް ކިޓްތަކެއް

ރިއަލިޓީ ޓީވީ ތަރި އަދި މިހާރު ބިއުޓީ އޮންޓްރަޕްރެނިއާއެއް ކަމަށްވާ ކައިލީ ޖެނާ މިއަހަރު އެތައް ވައްތަރެއްގެ ބިއުޓީ ޕްރޮޑަކްޓް ތައާރަފުކޮށްފި އެވެ. ކައިލީ ލިޕްސްޓިކަކީ އެބްރޭންޑުގެ އެންމެ މަގުބޫލު ޕްރޮޑަކްޓެވެ.

އޮކްޓޫބަރު މަހު، ފޯލް މޫސުމަށް ހާއްސަކޮށް ކައިލީ ބްރޭންޑުން ތިން ވައްތަރެއްގެ އާ ލިކުއިޑް މެޓް ލިޕްސްޓިކް ކުލަތަކެއް ތައާރަފުކުރާނެ ކަމަށް ކައިލީ ޖެނާ އާއި އޭނާގެ ބްރޭންޑުގެ ސޯޝަލް މިޑިއާ ސައިޓުތަކުން އިއުލާންކުރި އެވެ.

އޮރެންޖު ކުލައެއްގެ ލިޕްސްޓިކެއް ޖައްސައިގެން ކައިލީ މޮޑެލްކޮށްފައި ހުރިތަން ކައިލީ ކޮސްމެޓިކްސް އަދި ކައިލީ ޖެނާގެ އިންސްޓަގްރާމްގައި ވަނީ ހިއްސާކޮށްފަ އެވެ. މި އާ ލިޕްސްޓިކް ޝޭޑަށް ކިޔާ ނަމަކީ "ޕަމްޕްކިން" ކަމަށް ގިނަ ބަޔަކު ބުނެ އެވެ.

ޕަމްޕްކިންގެ އިތުރުން "ސްޕައިސް" ކިޔާ ބެރީ ކުލައިގެ ލިޕްސްޓިކް މިދިޔަ ހަފުތާގައި މޮޑެލެއްގައި ޖައްސާފައި ހުރިތަން ކައިލީ ކޮސްމެޓިކްސް އިންސްޓަގްރާމްގައި ދައްކާލި އެވެ. ބެރީ ކުލަ އާއި ދަނބު ޝޭޑުގެ ކުލަތަކަކީ މިފަހުގެ ލިޕްސްޓިކް ޓްރެންޑެވެ.

ސްޕައިސްގެ އިތުރުން، މުށި އޮރެންޖު ޝޭޑުގެ ކުލައެއް ވެސް ކައިލީ ކޮސްމެޓިކްސްއިން ލޯންޗުކުރާނެ އެވެ. މި ކުލަޔަށް އަދި ނަމެއް ނުދެ އެވެ. ނަމަވެސް، މޮޑެލެއްގެ ތުންފަތުގައި މި ކުލަ ޖައްސާފައި ހުރިތަން ކައިލީގެ ފޭނުންނާ ވަނީ ހިއްސާކޮށްފަ އެވެ.

މި ތިން ޝޭޑުގެ ލިޕްސްޓިކް ކިޓުތައް މި މަހުގެ 12 ވަނަ ދުވަހު ލޯންޗުކުރާނެ ކަމަށް ވަނީ ބުނެފަ އެވެ. ސޯޝަލް މީޑިއާ އަކީ ކައިލީގެ މައިގަނޑު މާކެޓިން ޕްލެޓްފޯމެވެ. އަދި އޭނާ ކޮންމެ މޫސުމަކަށް އާ ޕްރޮޑަކްޓެއް ނެރޭކަން އޭނާގެ ފޭނުންނަށް ވަގުތުން އެނގެ އެވެ. މިކަމުގެ ސަބަބުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކައިލީ ކޮސްމެޓިކްސް އަކީ އާއްމުންގެ ތެރޭގައި އެންމެ މަގުބޫލު ކޮސްމެޓިކް ބްރޭންޑަށް ވެއްޖެ އެވެ.