ދުނިޔޭގެ އެވޯޑަށް ރާއްޖޭގެ ފަރާތުން ވާދަކުރާނީ ރަފިއްޔާ
ދުނިޔޭގެ އެވޯޑަށް ރާއްޖޭގެ ފަރާތުން ވާދަކުރާނީ ރަފިއްޔާ

ޖޫނިއަ ޗެމްޕާ އިންޓަނޭޝަނަލް (ޖޭސީއައި) ގެ ދުނިޔޭގެ އެވޯޑަށް ވާދަކުރައްވާ ދިވެއްސަކަށް ރޭ، ޖޭސީއައިގެ ރާއްޖޭގެ އެވޯޑް ލިބިވަޑައިގެންނެވި އައިޝަތު ރަފިއްޔާ ހޮވައިފި އެވެ.

ޓެން އައުޓް ސްޓޭންޑިން ޕާސަން (ޓީވައިއޯޕީ)ގެ ދުނިޔޭގެ އެވޯޑަށް ވާދަކުރެއްވުމުގެ ފުރުސަތު ރަފިއްޔާ އަށް ލިބިވަޑައިގެންނެވީ ޖޭސީއައިގެ އެވޯޑް ރޭ ހާސިލްކުރި 10 ޒުވާނުންގެ ތެރެއިން އެންމެ ގިނަ މާކްސް ލިބިވަޑައިގަތުމުންނެވެ.

ރަފިއްޔާ އަކީ ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ ޑެޕިއުޓީ ލީޑަރެވެ. އަދި އިނގިރޭސި ރާނީ ކްއީން އެލިޒަބަތު ދެއްވާ ޔަންގް ލީޑާސް އެވޯޑަށް ހޮވޭ ކުދިން ތަމްރީންކުރަން ކަނޑައެޅި ދެ ބޭފުޅުންގެ ތެރެއިން އެއް ބޭފުޅަކީ ވެސް ރަފިއްޔާ އެވެ.

ޓީވައިއޯޕީ އެވޯޑު ދޭން ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޖޭސީއައި މޯލްޑިވްސްގެ ރައީސް ޔާމީން އާދަމް ވިދާޅުވީ ރޭގެ އެވޯޑަކީ އޭގެ ޒާތުގައި ވަރަށް މުހިއްމު އެވޯޑެއް ކަމަށާއި އެއީ ޒުވާނުން ގައުމަށް ކޮށްދެމުން އަންނަ ހިދުމަތްތަކުގެ އަގުވަޒަވަންކުރަން ލިބޭ ފުރުސަތެއް ކަމަށެވެ.

ޔާމީން ވިދާޅުވި ގޮތުގައި އެ ޖަމިއްޔާއިން އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ ޒުވާނުން ބާރުވެރިކުރުވާށެވެ. އަދި އަންނަ އަހަަރު ޓީވައިއޯޕީ އެވޯޑު މާ ފުރިހަމަކޮށް ރާއްޖޭގައި ބާއްވަން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ. މި ފަހަރުގެ އެވޯޑް މި ބޭއްވީ ހަތަރު އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ.

ޓީވައިއޯޕީ އެވޯޑު ލިބުނު 10 ޒުވާނުންނަކީ.

1. ޑރ. އައިޝަތު މުނީޒާ

2. އާއިޝަތު ނާޒިމާ

3. އައިޝތު ރަފިއްޔާ

4. ދިމްނާ ފާކިރު

5. ޑރ. މަރިޔަމް ވަސީމާ

6. އައިޝަތު ޝިފްނީޒް ޝާކިރު

7. އިބްރާހިމް ނަސްރީން (ނައްޓު)

8. އިސްމާއިލް ހަމީދު

9. ރާނިޔާ ސޯބިރު

10 ސަފާތު އަހުމަދު ޒާހިރު

ޖޭސީއައިގެ އެވޯޑް ލިބޭ ދިވެހި ޒުވާނުން ކަނޑައެޅީ ތަފާތު އެކި ދާއިރާތަކުން ނެގި ފަސް މެމްބަރުން ހިމެނޭ ޖަޖުންގެ ޓީމަކުންނެވެ.

ޖޭސީއައިގެ އޮފިޝަލަކު ވިދާޅުވީ އެވޯޑަށް ރަނގަޅު ތަރުހީބެއް ލިބުނު ކަމަށާއި އެގޮތުން ޖުމްލަ 26 ޒުވާނުން އެވޯޑަށް ކުރިމަތިލި ކަމަށެވެ.