ކޮލޯނުން އަންޗެލޮޓީގެ ބަޔާން ހުއްޓުވައިފި
ކޮލޯނުން އަންޗެލޮޓީގެ ބަޔާން ހުއްޓުވައިފި

މިއުނިކް (އޮކްޓޫބަރު 2) - ޖަރުމަން ލީގުގައި ރޭ އެފްސީ ކޮލޯންއާ 1-1 އިން އެއްވަރުވެ، ކާލޯ އަންޗެލޮޓީގެ ކޯޗުކަމުގައި ބަޔާން މިއުނިކުން ޖަރުމަނު ލީގުގައި ދަމަހައްޓަމުން އައި 100 ޕަސެންޓްގެ ރެކޯޑަށް ނިމުމެއް އައިސްފި އެވެ.

ރޭގެ މެޗުގެ ކުރިން ބަޔާން ކުޅުނު ފަސް މެޗުން ވެސް ވަނީ މޮޅުވެފަ އެވެ. ރޭގެ މެޗުން މޮޅުނުވުމުން އަންޗެލޮޓީ އަށް ވަނީ ޖަރުމަނު ލީގުގައި ފުރަތަމަ ކުޅުނު ހަ މެޗުން މޮޅުވެގެން ރެކޯޑް ހަދަން ލިބުނު ފުރުސަތު ގެއްލިފަ އެވެ.

ބަޔާން ލީގުގެ އެއް ވަނައިގައި އޮތީ ކުޅުނު ހަ މެޗުން ލިބުނު 16 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ހާތާ ބާލިން އަށް ހަ މެޗުން ލިބިފައިވަނީ 13 ޕޮއިންޓެވެ.

ރޭގެ މެޗުގެ 40 ވަނަ މިނިޓްގައި ބަޔާނަށް ލީޑު ނަގައިދިނީ ޒުވާން މިޑްފީލްޑަރު ޖޯޝުއާ ކިމިޗް އެވެ. ކޮލޯން އަށް މެޗުގެ ދެ ވަނަ ހާފްގައި އެއްވަރުކޮށްދިނީ އެންތޮނީ މޮޑެސްޓޭ އެވެ.

"އަހަރެމެންނަށް މޮޅު ކުޅެ މެޗު ޑޮމިނޭޓްކުރެވުނީ ފުރަތަމަ ހާފްގައި އެކަނި. ދެވަނަ ހާފްގައި ކޮލޯން ފެނުނީ މާ ބޮޑަށް ރަނގަޅުކޮށް. މިދިޔަ ދެ މެޗުގައި އަހަރެމެންގެ ކުޅުން ދަށް. އޭގެ ނަތީޖާ މި މެޗުން މި ފެނުނީ. ފަރުވާކުޑަކޮށްލައިގެން ފަސޭހައެއް ނުވާނެ،" އަންޗެލޮޓީ ބުންޏެވެ.