ފާޑުކިޔަނީ ރެއާލް މޮޅުވީމަ: ޒިދާން
ފާޑުކިޔަނީ ރެއާލް މޮޅުވީމަ: ޒިދާން

މެޑްރިޑް (އޮކްޓޫބަރު 2) - ރެއާލް މެޑްރިޑަކީ މޮޅު ޓީމަކަށް ވުމުން އެ ޓީމަށް އަބަދުވެސް ފާޑުކިއުން އަމާޒުވާނެ ކަމަށާއި އެއީ އާ ކަމެއް ނޫން ކަމަށް ރެއާލްގެ ކޯޗު ޒިނެދިން ޒިދާން ބުނެފި އެވެ.

އެންމެ ފަހުން ރެއާލް ކުޅުނު ތިން މެޗުން ވެސް އެ ޓީމު އެއްވަރުވުމުން ރެއާލާއި ޒިދާނަށް ވަނީ ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުވެފަ އެވެ. ޒިދާން ބުނީ ރެއާލާ އެކު ކުރިއަށް ދިއުމުގެ ގާބިލުކަން އޭނާގެ އެބަހުރި ކަަމަށެވެ.

"ވަރަށް ގިނަ ބަޔަކު ހަނދާން ނެތިއްޖެ އަހަރެން މިދިޔަ ސީޒަނުގައި ޗެމްޕިއަންސް ލީގު ހޯދިކަން. އަހަންނަށް އެނގޭ ރެއާލަކީ ކޮން ފެންވަރެއްގެ ޓީމެއްކަން. މިއީ އަހަރެން ކުޅުނު ވެސް ޓީމެއް. ރެއާލްގެ ޓާގެޓަކީ ލީގު. އެކަން ކާމިޔާބުކުރެވޭނެ،" މިރޭ އަމިއްލަ ދަނޑުގައި އެއިބާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ޒިދާން ބުންޏެވެ.

އޭނާ ބުނީ ރެއާލަށް ދިމާވެފައިވާ މައްސަލަތަކުން އަރައިގަންނަން ބޭނުންވަނީ މެޗުތަކުން މޮޅުވުން ކަމަށެވެ. އަދި އަނިޔާގެ މައްސަލަތަކުގެ ސަބަބުން ޓީމަށް އަސަރުކުރާ ކަމަށް ޒިދާން ބުންޏެވެ.

މިރޭގެ މެޗުގައި އަނިޔާގެ ސަބަބުން ރެއާލްގެ ކަސެމޭރޯ އާއި މާސެލޯ އަށް ނުކުޅެވޭނެ އެވެ. އަދި މެދުތެރެއަށް ކުޅޭ ލޫކަ މޮޑްރިޗަށް ވެސް ވަނީ އަނިޔާވެފަ އެވެ.

ރެއާލް ލީގުގެ އެއް ވަނައިގައި އޮތީ ކުޅުނު ހަ މެޗުން ހޯދި 14 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި ސެވިއްޔާ އޮތީ ހަތް މެޗުން 14 ޕޮއިންޓް ހަމަކޮށްގެންނެވެ. މިރޭ ރެއާލާ ދެކޮޅަށް ކުޅޭ އެއިބާ އޮތީ ހަ މެޗުން ހޯދި 10 ޕޮއިންޓާ އެކު ލީގުގެ އަށް ވަނައިގަ އެވެ.

ރެއާލާއި އެއިބާ ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 19:15ގަ އެވެ.