30 މެއި 2016 - 19:13

އިދިކޮޅު އެމްޑީޕީން މިދިޔަ އަހަރު އެންމެ ބޮޑު ހަރަދެއްކޮށްފައި ވަނީ އެ ޕާޓީން ކުރިއަށް ގެންދިޔަ "އިންސާފުގެ ދަތުރަ"ށް ކަމަށް ހިސާބުތަކުން ދައްކައިފި އެވެ.

އެމްޑީޕީގެ މިދިޔަ އަހަރުގެ މާލީ ހިސާބުތައް މިއަދު އާއްމުކޮށްފައިވާއިރު، "އިންސާފުގެ ދަތުރު"ގެ ކެމްޕެއިނަށް 2.7 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. އެމްޑީޕީގެ ވެރިކަމުގައި 2011 ވަނަ އަހަރު "އިންސާފުގެ ދަތުރު" ފެށީ ޝަރުއީ ދާއިރާ އިސްލާހުކުރުމުގެ ނަމުގަ އެވެ. އެ ކެމްޕެއިން ފުޅާވެ، ދިގު ދެމިގެން ދިޔައިރު މިދިޔަ އަހަރު ވެސް އެކި ދަތުރުތަކާއި މުޒާހަރާތަކުގެ އިތުރުން ވެސް ތަފާތު އެކި ހަރަކާތްތައް ހިންގާފައިވެ އެވެ.
ބައިނަލްއަގުވާމީ އޮޑިޓް ފާމެއް ކަމަށްވާ އާންސް އެންޑް ޔަންގުގެ އެހީއާ އެކު އާއްމުކުރި ހިސާބުުތަކުގައިވާގޮތުން މިދިޔަ އަހަރު އެމްޑީޕީ އަށް ލިބިފައި ވަނީ 11.6 މިލިއަން ރުފިޔާ އެވެ. މީގެ ތެރޭގައި ދައުލަތުން ލިބުނު 6.9 މިލިއަން ރުފިޔާ ހިމެނޭ ކަމަށް އެ ހިސާބުތަކުގައިވެ އެވެ.
އެމްޑީޕީން ބުނީ މިދިޔަ އަހަރު އެކި ކަންކަމަށް އެ ޕާޓީން ޖުމްލަ ހަރަދުކޮށްފައި ވަނީ 8.6 މިލިއަން ރުފިޔާ ކަމަށެވެ. ޕާޓީ ޕްރޮމޯޝަން އަށް 1.8 މިލިއަން ރުފިޔާ ހަރަދުކުރިއިރު މުވައްޒަފުންނަށް 1.1 މިލިއަން އަދި އިމާރާތުގެ ކުލީގެ ގޮތުގައި ނުވަ ލައްކަ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އެމްޑީޕީން ބުންޏެވެ.
އެމްޑީޕީގެ މިދިޔަ އަހަރުގެ ހިސާބުތައް ބަލަހައްޓާފައި ވަނީ ބައިނަލްއަގުވާމީ އެކައުންޓިން މިންގަނޑުތަކާ އެއްގޮތަށް ކަން ފާހަގަކޮށް، އެ ޕާޓީން ބުނީ އެ ހިސާބުތައް އިލެކްޝަންސް ކޮމިޝަނާ ވެސް ހިއްސާކޮށްފައިވާ ކަމަށެވެ.
އެމްޑީޕީގެ މާލީ ހިސާބުތައް އާއްމުކޮށްފައި މިވަނީ، ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޭންޖެހޭ ފައިސާގެ އަދަދު ހިފެހެއްޓުމެއް ނެތި އިތުރުވާތީ އިލެކްޝަންސް ކޮމިޝަނުން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ.
މިދިޔަ އަހަރު ތިބި މެމްބަރުންގެ އަދަދަށް ބަލައި އެމްޑީޕީއަށް މި އަހަރު ދޭން ޖެހޭ އަދަދު ގާތްގަނޑަކަށް 14 މިލިޔަން ރުފިޔާއަށް އަރާނެ ކަމަށް ކޮމިޝަނުން ލަފާ ކުރެ އެވެ. މިއީ ރެކޯޑް އަދަދެކެވެ. ދެ ވަނައަށް މެންބަރުން އެންމެ ގިނަ ޕާޓީ، ޕީޕީއެމަށް ނުވަ މިލިޔަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރެވެ އެވެ.