ވޮލީބޯޅައިގެ އާ ރައީސަކަށް ލަތީފް އިންތިހާބުކޮށްފި
ވޮލީބޯޅައިގެ އާ ރައީސަކަށް ލަތީފް އިންތިހާބުކޮށްފި

ސަތޭކަ ޕަސެންޓް ވޯޓާ އެކު ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ކުރިއަށް އޮތް ދައުރުގެ ރައީސްގެ މަގާމަށް ކުރީގެ މަޝްހޫރު ވޮލީބޯޅަ ކުޅުންތެރިޔާ މުހައްމަދު ލަތީފް މިރޭ އިންތިހާބުވެވަޑައިގެންފި އެވެ.

ވޮލީބޯޅައިގެ އާ ރައީސަކަށް ލަތީފް އިންތިހާބުކޮށްފި
ވޮލީބޯޅައިގެ އާ ރައީސަކަށް ލަތީފް އިންތިހާބުކޮށްފި

މި އަހަރުގެ މާޗު މަހު ބޭއްވި އިންތިހާބު ކާމިޔާބުކޮށް މުހައްމަދު ރިޔާޒް ތިން ވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންވެފައިވަނިކޮށް، އިންތިހާބުގައި މަކަރު ހަދައި އޮޅުވާލާފައިވާ ކަމަށް ބުނެ ސްޕޯޓްސް ކޮމިޝަން އަދި ހޯމް މިނިސްޓްރީން އިންތިހާބު ކެންސަލްކުރުމުން ބޭއްވި އިންތިހާބުގައި ރިޔާޒް ވާދަނުކުރައްވަ އެވެ

ލަތީފާ ވާދަކުރި ކުރީގެ ވޮލީބޯޅަ ކުޅުންތެރިޔާ އިސްމާއިލް ރިފާއު (ޗިޗޫ) އަށް އެއްވެސް ވޯޓެއް ނުލިބެ އެވެ. ނައިބް ރައީސްގެ މަގާމަށް ހޮވިވަޑައިގަތީ، އެސޯސިއޭޝަނުގެ އިދާރީ ބައިގެ ކުރިން އިސްކޮށް ހަރަކާތްތެރިވި އިއްޒަތު ވަހީދެވެ. އޭނާ އެކަނި ވާދަކުރެއްވިއިރު، 12 ކްލަބުގެ ތެރެއިން 11 ކްލަބުގެ ރުހުން ލިބުނެވެ. ނުފެންނަ ކަމަށް ވޯޓް ދިނީ އެއް ކްލަބުންނެވެ.

ހަޒާންދާރުގެ މަގާމަށް އިންތިހާބުވެވަޑައިގަތީ، ގައުމީ ވޮލީބޯޅަ ޓީމުގެ ކުރީގެ ކުޅުންތެރިޔާ މުހައްމަދު ރަނޭޝް އެވެ. އޭނާ އެ މަގާމަށް ހޮވަން ފެންނަ ކަމަށް 11 ކްލަބުން ވޯޓް ދިންއިރު ނުފެންނަ ކަމަށް ވޯޓް ދިނީ އެންމެ ކްލަބަކުންނެވެ.

ރޫލްސް ކޮމިޓީއަށް އިންތިހާބުވީ 12 ވޯޓާ އެކު އަލީ އިޔާޒާއި އިބްރާހިމް ފަލާހް އަދި 11 ވޯޓާ އެކު އަދުނާން އަބްދުއްރަހީމް (ނާނު) އެވެ. ޓެކްނިކަލް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީ އަށް އިންތިހާބުވީ 12 ވޯޓާ އެކު، މަޝްހޫރު ކޯޗު މުހައްމަދު ނަދީމާއި 11 ވޯޓާ އެކު ހަސަން އަގްލީމް އަދި ސޮފްވާން އަހުމަދެވެ.

ބީޗް ކޮމިޝަނުގެ ހަ މަގާމުގެ ތެރެއިން މިރޭ އިންތިހާބުވީ ހަތަރު މެމްބަރެކެވެ. އެއީ 12 ވޯޓާ އެކު ހާލިދު މުހައްމަދާއި މައުމޫރް މުހައްމަދާއި 11 ވޯޓާ އެކު އިސްމާއިލް ޝަރީފް އަދި އިސްމާއިލް އަބްދުﷲ އެވެ. އިތުރު ކެންޑިޑޭޓަކު ކުރިމަތިލާފައިނުވުމުން އިންތިހާބީ ކޮމިޓީން ނިންމީ އަނެއް ދެ މަގާމަށް މެމްބަރުން ހޮވުން، އާ އެކްސްކޯއާ ހަވާލުކުރާ ގޮތަށެވެ.

މިރޭގެ އިންތިހާބުގެ ކަންތައްތައް ކުރިއަށް ގެންދެވީ ސްޕޯޓްސް ކައުންސިލްގެ ރައީސް އިބްރާހިމް އިސްމާއިލް އިސްކޮށް ހުންނެވި ކޮމިޓީއަކުންނެވެ.

އެސޯސިއޭޝަނުގެ އާ ރައީސް ލަތީފް ވިދާޅުވީ މިރޭ މި އެޅިގެންދިޔައީ ދިވެހި ވޮލީބޯޅައިގެ މުޅިން އާ ބިންގަލެއް ކަމަށައި މި ބަދަލާ އެކު ވޮލީބޯޅަ އަކީ މުޅި ރާއްޖޭގައި ކުޅޭވޭ ކުޅިވަރަކަށް ހަދައި ގިނަ ކުރިއެރުން ގެނެސްދޭނެ ކަމަށެވެ.

ލަތީފް ވަނީ ގައުމީ ވޮލީބޯޅަ ޓީމުގެ އިތުރުން ރާއްޖޭގެ މަޝްހޫރު ގިނަ ކްލަބްތަކަށް ކުޅުއްވައި ގިނަގުނަ ކާމިޔާބީތައް ހާސިލްކުރައްވައިފަ އެވެ. މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުގެ ޗެއާމަންގެ މަގާމާ ދާދި ފަހުން ހަވާލުވެވަޑައިގެންނެވި، ވިޔަފާރިވެރިޔާ ލަތީފް ވަނީ އޭނާ ޑިރެކްޓަރެއްގެ މަގާމް އަދާކުރައްވަމުން އަންނަ ގައުމީ އެއާލައިން ކުންފުނި އައިލެންޑް އޭވިއޭޝަނުން ވޮލީބޯޅަ ޓީމެއް ނެރެއްވައި އެ ޓީމަށް ކާމިޔާބީތައް ހޯދައިދެއްވައިފަ އެވެ.