01 އޮކްޓޯބަރ 2016 - 23:36

ކާޑިފް، ވޭލްސް (އޮކްޓޫބަރު 1) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ 2-0 އިން ހަލް ސިޓީ އަތުން ޗެލްސީ މޮޅުވިއިރު، ފަހަތުން އަރައި ސްވަންސީ ސިޓީ އަތުން 2-1 އިން މޮޅުވެ ލިވަޕޫލް ލީގުގެ ދެ ވަނަ އަށް އަރައިފި އެވެ.

ލީގުގެ އެއް ވަނައިގައި މެންޗެސްޓާ ސިޓީ އޮތީ ހަ މެޗުން 18 ޕޮއިންޓާ އެކު އެވެ. ދެ ވަނައަށް ލިވަޕޫލް ޖެހިލީ ހަތް މެޗުން 16 ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަނައިގައި އޮތް ޓޮޓެންހަމާއި ހަތަރު ވަނައިގައި އޮތް އެވަޓަން އަށް ވަނީ 14 ޕޮއިންޓް ލިބިފަ އެވެ. ފަސް ވަނައިގައި އޮތް އާސެނަލާއި ހަ ވަނައިގައި އޮތް ޗެލްސީ އަށް ލިބިފައިވަނީ 13 ޕޮއިންޓެވެ.
މިރޭގެ މެޗަށް ޗެލްސީ ނުކުތްއިރު ޖެހިޖެހިގެން ދެ މެޗުން ބަލިވެފައިވާތީ ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ އަށް ވަނީ ޕްރެޝަރު ބޮޑުވެފަ އެވެ. އެހެން ނަމަވެސް ލީގުގައި ތިން މެޗަށް ފަހު ހޯދި ފުރަތަމަ މޮޅާ އެކު ޗެލްސީ އަށް ވަނީ ހިތްހަމަ ޖެހުމެއް ލިބިފަ އެވެ.
ޗެލްސީގެ ލަނޑުތައް ކާމިޔާބުކުރީ ބްރެޒިލްގެ މިޑްފީލްޑަރު ވިލިއަން އާއި ސްޕެއިނުގެ ފޯވާޑް ޑިއޭގޯ ކޮސްޓާ އެވެ. މެޗަށް ފަހު ޗެލްސީގެ ކޯޗު ކޮންޓޭ ބުނީ މިއީ ކުރިއަށް އެޅުނު ފިޔަވަޅެއްގެ ގޮތުގައި ދެކޭ ކަމަށެވެ.
"މައްސަލަތަކުން އަަރައިގަންނަން މެޗުތަކުން މޮޅުވުން މުހިއްމު. މިއީ ކުރިއަށް އެޅުނު ފިޔަވަޅެއް. ބައިކޮޅަށް ލަނޑެއް ނުވަދެ ނިންމާލުމަކީ ވެސް ޕްލަސް ޕޮއިންޓެއް،" ކޮންޓޭ ބުންޏެވެ.
ސްވަންސީން ވަނީ މެޗުގެ އަށް ވަނަ މިނިޓްގައި ލިވަޕޫލް ކޮޅަށް ލަނޑު ޖަހައިފަ އެވެ. އެ ޓީމުގެ ލަނޑު ކާމިޔާބުކުރީ ލިރޯއީ ފާ އެވެ. ލީޑުފުޅާކުރަން ސްވަންސީގެ ބޯހާ ބަސްޓޮން އަށް ލިބުނު ފުރުސަތުގެ ބޭނުމެއް ނުކުރެވުނެވެ.
ލިވަޕޫލަށް ފުރަތަމަ ހާފްގައި އެންމެ ބޮޑު މައްސަލައެއް ދިމާވީ އަނިޔާގެ ސަބަބުން ފުރަތަމަ ހާފްގައި އެޑަމް ލަލާނާ ބަދަލުކުރަން ޖެހުމުންނެވެ. އޭނާގެ ފައިގެ އުކުޅުވަޅަށް އަނިޔާވެފައިވާއިރު އިންގްލެންޑް ޓީމުން ފުރުސަތު ލިބިދާނެ ކަމާ މެދު ވަނީ ސުވާލު އުފެދިފަ އެވެ.
މެޗުގެ 54 ވަނަ މިނިޓްގައި ލިވަޕޫލުން އެއްވަރުކުރީ ރޮބާޓޯ ފިރްމީނޯ ކާމިޔާބުކުރި ލަނޑުންނެވެ. ލިވަޕޫލް މޮޅުކޮށްދިނީ މެޗު ނިމެން ހަ މިނިޓަށް ވެފައި ވަނިކޮށް ލިބުނު ޕެނަލްޓީ އަކުން ޖޭމްސް މިލްނާ އެވެ. މި ޕެނަލްޓީ އަކީ ސްވަންސީގެ އެންހެލް ރަންހޭލް ލިވަޕޫލްގެ ފިރްމީނޯ އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.
މިއީ ލިވަޕޫލްގެ ކޯޗުކަމާ ޔާގަން ކްލޮޕް ހަވާލުވި ފަހުން އެ ޓީމު ލީގުގައި ޖެހިޖެހިގެން ހަތަރު މެޗުން މޮޅުވި ފުރަތަމަ ފަހަރެވެ.
މިރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު ސަންޑަލެންޑް ވަނީ 1-1 އިން ވެސްޓް ބްރޮމްއާ އެއްވަރުވެފަ އެވެ. ވަޓްފޯޑާއި ބޯންމައުތު 2-2 އިން އެއްވަރުވިއިރު، ވެސްޓް ހަމް ޔުނައިޓެޑާއި މިޑްލްސްބަރާގެ ކުރިމަތިލުން އެއްވަރުވީ 1-1 އިންނެވެ.