03 އޮކްޓޯބަރ 2016 - 06:17

ހިތުހުރިހާ މޮޅުކަމެއް ސްމާޓްފޯނުތަކަށް ދެވިއްޖެ އެވެ. އެ ހުރިހާ މޮޅު ކަމެއް ދެމެހެއްޓޭ ވަރު އެކަމަކު ބެޓެރީގައި އަދި ވެސް ނެތެވެ. ހެނދުނު ފުލް ޗާޖްކޮށްގެން އޮފީހަށް ގޮސް އަންނައިރު ބެޓެރީގައި ކަންފުޅެއް ހުންނަނީ މަދު ދުވަހަކު އެވެ.
ބާރުގަދަ ފޯނުތަކަށް ދެމެހެއްޓެނިވި ބެޓެރީ އަކީ އަދި ވެސް ހުވަފެނެކެވެ. ބެޓެރީގެ ހާލަތާ މެދު ފިކުރުނުކޮށް ދެތިން ދުވަހަށް ވެސް ފޯނު ނުގެންގުޅެވެ އެވެ.
އަދުގެ ހާލަތުގައި ބެޓެރީ ބާރުގަދަކުރެވެން އޮތީ ނިސްބަތުން ސައިޒަށް ބަދަލު ގެނެސްގެންނެވެ. "ލިތިއަމް-އަޔަން" އަދި "ލިތިއަމް-ޕޮލީމާ" ބެޓެރީތަކުގެ ހާލަތަކީ އެއީ އެވެ. އައިފޯނު ކަހަލަ ލޫޅާފަތި ފޯނަކަށް ބާލީހެއް ވަރުގެ ބެޓެރީއެއް އެއްގޮތަކަށް ވެސް ކަމަކު ނުދާނެ އެވެ.
ސްމާޓްފޯނުތަކަށް ސޯލާ ޕަވާ އަންނާނީ ކޮން ދުވަހަކުން ބާ އެވެ؟ ޖަވާބުދޭން ވަރަށް ފަސޭހަ ސުވާލެކެވެ. އަންނާނެ ދުވަހެއް ވެސް އަދި ނޭނގެ އެވެ.
ސޯލާ ޕަވާ އުފެއްދުމަށްޓަކައި އާދައިގެ ހާލަތްތަކުގައި ސޯލާ ޕެނަލަކަށް ބޭނުންވެ އެވެ. ސްމާޓްފޯންތަކުގައި ސޯލާ ޕެނަލް ހަރުކުރާނީ ކޮންތާކު ހެއްޔެވެ؟ ބުރަކަށީގައި ހެއްޔެވެ؟
ސޯލާ ޕަވާ އުފައްދަނީ އަވިން ކަމަށް ބުނަމާ ހިނގާށެވެ. ކިޔާލަން ފަސޭހައަކަށެވެ. މާނަ އަކީ އަވިން ހަކަތަ އުފެއްދުމަށްޓަކައި ސޯލާ ޕެނަލް އަށް އަވި ދޭން ޖެހޭނެ ކަމެވެ. ފޯނުގެ ފަހަތު ކަވަރުގައި ސޯލާ ޕެނަލް ހަރުކުރުމަކުން އެ އަށް އެޅޭނީ ކޮން އަތްވެއް ހެއްޔެވެ؟
އެހެން ވާހަކައެއް ވެސް އެބަ އޮތެވެ. ސޯލާ ޕަވާއިން ބެޓެރީ ޗާޖްކުރެވޭ ގޮތަށް ފޯނެއް ސެމްސަންގުން ވެސް އުފެއްދި އެވެ. ވައިގައި ނުހިފި އެވެ. އެހެން ބައެއް ކުންފުނިތަކުން ވެސް އެ ޒާތުގެ ތަޖުރިބާކުރި އެވެ. ފެންނާކަށް ނެތެއް ނޫން ހެއްޔެވެ. މާނަ އަކީ ސެމްސަންގް އަދި އެޕަލް ފޯނުތަކުގައި އެޅުވޭ ފެންވަރުގެ ސޯލާ ޕެނަލްއެއް ވުޖޫދުގައި ވެސް ނެތް ކަމެވެ.
މަސްރަހުގައި ވާހަކަތައް ހުރި ގޮތަށް ބަލާއިރު، މަސްހޫރު ފޯނުތަކަށް ސޯލާ ޗާޖިން އަތުވެދާނެ އެވެ. މި ބުނީ އެކަހަލަ ހައްލެއް ހޯދޭތޯ އެޕަލް އާއި ސެމްސަންގުން ވިސްނާ ވާހަކަ އެވެ.
ސްމާޓްފޯނުތަކުގެ ބެޓެރީ އަވިން ޗާޖުކުރަން ވިސްނާއިރު، ފުރަތަމަ ހަރުފަތުގައި އޮތީ ސޯލާ ޕެނަލްތައް އަލުން ޑިޒައިންކުރުމެވެ. ސޯލާ ޕެނަލް އުފައްދަން މިހާރު ބޭނުންކުރެވޭ ޓެކްނޮލޮޖީ ސްމާޓްފޯނުތަކަށް ކަމަކު ނުދެ އެވެ. މި ބުނީ ދެ ގަޑިއިރު ވަންދެން ބެޓެރީ ޗާޖުކުރަން ފޯނު އަވީގައި ބާއްވާފައި ގެނެސް ދެ މިނެޓްގެ ކޯލެއް ފުރިހަމަކުރެވޭހައި ކުޅަދާނަކަން އެ ޓެކްނޮލޮޖީގައި ނެތް ވާހަކަ އެވެ.
ބެޓެރީ ޗާޖުކުރުމަށްޓަކައި ސްމާޓްފޯނުތަކުގައި އެޅުވޭ ސޯލާ ޕެނަލް އަކީ ވަރަށް އަވަހަށް ބެޓެރީ ޗާޖުކޮށްދޭ ވަސީލަތަކަށް ވާން ޖެހެ އެވެ. އެކަމަކު ޕެނަލް އަޅުވާނީ ކޮންތާކު ހެއްޔެވެ؟
އިންޖިނޭރުން ބުނަނީ ދެމެހެއްޓެނިވި ހައްލަކަށް ވާނީ، ޑިސްޕްލޭ ދަށުގައި ކާއްތާލެވޭ، ލޮލަށް ނުފެންނަ ޒާތުގެ، ބަޔޯ ޖަރާސީމު ފަށަލައަކަށް އަލިއެޅުމުން އުފެދޭ ހަކަތައިން ބެޓެރީ ޗާޖުކުރުން ކަމަށެވެ.