ތަރައްގީ އާއި ލުއި ފަސޭހަ އަށް ކުރާ ކަންތަކަށް އެއްބާރުލުން ދިނުމަށް ރައީސް އެދިވަޑައިގެންފި
ތަރައްގީ އާއި ލުއި ފަސޭހަ އަށް ކުރާ ކަންތަކަށް އެއްބާރުލުން ދިނުމަށް ރައީސް އެދިވަޑައިގެންފި

ގައުމުގެ ތަރައްގީ އާއި ލުއި ފަސޭހަ އަށް ޓަކައި ސަރުކާރުން ކުރާ ކަންތައްތަކަށް ރައްޔިތުން އެއްބާރުލުމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ގޮވާލައްވައިފި އެވެ.

ހިޖުރީ އާ އަހަރެއް ފެށުމާ ގުޅިގެން މަރުހަބާ އާއި ހެޔޮއެދުންތައް ފޮނުއްވައި ނެރުއްވި ހިތޯބެއްގައި އެމަނިކުފާނު ވިދާޅުވީ ތަރައްގީގެ މަގުގައި ކުރިއަށް ފިޔަވަޅުތައް އަޅާއިރު، އެކަންކަން ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވޭނީ،ރައްޔިތުންގެ ފުރިހަމަ އެއްބާރުލެއްވުމާ އެކުގައިކަން ޔަގީން ކަމަށެވެ.

"އެހެންކަމުން، ހިޖުރައިގެ ދަރުސްތަކުން އިބްރަތް ހާސިލުކޮށް، އަޅުގަނޑުމެންގެ މެދުގައި އޮތް އެއްބައިވަންތަކަމުގެ ގުޅުން ވަރުގަދަކޮށް ބަދަހިކުރުމާއެކު، ސަރުކާރުން ރައްޔިތުންގެ ތަރައްގީއަށާއި ލުއިފަސޭހަ އަށް ކުރަމުންގެންދާ މަސައްކަތްތަކަށް ރައްޔިތުން ފުރިހަމަ އެއްބާރުލުން ދެއްވުމަކީ ވަރަށް މުހިންމު ކަމެކެވެ،" ހިތޯބުގައި ވެ އެވެ.

އެމަނިކުފާނު ވިދާޅުވީ ހިޖުރީ އާ އަހަރު އަޅުގަނޑުމެންގެ ހިތްތަކަށް ގެނެސްދެނީ، މި އުންމަތުގެ މާތް ނަބިއްޔާ މައްކާ ދޫކުރައްވައި މަދީނާ އަށް ކުރެއްވި މަތިވެރި ހިޖުރައިގެ އަގުހުރި ފިލާވަޅުތައް ކަމަށާއި އެ މަތިވެރި ހާދިސާގެ ސަބަބުން، މުސްލިމުންނަށް ލިބުނު ނަސްރާއި ކާމިޔާބީގެ ހަނދާންތައް ކަމަށެވެ.

"އަދި ހަމައެހެންމެ، ހިޖުރައިގެ މަތިވެރި ހާދިސާއަކީ، މުސްލިމުންގެ މެދުގައި އޮންނަންޖެހޭ އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ގާތް ގުޅުން އަޅުގަނޑުމެންގެ ހިތްތަކުގައި އާލާވާނެ މުހިންމު ހާދިސާއެއް ވެސް މެއެވެ،" ހިތޯބުގައި ވެ އެވެ. "އެހެންކަމުން، ހިޖުރައިގެ މަތިވެރި ހާދިސާއިން އިބްރަތް ލިބިގަނެ، އަޅުގަނޑުމެންގެ މެދުގައިވާ އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ގާތް ގުޅުން އިތުރަށް ވަރުގަދަކުރުމުގެ އަޒުމް އާ ކުރެއްވުމަށް ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް މި މުނާސަބަތުގައި އަޅުގަނޑު އިލްތިމާސް ކުރަމެވެ."