01 އޮކްޓޯބަރ 2016 - 23:59

ބެންކޮކް (އޮކްޓޯބަރު 1) - ޒިކާ ވައިރަސް ޖެހިފައިވާ މީހުންނަށް ލިބޭ ކުދިންގެ ބޯ ކުޑަވާ ބަލި މައިކްރޯސެފަލީ ޖެހިފައިވާ ދެ ކުއްޖަކު ތައިލެންޑުން ފެނިފައިވާ ކަމަށް އެ ގައުމުގެ ސިއްހީ އޮފިޝަލުން ބުނެފި އެވެ.
މިއީ ޒިކާއާ ގުޅިފައިވާ މައިކްރޯސެފަލީ ދެކުނު އިރުމަތީ އޭޝިއާ އިން ފެނުނު ފުރަތަމަ ފަހަރެވެ. ޑަބްލިއުއެޗްއޯ އިން ވެސް ވަނީ މިކަން ޔަގީންކޮށްދީފަ އެވެ. މި ސަރަހައްދުގެ ވަރަށް ގިނަ ގައުމުން ވަނީ ޒިކާ ވައިރަސް ވެފަ އެވެ. އޭގެ ތެރޭގައި ސިންގަޕޫރާއި މެލޭޝިއާ ވެސް ހިމެނެ އެވެ. އަދި ތައިލެންޑުގައި ވެސް ވަނީ މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން 350 މީހަކަށް ޒިކާ ވައިރަސް ޖެހިފަ އެވެ. މީގެ ތެރޭގައި މާބަނޑު 25 މީހަކަށް ވެސް ވަނީ ޒިކާ ޖެހިފަ އެވެ. ދެކުނު އިރުމަތީ އޭޝިއާ އިން އެންމެ ގިނައިން ޒިކާ ވައިރަސް ޖެހިފައި ވަނީ ވެސް ތައިލެންޑް މީހުންނަށެވެ.
"ޒިކާއާ ގުޅިފައިވާ މައިކްރޯސެފަލީ ޖެހިފައި ދެ ކުއްޖަކު ތައިލެންޑުން ވަނީ ފުރަތަމަ ފަހަރަށް ފެނިފައި. ތައިލެންޑުގެ ޑިޕާޓްމަންޓް އޮފް ޑިޒީޒް ކޮންޓްރޯލުން ބުންޏެވެ.
ޒިކާގެ އަލާމާތްތަކަކީ ޑެންގީގައި ވެސް ފެންނަ ފަދަ އަލާމާތްތަކެކެވެ. އެގޮތުން ހުން އައުމާއި، ގައިގައިި ރިއްސުމާއި ހަމުގައި ރަތް ކުލައިގެ ބިހި ނެގުމާއި ލޯ ރަތްވުމާއި ހުޅުހުޅުގައި އަދި ބޮލުގައި ރިއްސަ އެވެ. މާބަނޑު މީހަކަށް ޒިކާ ޖެހިއްޖެ ނަމަ ބަނޑުގައި އޮންނަ ދަރިފުޅަށް މައިކްރޯސެފަލީ ނުވަތަ އެކަށީގެންވާ ވަރަށް ވުރެ ބޯ ކުޑަވެ އައިބުވުމުގެ މައްސަލަ ކުރިމަތިވާކަން ވަނީ ކަށަވަރުވެފަ އެވެ. އެހެންވެ މި ބަލި އުޅޭ ގައުމުތަކަށް، މާބަނޑު މީހުން ދަތުރު ނުކުރުމަށާއި މާބަނޑު މީހުން ބައްޔާ މެދު އިތުރަށް ސަމާލުވުމަށް ތަޖުރިބާކާރުން އިލްތިމާސްކުރެ އެވެ.
ޒިކާ ވައިރަސް ފުރަތަމަ ފެތުރެން ފެށީ މިދިޔަ އަހަރުގެ ކުރީކޮޅު ބްރެޒިލުންނެވެ. ޑެންގީ ހުން ޖައްސާ އީޑީސް މަދިރީގެ ސަބަބުން ޖެހޭ ޒިކާ ވައިރަސް މިހާތަނަށް ވަނީ 67 އަށް ވުރެ ގިނަ ގައުމުން ފެނިފަ އެވެ.