ޕާކިސްތާނު އާޓިސްޓުންނަށް ތާއީދުކުރުމުން ސަލްމާން ހޫނުފެނަށް
ޕާކިސްތާނު އާޓިސްޓުންނަށް ތާއީދުކުރުމުން ސަލްމާން ހޫނުފެނަށް

އިންޑިއާގައި މަސައްކަތް ކުރަމުންދިޔަ ޕާކިސްތާނުގެ އާޓިސްޓުންނާ ގުޅޭ ގޮތުން ފިލްމީ ތަރި ސަލްމާން ޚާން ދެއްކި ވާހަކައިގެ ސަބަބުން އިންޑިއާގެ ސިޔާސީ ޕާޓީތަކުން އޭނާ ދެކެ ރުޅިއަތުވެއްޖެ އެވެ.

ޕާކިސްތާނު އާޓިސްޓުން އިންޑިޔާގައި މަސައްކަތްކުރުން މަނާކުރުމާ ބެހޭ ގޮތުން ދެކެނީ ކިހިނެއްތޯ ނޫސްވެރިން ސަލްމާނާ ސުވާލުކުރުމުން ބުނެފައި ވަނީ ސުލްހަވެރިކަމާއި އަމާންކަމާއި އޮމާންކަމާ އެކު ހުރިހާ ކަމެއް ވެސް ނިމުމަކީ އެންމެން ވެސް ޚާއްސަކޮށް އާދައިގެ ނިކަމެތިން ވަރަށް އެދޭނެ ކަމެއް ކަމަށެވެ. އަދި ޕާކިސްތާނު އާޓިސްޓުންނަކީ ޓެރަރިސްޓުން ނޫންކަމަށާއި އެމީހުން އިންޑިއާގައި މަސައްކަތްކުރީ ވިސާ އާއި ވޯކްޕާމިޓް ހޯދައިގެން ކަމަށް ވާތީ އެމީހުން ކުޅުނު ފިލްމުތައް މަނާކުރުމަކީ ގަބޫލުކުރެވޭ ކަމެއް ނޫން ކަމަށް ބުންޏެވެ.

ސަލްމާންގެ މި ވާހަކައާ އެކު ސިޔާސީ މީހުން އުތުރި އަރައިގަތެވެ.

އެންމެ ފުރަތަމަ ސަލްމާނަށް ޖަވާބުދިނީ މަހަރަޝްތުރަ ނިރްވަނަރަމް ސޭނާގެ ރައީސް ރާޖް ތާކަރީ އެވެ. އޭނާ ބުނި ގޮތުގައި އިންޑިއާގެ ބޯޑަރު ހިމާޔަތްކުރާ ސިފައިންނަކީ ޕާކިސްތާނު ސިފައިންނާ ޒާތީ ދުޝްމަންކަމެއް އޮތް ބައެއް ނޫން ކަމަށެވެ. ނަމަވެސް ބޯޑަރު ހިމާޔަތްކުރުމުގައި އެމީހުންގެ ފުރާނަ ވެސް ގުރުބާންކުރަން ޖެހޭ ކަމަށް ބުނެ ޕާކިސްތާނުން އަންނަ ހަަމަލާތަކަށް އިޝާރާތްކުރި އެވެ. ބޯޑަރު ބަލަހައްޓާ ސިފައިން ހަތިޔާރު ބަހައްޓައިފި ނަމަ ބޯޑަރު ހިމާޔަތްކުރާނީ ސަލްމާން ޚާން ތޯ ވެސް ސުވާލުކުރި އެވެ.

އެހެން ސިޔާސީ ޕާޓީއެއްކަމަށްވާ ޝިވް ސޭނާގެ ލީޑަރު މަނީޝާ ކަޔަންޑޭ ވެސް ވަނީ ސަލްމާނަށް ބަހުގެ ހަމަލާތައް ދީފަ އެވެ. އޭނާ ބުނީ ސަލްމާނަށް ރަނގަޅު ފިލާވަޅެއް ދޭންޖެހިފައިވާ ކަމަށެވެ. އަދި ސަލްމާން އެހާ ޕާކިސްތާނު އާޓިސްޓުން ދެކެ ލޯބިވާނަމަ އެ ގައުމަށް ހިޖުރަކުރުން މާ ރަނގަޅުވާނެ ކަމަށް ވެސް މަނީޝާ ބުނެފައިވެ އެވެ.

ސިޔާސީ ޕާޓީތަކުގެ އިތުރުން ސޯޝަލް މީޑިއާގައި ވެސް މި މައްސަލައިގައި ސަލްމާނަށް ދަނީ ބަހުގެ ހަމަލާތައް އަމާޒުވަމުންނެވެ.

ބައެއް ސިޔާސީ ޕާޓީތަކުން ބުނެފައިވަނީ ސަލްމާންގެ ވިސްނުން މިގޮތަށް ހުރިނަމަ އޭނާގެ ފިލްމުތައް ވެސް މަނާކުރަން ވިސްނަން ޖެހިދާނެ ކަމަށެވެ.