ޕޫމާގެ އާ އެމްބްސެޑަރަކީ ދަ ވީކެންޑް
ޕޫމާގެ އާ އެމްބްސެޑަރަކީ ދަ ވީކެންޑް

"ދަ ވީކެންޑް" އަކީ "ކާންޓް ފީލް މައި ފޭސް" އަދި "ލަވް މި ހާޑާ" ފަދަ މަގުބޫލު ލަވަތަކުގެ ފަހަތުގައިވާ ހުނަރުވެރިވެރި ލަވަކިޔުންތެރިއާ އެވެ.

ޓޮރޮންޓޯއަށް ނިސްބަތްވާ އެބެލް ޓެސްފެއި ނުވަތަ ސްޓޭޖު ނަމުން "ދަ ވީކެންޑް" އަކީ އެތުލެޓިކް ވެއާ ބްރޭންޑް ޕޫމާ ގެ އާ އެމްބެސެޑާ ކަމަށް އެ ބްރޭންޑުން އިއުލާން ކޮށްފި އެވެ. ދަ ވީކެންޑްގެ ބޫޓު އަދި ހެދުން ކަލެކްޝަން ލޯންޗުކުރާނީ 2017ގަ އެވެ. އަދި އޭނާގެ މި ކޮލެބޮރޭޓިވް ޑިޒައިންތަކަށް ދީފައިވާ ލޭބަލަކީ "އެކްސް އޯ" އެވެ.

ރިހަނާ އަކީ މިއަހަރުގެ ޕޫމާ އެމްބެސަޑަ އެވެ. އަދި އޭނާގެ ލޭބަލަކީ ފެންޓީ އެވެ. މިދިޔަ ހަފުތާގައި ރިހަނާ އާއި ޕޫމާގެ ދެވަނަ ޑިޒައިން ކަލެކްޝަން ޕެރިހުގައި ދައްކާލި އެވެ. މޮޑެލް ކާރާ ޑެލަވިން އާއި ކައިލީ ޖެނާ އަކީ ރިހަނާގެ ކުރިން ޕޫމާ ބްރޭންޑު ރަމްޒުކޮށްދިން ފަންނާނުންނެވެ.

ދަ ވީކެންޑްގެ ސްޓައިލަކީ ވަަރަށް ސާދާ އެކަމަކު ޒަމާނީ ވައްތަރެކެވެ. އަދި ބޮމްބާ ޖެކެޓާއި ޑެނިމް ޖެކެޓުގެ އިތުރުން ކަޅު ކުލައިގެ ޓީޝާޓާއި ޖިންސަކީ ވީކެންޑުގެ ސްޓައިލެވެ. ޕޫމާ އާއި އެކު ދަ ވީކެންޑްގެ ކަލެކްޝަންގައި އޭނަ ލާ ސްޓައިލްގެ ޑިޒައިންތައް ފެންނާނެ ކަމަށް ގިނަ ބަޔަކު އުއްމީދު ކުރެ އެވެ.