02 އޮކްޓޯބަރ 2016 - 06:09

ބޮލީވުޑުން މިހާތަނަށް އުފެއްދި ކުޅިވަރަށް ބިނާކޮށްފައިވާ ފިލްމުތަކަށް ނުލިބޭވަރުގެ ބޮޑު ތަރުހީބެއް އިންޑިއާގެ ކްރިކެޓް ކެޕްޓަން މެހެންދުރަ ސިންގް ދޯނީގެ ހަޔާތުގެ މައްޗަށް ކުޅެފައިވާ "އެމް.އެސް ދޯނީ – ދި އަންޓޯލްޑް ސްޓޯރީ" އަށް ދަނީ ލިބެމުންނެވެ.

ޓްރޭޑް އެނަލިސްޓް ތަރަން އާދާޝް ޓައިމްސް އޮފް އިންޑިއާ އަށް ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވަނީ ދޯނީގެ ފިލްމަށް ބޮޑު ތަރުހީބެއް ލިބެމުންދަނީ އޭނާގެ ކްރިކެޓް ފޭނުން ގިނަކަމުން ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
ހުކުރު ދުވަހު އެކަނި ވެސް ފިލްމަށް 20-21 ކްރޯޑު (210-200 މިލިއަން ރުޕީޒް) ލިބިފައިވާ ކަމަށް ވަނީ އަންދާޒާ ކޮށްފަ އެވެ. އެހެންކަމުން ސަލްމާން ޚާންގެ "ސުލްތާން" ފިޔަވައި މިއަހަރުގެ އެންމެ ރަނގަޅު އަދަދެއް ފުރަތަމަ ދުވަހު ހޯދި ފިލްމަކަށް މި ފިލްމު ވާނެކަން މިހާރު ވަނީ ޔަގީން ވެފަ އެވެ.
މިއަހަރު ރިލީޒްކުރި ފިލްމުތަކުގެ ތެރެއިން ކުރިން ދެ ވަނަ އަށް އެންމެ ރަނގަޅަށް ހިނގި ފިލްމުގެ ރެކޯޑް އޮތީ ޝާހްރުކް ޚާންގެ "ފޭން" އަށެވެ. އެ ފިލްމަށް ފުރަތަމަ ދުވަހު ލިބިފައިވަނީ 19.20 ކްރޯޑު (192 މިލިއަން ރުޕީސް) އެވެ.
މި ފިލްމާ ބެހޭ ގޮތުން ފާޑުކިޔުންތެރިންގެ ހުރީ ވަރަށް މަސްހުނި ޚިޔާލުތަކެކެވެ. ނަމަވެސް ކްރިޓިކްސް ކޮންމެ ވާހަކައެއް ދެއްކިޔަސް ކުރިޔަށް އޮތް ދުވަސްތަކުގައި ވެސް ފިލްމު ބަލަން ވަންނަ މީހުން މަދުވާނެ ކަމަކަށް ނުބެލެވެ އެވެ.
އާއްމުކޮށް ޗެންނައި، ބެންގަލޫރު ހިސާބުގައި ހިންދީ ފިލްމުތަކަށް މާ ބޮޑު ތަރުހީބެއް ނުލިބުނަސް މި ފިލްމު ބަލަން ހެނދުނު ހެނދުނާ ސިނަމާތަކުގެ ބޭރުގައި މީހުންތައް ކިއު ޖެހިފައިވެ އެވެ.
މި ފިލްމުގެ ސަބަބުން ދޯނީގެ ކެރިއަރަށް އިތުރު ކުރިއެރުން ތަކެއް ލިބިގެން ދާނެ ކަމަށް ބެލެވެ އެވެ. ސަބަބަކީ މި ފިލްމުގައި ކްރިކެޓް ޓީމުގެ ކުޅުންތެރިއެއްގެ ހައިސިއްޔަތުން އޭނާއަށް ކުރިމަތިވި މައްސަލަތަކާ ބެހޭ ވާހަކަތައް ގެނެސްފައި ނުވާތީ އެވެ. އަދި ދޯނީގެ ފިލްމުގައި ނުބައިބައި މީހެއްގެ ރޯލެއް އެއްގޮތަކަށް ވެސް ނެތެވެ.
ދޯނީގެ ކްރިކެޓް ކެރިއަރުގައި އޭނާއާ އެހެން ކުޅުންތެރިންނާ ޖެހުނު ތަފާތު މައްސަލަތައް ވެސް މި ފިލްމުގައި ގެނެސްދީފައެއް ނުވެ އެވެ. އެހެންކަމުން މިއީ ދޯނީ ދެކެ ލޯބިވާ މީހުން ހިތްހަމަޖައްސާލަން ބަލާލަން ރަނގަޅު ފިލްމެއް ކަމަށް ފާޑުކިޔާ މީހުން ބުނެފައިވެ އެވެ.
ދޯނީ ކުޑައިރުގެ ދިރިއުޅުމާއި އިންޑިއާގެ ގައުމީ ޓީމަށް އަރަން އޭނާ ކުރި މަސައްކަތް އަދި ލޯބީގެ ހަޔާތުގެ ބައެއް ހާދިސާތައް މިފިލްމުން ފެނެ އެވެ.
ފިލްމުގައި ދޯނީގެ ލޯބިވެރިޔާގެ ރޯލު ކުޅެފައިވަނީ ދިޝާ ޕަޓާނީ އެވެ. އަދި އޭނާގެ އަންހެނުން ސާކްޝީގެ ރޯލު އަދާކޮށްފައިވަނީ ކިއަރާ އަދުވާނީ އެވެ.
ފިލްމު ބެލި ގިނަ ބަޔަކާއި ކްރިޓިކްސް ވެސް އެންމެ ބޮޑަށް ތައުރީފުކޮށްފައިވަނީ ދޯނީގެ ރޯލު އަދާކުރި ސުޝާންތު ސިންގް ރާޖްޕޫތަށެވެ. ދޯނީގެ ކޮންމެ ހަރަކާތެއް އޭނާ ކޮޕީކޮށްފައިވާލެއް ފުރިހަމަކަން އެންމެން ވެސް ފާހަގަ ކޮށްފައިވެ އެވެ.