03 އޮކްޓޯބަރ 2016 - 06:14

ވަަރަށް ގިނަ ފިލްމީ ތަރިންނަކީ ހަންގަނޑު އަލިކޮށްދޭ ކަމަށް ބުނާ ކްރީމްތައް ނުވަތަ ފެއާނެސް ކްރީމްތަކުގެ އިޝްތިހާރުތައް ކުޅޭ ބައެކެެ. ފިލްމީ ތަރި ސޮނާލީ ބެންޑްރީ ވަނީ ފެއާނެސް ކްރީމް އިޝްތިހާރެއް ތަންކޮޅެއް ކުރިން ކުޅެފަ އެވެ. ނަމަވެސް ސޮނާލީ މިހާރު ބުނަނީ ހަންގަނޑު ދޮންކުރާ އެއްވެސް ކަހަލަ އެއްޗެއްގެ ބްރޭންޑް އެމްބެސެޑަރަކަށް އޭނާ މީގެ ފަހުން ނުވާނެ ކަމަށެވެ.
ދާދިފަހުން ޓީވީ ޝޯއެއްގައި "ޕާޗްޑް"ގެ އެކްޓަރެއް ކަމަށްވާ ތަނިޝްތާ ޗެޓަޖީގެ ގައިގެ ކުލައަށް މަލާމަތްކުރި ކަމަށް ބުނެ އޭނާ ވަނީ ކަލާޒް ޗެނަލްގައި މައްސަލަ ޖައްސާފަ އެވެ. ސޮނާލީ ފެއާނެސް ކްރީމް އިޝްތިހާރު ނުކުރަން ނިންމީ މިފަދަ ކަންތައްތައް ހިނގާތީ ކަމަށް އޭނާ ބުންޏެވެ.
ސޮނާލީ ބުނި ގޮތުގައި އެއްވެސް މީހެއްގެ ހަމުގެ ކުލައަށް ޖޯކް ޖެހުމަކީ އެއްގޮތަކަށް ވެސް ކޮށްގެން ވާނެ ކަމެއް ނޫނެވެ.
ސޮނާލީ ފެއާނެސް ކްރީމް އިޝްތިހާރެއް ކުޅެފައިވަނީ އޭނާގެ ފިލްމީ ކެރިއަރުގެ ކުރީކޮޅުގަ އެވެ.
"އޭރު އަހަރެން ވަރަށް ޅަ. އަދި ފައިސާ ވެސް އިންތިހާއަށް ބޭނުންވެފައި އޭރު ހުރީ. އެހެންވެ މާ ބޮޑަކަށް އިޝްތިހާރު ކުރޭ ޕްރޮޑަކްޓާ ދޭތެރޭ ވިސްނައެއް ނުލެވުނު،" ސޮނާލީ، 41، ބުނެފައިވެ އެވެ.
ސޮނާލީ ނޫނަސް ބައެއް ތަރިން އެ ތަރިއަކު އަމިއްލަ ދިރިއުޅުމުގައި ވެސް ބޭނުންކުރާ ޕްރޮޑަކްޓެއް ނޫނީ މިހާރު އިޝްތިހާރު ކޮށެއް ނުދެ އެވެ.