02 އޮކްޓޯބަރ 2016 - 06:14

އިސްކޮޅުގައި ފަސް ފޫޓު ހުރި އިންސާނަކު ކުރުވަމުން ކުޑަވަމުން ގޮސް ދެ ފޫޓަށް ކުޑަވެދާނެކަމަށް ގަބޫލު ކުރެވޭ ހެއްޔެވެ؟ މިއީ މިފަދަ މީހެއްގެ ވާހަކަ އެވެ. ވަރަށް މަދުން ނޫނީ އިންސާނުންނަށް ނުޖެހޭ ބައްޔެއްގެ ޝިކާރައަކަށް ވެފައިވާ މާމައެއް ކުޑަވަމުން ކުޑަވަމުން ގޮސް މިހާރު އިސްކޮޅުގައި ހުރީ އެންމެ ދެ ފޫޓެވެ. މިއީ އެވްރެޖްކޮށް ތުއްތު ކުއްޖެއްގެ ވެސް ހުންނަ އިސްކޮޅެވެ.

އިންޑިއާ މީހެއް ކަމަށްވާ ޝާންތީ ދޭވީ، 60، ބަލާބެލުމަށް ހީވަނީ ތުއްތު ކުއްޖެއް ހެނެވެ. އޭނާގެ ހުރިހާ ވަގުތެއްވެސް މިހާރު ހޭދަކުރަން ޖެހިފައިވަނީ ތުއްތު ކުދިން ނިންދަވާ ކަހަލަ ކުޑަ އެނދެއްގަ އެވެ. ބައެއް ފަހަރަށް އޭނާ އަމިއްލައަށް ލަވަ ވެސް ކިޔަ އެވެ. އިންޑިއާގެ މި ކުޑަ މި އަވަށަށް ޒިޔާރަތްކުރާ ޓޫރިސްޓުން މި މީހާ ބަލާލަން ގޮސް އުޅެ އެވެ.
ޝާންތީ ދޭވީގެ އަނގުންތައް ކުރުވެ އެނބުރިފައި ވާތީ ހަށިގަނޑުގެ އެއްވެސް ހިސާބަކަށް ހަރަކާތެއް ގެނައުމުގެ ގާބިލްކަމެއް ނެތެވެ. ހުރިހާކަމެއް ވެސް ކޮށްދޭންޖެހެނީ އެހެން މީހުންނެވެ.
މިހާލުގައި މި އަންހެންމީހާ އޮންނަތާ މިހާރު ވިއްސަކަށް އަހަރު ވެއްޖެ އެވެ. ދޭވީ އަކީ އެއް އިރެއްގައި ފަސް ފޫޓު ދިގު އަންހެނެކެވެ. އިސްކޮޅު ދެ ފޫޓަށް ވެފައި ވަނީ މިދިޔަ 25 އަހަރު ތެރޭގަ އެވެ.
ދޭވީ އަށް މި ބަލީގެ ނިޝާންތައް ފެންނަން ފެށީ ތިން ވަނަ އަށް ލިބުނު ފިރިހެން ދަރިފުޅު ވިހެއުމާ އެކުގަ އެވެ.
ދޭވީގެ ފިރިމީހާ ގަންގާޗަރަން ކުޝްވާހާ ބުނީ އޭނާ އާއި ދޭވީ މީގެ 35 އަހަރު ކުރިން ކައިވެނި ކުރިއިރު ދޭވީ އަކީ ސިއްހަތު ސަލާމަތުން ހުރި އަންހެނެއް ކަމަށެވެ. އަދި ދެ މީހުން އެކުގައި ދިރިއުޅުން ހޭދަކުރަމުންދިޔައީ ހިތްހަމަޖެހުމާ އުފަލުގައި ކަމަށެވެ.
"މައްސަލަތައް ޖެހެން ފެށީ ތިން ވަނަ ދަރިފުޅު ވިހެއި ފަހުން. އޭގެ ފަހުން އޭނާ ވަރަށް ބަލިވާންފެށި. އަދި ހަރަކާތްތައްވެސް ލަސްވާން ފެށި. އޭގެ ތިން މަސް ފަހުން ކަށިތަކުގައި ވަރަށް ގަދަޔަށް ރިއްސާފަ ކަށިތައް ހަރުވާން ފެށީ. އޭގެ މަސްތަކެއް ފަހުން އޭނާ ކުޑަވާން ފެށީ،" ދޭވީގެ ފިރިމީހާ ބުންޏެވެ.
ދޭވީގެ ފިރިމީހާ ބުނި ގޮތުގައި ދޭވީ ކުޑަވަމުންދާ ވާހަކަ ފުރަތަމަ ބުނުމުން އެ ވާހަކަ ގަބޫލެއް ވެސް ނުކުރެވުނެވެ. ނަމަވެސް އެންމެ ހަތަރު މަސް ދުވަހުގެ ތެރޭގައި އަންހެނުންގެ ހަށިގަނޑުން ބައި ފޫޓު ކުރުވުމުން އެންމެންނަށް ވެސް އެކަން ފާހަގަ ކުރެވުނުކަމަށް ދޭވީގެ ފިރިމީހާ ބުންޏެވެ.
ކަށިތައް ބަލިކަށިވިޔަސް ކުރީކޮޅު ދޭވީ ހިނގާ އުޅުނެވެ. ނަމަވެސް އަވަށްޓެރިއެއްގެ ގޭގެ ފުރާޅު ރަނގަޅުކުރަނިކޮށް ތޮށަލިގަނޑެއް ދޭވީގެ ފައިމައްޗަށް ވެއްޓި ފަޔަށް އަނިޔާވީ ފަހުން ދޭވީއަކަށް ނުހިނގުނެވެ. އަދި އޭނާގެ ކުރުވުމަކަށް ވެސް ބަދަލެއް ނައެވެ.
ދޭވީގެ ފިރިމީހާ ބުނި ގޮތުގައި ވަރަށް ގިނަ ހޮސްޕިޓަލްތަކަށް ދައްކައިގެން ދޭވީ އަށް ފަރުވާ ކުރެވިއްޖެ އެވެ. ނަމަވެސް އޭނާގެ ހާލަތަކަށް ކުޑަވެސް ބަދަލެއް ނައެވެ. އެހެންވެ މިހާރު ބޭސް ކުރުން ވަނީ ހުއްޓާލާފަ އެވެ.
އުތުރު އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ ކާންޕޫރު އަވަށުގައި ހުންނަ ދޭވީގެ ގެއަށް އޭނާ ދެކިލުމަށް ކޮންމެ ދުވަހަކުވެސް ދުރު ހިސާބުތަކުން މީހުން ގޮސް އުޅެ އެވެ.
އެހިސާބުގަނޑުގައި މަސައްކަތްކުރާ އެތެރެހަށީގެ ޚާއްސަ ޑޮކްޓަރެއް ކަމަށްވާ ޑރ. ޕަންކަޖް ސްރީވާސްތަވް ވިދާޅުވީ ދޭވީގެ ބައްޔަކީ ބްރިޓްލް ބޯން ޑިޒީޒް ނުވަތަ އޮސްޓިއޯޖެނޭސިސް އިމްޕާފެސްޓާ ކަމަށެވެ. ބޮޑަށް ބެލެވެނީ އޮސްޓިއޯޖެނޭސިސް އިމްޕާފެސްޓާ ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ. އެއީ ޖެނެޓިކް ބައްޔެއް ކަމަށާއި ބަލި ޖެހުމުން ކަށިތައް ބަލިކަށިވެ ފަސޭހައިން ބިންދައިގެން ދާ ކަމަށް އޭނާ ވިދާޅުވި އެވެ.