01 އޮކްޓޯބަރ 2016 - 10:51

ދިރާގަށް 28 އަހަރު ފުރުން ފާހަގަކުރަން، މި މަހު އެއްކޮށް 28 ޕަސެންޓް ހިލޭ ޑޭޓާ ދޭން ނިންމައިފި އެވެ.
ރާއްޖޭގައި މުވާސަލާތީ ހިދުމަތް ދޭ އެންމެ ބޮޑު ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި ދިރާގުގެ ބްރޯޑްބޭންޑް އަދި މޮބައިލް އިންޓަނެޓު ބޭނުންކުރާ ހުރިހާ ކަސްޓަމަރުންނަށް 25 ޕަސެންޓް ޑޭޓާ މިއަދު ޖަމާކޮށްދޭނެ އެވެ. އަދި މި މަހުގެ ތެރޭގައި ނަގާ ކޮންމެ ޑޭޓާ ޕެކޭޖަކަށް ވެސް 28 ޕަސެންޓް ޑޭޓާ ހިލޭ ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
"މި އިތުރު ޑޭޓާ ހޯދުމަށްޓަކައި ކަސްޓަމަރުން އެއްވެސް ކަމެއް ކުރާކަށް ނުޖެހޭނެ އެވެ،" ބަޔާނުގައިވެ އެވެ.
ދިރާގަށް 28 އަހަރު ފުރުނުއިރު، އެ ކުންފުނިން ވަނީ ބޮޑެތި ކާމިޔާބީތަކެއް ހާސިލުކޮށްފަ އެވެ. އެ ގޮތުން، މީހުން ދިރިއުޅޭ ހުރިހާ ރަށަކަށާއި ރިސޯޓުތަކަށް އެ ކުންފުނީގެ މޮބައިލް ކަވަރޭޖު ލިބޭއިރު، 500،000 އަށް ވުރެ ގިނަ ކަސްޓަމަރުން އެ ކުންފުނީގެ ނެޓްވޯކު ބޭނުން ކުރެ އެވެ. އަދި ރާއްޖޭގެ އުތުރުން ދެކުނަށް 1،200 ކިލޯމީޓަރު ދިގު ސަބްމެރިން ކޭބަލެއް އަޅައިގެން އިންޓަނެޓް ހިދުމަތް ދޭ ހަމައެކަނި ކުންފުންޏަކީ ވެސް ދިރާގެވެ.