އިންގްލެންޑް ކޯޗުކަން ވެންގާ އަށް ހުށަހަޅަނީ
އިންގްލެންޑް ކޯޗުކަން ވެންގާ އަށް ހުށަހަޅަނީ

ލަންޑަން (އޮކްޓޫބަރު 1) - އާސެނަލްގެ ކޯޗު އާސެން ވެންގާ އަށް އިންގްލެންޑްގެ ކޯޗުކަން ހުށަހަޅާނެ ކަމަށް އިނގިރޭސި އެފްއޭގެ ޗީފް މާޓިން ގްލެން ވިދާޅުވެއްޖެ އެވެ.

އިންގްލެންޑްގެ ކޯޗު ސޭމް އެލަޑީސް މަގާމުން ވަކިވީ ސިއްރު ނޫސްވެރިންތަކަކާ ދެއްކި ވާހަކަތަކެއްގެ ސަބަބުން ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައިވަނިކޮށެވެ. އެލަޑީސް އިންގްލެންޑަށް އިރުޝާދު ދިނީ އެންމެ މެޗަކު އެވެ. މި އަހަރު ނިމުމުގެ ކުރިން އިންގްލެންޑަށް ދާއިމީ ކޯޗެއް ހަމަނުޖައްސާނެ ކަމަށާއި އޭގެ ކުރިން ވަގުތީ ކޯޗެއްގެ ގޮތުގައި މި އަހަރު ނިމެންދެން ޓީމަށް އިރުޝާދު ދޭނީ ޒުވާން ޓީމުގެ ކޯޗު ގަރެތު ސައުތުގޭޓް ކަމަށް އެފްއޭ އިން ވަނީ ބުނެފަ އެވެ.

އާސެނަލާ އެކު ވެންގާ ހަދާފައިވާ އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް ހަމަވާނެ އެވެ. ވެންގާ ދާދި ފަހުން ބުނީ އިންގްލެންޑުގެ ކޯޗުކަމާ މެދު މި ވަގުތު ނުވިސްނާ ކަމަށެވެ.

އިނގިރޭސި އެފްއޭގެ ޗީފް ގްލެން ވިދާޅުވީ އިންގްލެންޑު ޓީމަށް ކޯޗެއް ނެގުމުގައި ބަލާ މިންގަނޑުތަކުގެ ތެރެއިން އެންމެ ކުރި ލިބެނީ ވެންގާ އަށް ކަމަށެވެ.

"އިންގްލެންޑަށް ކޯޗެއް ހަމަޖެއްސުމުގައި އެފްއޭ އިން ބަލާ ކަންތައްތަކެއް އޮވޭ. އެ ހުރިހާ ކަމަށް ބަލާއިރު ވެންގާ އަކީ އިންގްލެންޑް ހަވާލުކުރަން އެންމެ ކަމުދާ އެއް ކޯޗު. ވެންގާގެ އިތުރުން ވެސް ބައެއް ކޯޗުން އެބަތިބި،" ބީބީސީ އަށް ދިން އިންޓަވިއުއެއްގައި ގްލެން ވިދާޅުވި އެވެ.

ވެންގާ ވަނީ 2006 ވަނަ އަހަރު ސްކައިސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި ގައުމީ ޓީމަކަށް ކޯޗުކޮށްދޭން ބޭނުންވާ ކަމަށް ބުނެފަ އެވެ. އަދި އިންގްލެންޑްގެ ކޯޗަކަށް ވުމަށް ހުށަހަޅައިފިނަމަ ދޫކޮށްލަން އުނދަގޫވާނެ ކަމަށް އެ އިންޓަވިއުގައި ވެންގާ ބުންޏެވެ.