ޗެލްސީގެ ހާލަތު ބަދަލުކުރަން ވަގުތު ބޭނުން: ކޮންޓޭ
ޗެލްސީގެ ހާލަތު ބަދަލުކުރަން ވަގުތު ބޭނުން: ކޮންޓޭ

ލަންޑަން (އޮކްޓޫބަރު 1) - މިިދިޔަ ސީޒަނުގައި ޗެލްސީ އަށް ދިމާވި މައްސަލަތައް ރަނގަޅުކޮށް އެ ޓީމުގެ ހާލަތު ރަނގަޅުކުރަން ވަގުތު ބޭނުންވާނެ ކަމަށް ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.

މިދިޔަ ސީޒަނުގައި ޗެލްސީ ލީގު ނިންމާލީ 10 ވަނައިގަ އޮވެ އެވެ. މި ސީޒަނުގައި ފުރަތަމަ ކުޅުނު މެޗުތަކުން ޗެލްސީ މޮޅުވި ނަމަވެސް އެ ޓީމު އެންމެ ފަހުން ކުޅުނު ދެ މެޗުން ވެސް ވަނީ ބަލިވެފަ އެވެ. މިދިޔަ މަހު ކުޅުނު މެޗުތަކުން ޗެލްސީ އަށް މޮޅުވެވުނީ އެންމެ މެޗަކުންނެވެ. އެއީ ލީގު ކަޕްގައި ލެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުންނެވެ.

"ހަގީގަތް ގަބޫލުކުރަން ޖެހޭ. ޗެލްސީގައި މައްސަލަތަކެއް އެބަހުރި. މިދިޔަ ސީޒަން ހަނދާން ނައްތާލިޔަސް އެއީ ނުވާކަމަކަށް ނުހެދޭނެ. މުހިއްމު ކަމަކީ މިދިޔަ ސީޒަނުގައި ހެދުނު ގޯސްތައް ރަނގަޅު ކުރަން މަސައްކަތް ކުރުން. އަހަރެންނަކީ ޖާދޫ ހަދާ މީހެއް ނޫން. ތިން މަސް ނޫނީ ހަތަރު މަހުން ޓީމެއްގެ ހާލަތު ބަދަލެއް ނުކުރެވޭނެ. ޗެލްސީ ކާމިޔާބު ޓީމަކަށް ހަދަން ވަގުތު ބޭނުން،" ކޮންޓޭ ބުންޏެވެ.

ޗެލްސީ އެންމެ ފަހުން ކުޅުނު 25 މެޗުގެ ތެރެއިން އެ ޓީމު ކޮޅަށް ލަނޑެއް ނުވަދެ ނިންމާލެވުނީ އެންމެ ދެ މެޗުގަ އެވެ. އެ ޓީމުގެ ފަހަތަށް ކުޅޭ ކުޅުންތެރިންގެ ފަރާތުން ފާއިތުވި މެޗުތަކުގައި ގިނަ ގޯސްތަކެއް ފެނުނެވެ.

ކޮންޓޭ ބުނީ އިތުރު ކުޅުންތެރިން ގެނެސްގެން ޓީމު ރަނގަޅުކުރަން ވިސްނާނީ މިހާރު ތިބި ކުޅުންތެރިން ކުޅުން ރަނގަޅުކުރަން މަސައްކަތް ނުކުރާނަމަ ކަމަށެވެ.

"ޖެނުއަރީ މަހުގެ ޓްރާންސްފާގައި ކުޅުންތެރިން ގެނެސްގެން ޓީމު ރަނގަޅުކުރަން އަހަރެން ނުވިސްނަން. އަހަރެން ބޭނުމީ މިހާރު ތިބި ކުޅުންތެރިންނާ އެކު މި ޓީމު ބަދަލުކުރަން. އިތުރު ކުޅުންތެރިން ގަންނާނީ މިހާރު ތިބި ކުޅުންތެރިންގެ ކުޅުން ރަނގަޅުކުރަން އެ ކުޅުންތެރިން މަސައްކަތް ނުކުރާނަމަ،" ކޮންޓޭ ބުންޏެވެ.

ޕްރިމިއާ ލީގުގައި މިރޭ ޗެލްސީ ރަށުންބޭރުގައި ނުކުންނާނީ ހަލް ސިޓީއާ ދެކޮޅަށެވެ. މި މެޗު ފަށާނީ ރާއްޖެ ގަޑިން 7 ޖަހާއިރު އެވެ.