އިންޑިއާ ބޮޑު ލީޑެއްގައި، ރާއްޖެ ކޮބާ؟
އިންޑިއާ ބޮޑު ލީޑެއްގައި، ރާއްޖެ ކޮބާ؟

އިންޑިއާގެ ގޯއާގައި މިދިޔަ ހަފުތާގައި އޮތް އޭއެފްސީގެ ކޮންގްރެސްގައި އަހަރެމެންނަށް ފެނުނީ ދެ މަންޒަރެކެވެ؛ އިންޑިއާ އިން ފުޓްބޯޅައިގެ ބާރަކަށް ވުމަށް ކުރަމުން އަންނަ މަސައްކަތަށް ފީފާ އާއި އޭއެފްސީގެ ވެރިން ތައުރީފުކޮށް އަދި އިތުރު އެހީތައް ދޭނެ ކަމަށް ވައުދުވި އެވެ. ދިވެހިރާއްޖެ އަށް ޖެހުނީ އިންތިހާބީ ނުވަތަ އެފްއޭއެމްގެ އެތެރޭގެ މައްސަލަ ހައްލުކުރާށެވެ. މިއީ މިދިޔަ ހަތަރު ވަރަކަށް އަހަރުގެ ހާލަތެވެ. އިންޑިއާގެ ފުޓްބޯޅަ މިސްރާބު ހުރީ މެކުހަށް ޖަހާފަ އެވެ. ރާއްޖެ އަށް ފުރަތަމަ އޮތީ އެތެރޭގެ މައްސަލަތައް ހައްލުކުރުމެވެ.

އިންޑިއާ ބޮޑު ލީޑެއްގައި، ރާއްޖެ ކޮބާ؟
އިންޑިއާ ބޮޑު ލީޑެއްގައި، ރާއްޖެ ކޮބާ؟

އިންޑިއާ އަށް ފީފާ އިން އަޅާލާން ފެށުމުގެ ކުރިން ފީފާ އިން ރާއްޖެއަށް އެހީތައް ދޭން ފެށި އެވެ. އެގޮތުން އެފްއޭއެމް ހައުސް އެޅުމުގެ އިތުރުން ގޯލް ޕްރޮޖެކްޓުގެ ދަށުން ދަނޑުތައް އަޅައިދިނެވެ. މިއަދު އެކަންކަން ޑަބަލް ސްޕީޑުގައި ކުރަން ޖެހުނުއިރު، އެފްއޭއެމް މިއޮތީ އިންތިހާބެއްގައި ތާށިވެފަ އެވެ. ކޮންމެ މެނޭޖްމަންޓަކުން އައިސް ރަނގަޅު ޕްލޭނެއް އިއުލާންކުރެ އެވެ. އެކަމަކު ވަކި ހިސާބަކުން މައްސަލަ ޖެހި އަނެއްކާ ޖެހެނީ ސުމަކުން ފަށާށެވެ.

އިންޑިއާ ބޮޑު ލީޑެއްގައި، ރާއްޖެ ކޮބާ؟
އިންޑިއާ ބޮޑު ލީޑެއްގައި، ރާއްޖެ ކޮބާ؟

ސަރަހައްދީ ފުޓްބޯޅައިގައި އެންމެ ބާރަށް ކުރިއެރި ގައުމަކީ ރާއްޖެ އެވެ. އެގޮތުން 1997 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގެ ދެ ވަނަ ހޯދި ފަހުން ރާއްޖެ ދިޔައީ ތަފާތު ދައްކަމުންނެވެ. އަދި އޭގެ 11 އަހަރު ފަހުން ސަރަހައްދީ ޗެމްޕިއަންކަން ހޯދި ނަމަވެސް އެ ކާމިޔާބީގެ މަތީގައި ރަނގަޅު ބިންގަލެއް ނޭޅުނެވެ. އިންޑިއާއާ އެކު ރާއްޖެ އަކީ މިއަދު ދެކުނު އޭޝިއާ ސަރަހައްދުން ބޭރުގެ ކާމިޔާބީއަށް ވިސްނަން ޖެހޭ ގައުމެކެވެ. އެކަމަކު ޕްލޭނެއް ނެތި، އެކި ގޮތްގޮތަށް އެނބުރެމުން ގޮސް މިހާރު އަހަރެމެން މިތިބީ އަނެއްކާ ވެސް ސާފް ޗެމްޕިއަންޝިޕެއް ކާމިޔާބުކުރެވޭތޯ އުއްމީދުގަ އެވެ.

ދަނޑަށް ވަންނަން މީހުންގެ އަދަދު މަދުވެ ދިވެހި ފުޓްބޯޅައިގެ ޝައުގުވެރިކަން ގެއްލުމުން ދާއިރު، އެކަމަށް ހައްލެއް ގެންނަން އޮތް އެސޯސިއޭޝަނުގެ ހާލަތު އޮތްގޮތުން ފުޓްބޯޅައާ މެދު އިތުރަށް ފޫހިވުން ނޫން ގޮތެއް ނުވާނެ އެވެ. އެފްއޭއެމް ހަމަޔަކަށް ނޭޅެންޏާ ކްލަބްތަކަށް ވެސް އޭގެ އަސަރު ފޯރާނެ އެވެ.

ކްރިކެޓަށް މަރުދޭ ގައުމެއްގައި ފުޓްބޯޅަ ކުރިއެރުވެންޏާ، ފުޓްބޯޅައަށް މަރުދޭ ގައުމެއްގައި ފުޓްބޯޅަ ކުރިއަރުވަން މާ ފަސޭހަވާނެ އެވެ. އެކަމަކު ފެންނަނީ އެހެން މަންޒަރެކެވެ. ދުނިޔޭގެ ނަން މަޝްހޫރު ގިނަ ކުޅުންތެރިން ގެނެސް އިންޑިއާގެ ސުޕަ ލީގު މިވަނީ ތައާރަފްކޮށްފަ އެވެ. އެ މުބާރާތް ބެލުމަށް ގިނަ އަދަދެއްގެ ބަޔަކު ވަދެ އެވެ. މީގެ އިތުުރުން އިންޑިއާ އިން އަންނަނީ 2014 ވަނަ އަހަރުން ފެށިގެން ފްރާންސާއި ޖަރުމަނު އަދި ޖަޕާން ފުޓްބޯޅަ ފެޑެރޭޝަނާ ގުޅިގެން އިންޑިއާ ފުޓްބޯޅަ ކުރިއެރުވުމަށް ގިނަ މަސައްކަތް ކުރަމުންނެވެ. އަދި ޔޫރަޕްގެ މަޝްހޫރު ކްލަބްތައް ކަމަށްވާ ބަޔާން މިއުނިކާއި ލިވަޕޫލް އަދި ބެންފީކާ ފަދަ ކްލަބްތަކުގެ އެކެޑަމީ އިންޑިއާގައި ވަނީ ގާއިމްކޮށްކޮށްފަ އެވެ.

މީގެ އިތުރުން އިންޑިއާގެ ފުޓްބޯޅައިގެ އިންފްރާސްޓްރަކްޗާ ވެސް ވަނީ ތަރައްގީކޮށްފަ އެވެ. ގިނަ ދަނޑުތަކެއް ތަރައްގީކޮށް ކުރި އެވެ. ނަތީޖާއެއްގެ ގޮތުން ސަރަހައްދީ އަދި ދުނިޔޭގެ ފެންވަރުވެ ވަރުގަދަ ދެ މުބާރާތެއް އިންޑިއާގައި ބޭއްވުމުގެ ފުރުސަތު ވަނީ ލިބިފަ އެވެ.

އަންނަ އަހަރުގެ 17 އަހަރުން ދަށުގެ ވޯލްޑް ކަޕް ބޭއްވުމުގެ ފުރުސަތު އިންޑިއާ އަށް ދީފައިވާއިރު އެ ގައުމުން މިހާރު އަންނަނީ އޭއެފްސީގެ 16 އަހަރުން ދަށުގެ މުބާރާތް ހޯސްޓްކުރަމުންނެވެ. އަދި އިންޑިއާ އިން އަންނަނީ 20 އަހަރުން ދަށުގެ ވޯލްޑް ކަޕް ވެސް އެ ގައުމުގައި ބާއްވަން ފީފާއާ މަޝްވަރާ ކުރަމުންނެވެ.

އިންޑިއާގައި އޮތް ވަރުގެ އާބާދީއެއް ނެތުމުން ރާއްޖޭގައި އަދި އެފަދަ ކަމެއް ނުކުރެވިދާނެ އެވެ. އަދި އިންޑިއާއަށް ފީފާ އާއި އޭއެފްސީން ދޭ އެހީތެރިކަން ރާއްޖެ އަށް ނުދީފާނެ އެވެ. އެކަމަކު ރާއްޖޭގެ ފެންވަރުން ގިނަ އެހީތަކެއް ލިބޭނެ އެވެ. އެކަން ވެސް ފެންނަނީ ނުކުރެވޭ މަންޒަރެވެ. އެންމެ ކުޑަމިނުން ޓާފް ދަނޑެއް އަޅަން ފީފާ އިން ރާއްޖެ އަށް އެހީ ދިން ނަމަވެސް ބިމެއް ހަމަނުޖެހިގެން ނުވަތަ ކޮންމެވެސް ކޯޅުމަކާ ހެދި، ފެންނަނީ އެކަން ވެސް ލަސްވަމުން އަންނަ މަންޒަރެވެ.

"ފީފާ އަކީ އެ ޖަމިއްޔާއިން ދޭ އެހީތަކުގެ ބޭނުން އެންމެ ރަނގަޅަށް ހިފާ ގައުމުތަކަށް އިތުރު އެހީތައް ދޭ އެސޯސިއޭޝަނެއް. އެގޮތުން އިންޑިއާ އިން އަންނަނީ އެ އެހީތެރިކަމުގެ ބޭނުން އެކަށީގެންވާ ގޮތެއްގައި ހިފަމުން. ކުރިން ހަމައެކަނި ގޯއާ އާއި ކަލްކަތާގައި ފުޓްބޯޅައިގެ ފޯރި އޮތް ނަމަވެސް އިންޑިއަން ސުޕަ ލީގު ތައާރަފްކޮށް މުޅި ގައުމަށް ފުޓްބޯޅައިގެ ފޯރި ގެނެސްފި. ދަނޑުތައް ތަރައްގީކޮށް ޖޫނިއާ ވޯލްޑް ކަޕެއް ބާއްވަން އެ އަންނަނީ ތައްޔާރުވަމުން،" ދިވެހި ފުޓްބޯޅައިގެ ތަޖުރިބާކާރު ބުންޏެވެ.

ރާއްޖެ އަކީ ފުޓްބޯޅަ އިތުރަށް މާކެޓްކުރަން ޖެހޭ ގައުމެއް ނޫނެވެ. ދިވެހިންނަކީ ފުޓްބޯޅައިގެ ފޯރި ފަދަ ބަޔަކެވެ. މަޝްހޫރު ގިނަ ފުޓްބޯޅަ ކުޅުންތެރިންނާއި ކްލަބްތަކަށް ގިނަ ދިވެހިންގެ ހިތުން ހާއްސަ ޖާގައެއް ވަނީ ދީފަ އެވެ. އެހެންކަމުން އިންޑިއާއަށް ވުރެ ކުޑަ މަސައްކަތެއްކޮށްލައިގެން އަހަރެމެންނަށް ފުޓްބޯޅައިގައި މާބޮޑަށް ކުރިއަށް ދެވޭނެ އެވެ. ކުޅިވަރުގެ އިސްވެރިންނަކީ ހަމައެކަނި ކާމިޔާބެއް ލިބުމުން އަތްޖަހަން ތިބޭ ބަޔަކަށް ނުވެ، ކާމިޔާބީ ހޯދައިދޭން އިހުލާސްތެރިކަމާ އެކު މަސައްކަތްކުރާ ބަޔަކަށް ވާން ޖެހެ އެވެ.