ގާސިމަށް ރިޔާސީ އިންތިހާބުން ފުރުސަތު ލިބިދާނެތަ؟
ގާސިމަށް ރިޔާސީ އިންތިހާބުން ފުރުސަތު ލިބިދާނެތަ؟

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ވާދަކުރާނެކަން މިދިޔަ ބުރާސްފަތިދުވަހު އިއުލާން ކުރުމާ އެކު، ރާއްޖޭގެ ސިޔާސީ މަސްރަހު އިތުރަށް ކެކިގެން ހިނގައިދާނެކަން މިހާރު ވަނީ ޔަގީންވެފަ އެވެ. ޖޭޕީން 2018 ގެ ރިޔާސީ އިންތިހާބަށް ނުކުންނަށް، އެ ޕާޓީގެ ކައުންސިލުން ފާސްކުރިއިރު، ކެންޑިޑޭޓަކަށް ހަދަން ބޭނުންވާ، ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ހުންނެވީ ގާނޫނުއަސާސީން "ކަސްތޮޅު" އަޅުވައިފަ އެވެ. އޭނާއަށް ފުރުސަތު ލިބެން އޮތީ، ސަރުކާރާއި ޕާޓީތަކާ އެކު ބާއްވާ މަޝްވަރާތަކުން ނުކުންނަ ނަތީޖާއަކުންނެވެ. ޖޭޕީގެ ކުއްލި ނިންމުން އިތުރަށް ޝައުގުވެރިވާ މައިގަނޑު އެއް ސަބަބަކީ ވެސް މި އެވެ.

ގާސިމަށް ރިޔާސީ އިންތިހާބުން ފުރުސަތު ލިބިދާނެތަ؟
ގާސިމަށް ރިޔާސީ އިންތިހާބުން ފުރުސަތު ލިބިދާނެތަ؟

ޖޭޕީގެ އަސާސީ ގަވާއިދު ބުނާ ގޮތުން އެ ޕާޓީގެ ފަރާތުން ވެރިކަމަށް ކުރިމަތިލާން ޖެހެނީ ޕާޓީގެ ލީޑަރެވެ. ނަމަވެސް އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ވެރިކަމަށް ކުރިމަތި ނުލެވޭ ގޮތަށް ގާނޫނުއަސާސީ އަށް ޖޫން 25، 2015 ގައި ގެނައި އިސްލާހާ އެކު ގާސިމަށް އެ ފުރުސަތެއް މިހާރަކު ނެތެވެ. ސަރުކާރު ހިންގާ ޕީޕީއެމް ކޯލިޝަން އަޑީގައި އޮވެގެން، އެ އިސްލާހު ގާނޫނުއަސާސީ އަށް ގެނައީ ވެސް ގާސިމަށް މަގު ބަންދުކުރަން ކަމަށް ސިޔާސީ ފަރާތްތަކުން އޭރު ވެސް ބުނަމުން ދިޔަ އެވެ.

ގާސިމަށް ރިޔާސީ އިންތިހާބުން ފުރުސަތު ލިބިދާނެތަ؟
ގާސިމަށް ރިޔާސީ އިންތިހާބުން ފުރުސަތު ލިބިދާނެތަ؟

ޓޫރިޒަމް މިނިސްޓަރު ކަމުގައި އަހުމަދު އަދީބު ހުންނެވިއިރު އަދި ފަހުން އޭނާ ނައިބު ރައީސަކަށް ވެވަޑައިގަތުމަށް މަގު ފަހިކުރަން ގާނޫނުއަސާސީއަށް ގެނައި އިސްލާހުތަކުގެ ތެރެއިން ގާސިމަށް އޮތް ފުރުސަތު ގެއްލުވައިލީ އެވެ. ގާސިމަށް ސިޔާސީ ގޮތުންނާއި ވިޔަފާރީގެ ދާއިރާއިން ސަރުކާރުން ބޮޑެތި ފިއްތުންތައް ކުރިމަތި ކުރުމުގެ ނަތީޖާ އަކީ، އަމިއްލަ އަށް "ބަނދެވޭ" ގޮތަށް ގާނޫނުއަސާސީ އަށް ގެނައި އިސްލާހަށް ގާސިމް ވެސް ވޯޓު ދެއްވުމެވެ. އަމިއްލަ ޕާޓީގެ ލީޑަރަށް ފުރުސަތު ގެއްލޭ ގޮތަށް، ގާސިމަށް ހެޔޮ އެދޭ މެމްބަރުން ވެސް ވޯޓު ދެއްވީ އެވެ. ފިއްތުންތަކާ ހެދި އެ ނޫން ގޮތެއް ނެތީ ކަމަށް އޭރު އެބޭފުޅުން ވިދާޅުވި އެވެ.

ގާސިމަށް ރިޔާސީ އިންތިހާބުން ފުރުސަތު ލިބިދާނެތަ؟
ގާސިމަށް ރިޔާސީ އިންތިހާބުން ފުރުސަތު ލިބިދާނެތަ؟

ސަރުކާރުގެ އެކި ފިއްތުންތަކުގެ ތެރޭގައި ތާށިވެފައި ހުންނެވުމަށް ފަހު، ޖޭޕީން ރިޔާސީ އިންތިހާބަށް ވާދަކުރަން ނިންމުމަކީ، އަނެއްކާވެސް ގާސިމް "ފިޔަފަޅާފައި" ސިޔާސީ ދާއިރާގެ އެންމެ އިސް ސަފަށް ނުކުމެވަޑައިގަންނަވަން އުޅުއްވުން ކަމަށް ސިޔާސީ ބައެއް ފަރާތްތަކުން ދެކެ އެވެ. އެކަމަކު ގާސިމަށް ޖޭޕީގެ ކެންޑިޑޭޓްކަން ދޭން ބޭނުން ނަމަ އަނެއްކާވެސް ސިޔާސީ ގޮތުން ވަރަށް ބޮޑު ގުރުބާނީއެއް ވާން ޖެހޭނެ އެވެ.

ގާސިމަށް ރިޔާސީ އިންތިހާބުން ފުރުސަތު ލިބިދާނެތަ؟
ގާސިމަށް ރިޔާސީ އިންތިހާބުން ފުރުސަތު ލިބިދާނެތަ؟

ސިޔާސީ ޕާޓީތަކުގެ މަޝްވަރާގައި، ޖޭޕީން ސަރުކާރަށް ހުށަހަޅާ ކަންކަމުގެ އެޖެންޑާގައި އެންމެ އިސްކަންދޭ އެއް ކަމަކަށް ވާނީ ވެސް، އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު ކިނބިދޫ ދާއިރާގެ އަބްދުﷲ ރިޔާޒް ވިދާޅުވި ގޮތުގައި، ގާސިމަށް އިންތިހާބަށް ނުކުންނެވޭ ގޮތަށް ކަންކަން ފަހިކުރުމެވެ.

"އެ ޕާޓީއަކުން ނެރެން ބޭނުންވާ ކެންޑިޑޭޓަކަށް ރިޔާސީ އިންތިހާބުން ފުރުސަތު ލިބެން ޖެހޭނެ ކަމަށް އަޅުގަނޑުމެން ދެކެނީ. އެ ޕާޓީއަކުން ނެރޭނީ، ޕާޓީގެ މެމްބަރުންގެ ތެރޭގައި އެންމެ މަގުބޫލު ކެންޑިޑޭޓް. ހުރިހާ ޕާޓީތަކަށް ބައިވެރިވެވޭ އިންތިހާބަކަށް ހެދުމަށް ބޭނުން ނަމަ އެކަން އޮންނަން ޖެހޭނީ އެހެން،" ސިޔާސީ ޕާޓީތަކުގެ މަޝްވަރާގައި ޖޭޕީ ތަމްސީލްކުރައްވާ ދެ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ރިޔާޒް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އެޖެންޑާގެ އެންމެ ކުރީގައި އޮންނާނެ ކަމަކީ ވެސް އެއީ. ރިޔާސީ އިންތިހާބަށް ގާނޫނުއަސާސީގެ ސަބަބުން ކަމަށް ވިޔަސް އަދި އެހެން ސަބަބަކާ ހުރެ ވެސް ގާސިމަށް ކުރިމަތި ނުލެވޭ ނަމަ އެކަން ބަދަލުކުރުމަކީ އެއް ބޭނުން."

ގާސިމަށް ރިޔާސީ އިންތިހާބުން ފުރުސަތު ހޯދަން ޖޭޕީ ބޭނުން ނަމަ، އެކަން ކުރެވެން އޮތް އެއް ގޮތަކީ ޕީޕީއެމް ކޯލިޝަނާއި އެމްޑީޕީގެ މެމްބަރުންގެ އެހީތެރިވުމެވެ. ސަބަބަކީ ގާނޫނުއަސާސީ އަށް ބަދަލެއް ގެންނަން ބޭނުންވާ މިންވަރާ ގާތަށް ވެސް ޖޭޕީގައި މަޖިލިސް މެމްބަރުން ނެތުމެވެ. ގާނޫނުއަސާސީ އަށް ބަދަލެއް ގެންނަ ނަމަ، 63 ވޯޓު ބޭނުންވާއިރު، ހަމައެކަނި ޕީޕީއެމް ކޯލިޝަނަށް ވެސް އެކަމެއް ނުވާނެ އެވެ. އެމްޑީޕީގެ އެހީތެރިކަން ވެސް ބޭނުންވާނެ އެވެ.

ސުވާލަކީ ސިޔާސީ މަސްރަހު މިހާރު އެނބުރެމުން ދާ ގޮތުން، ހުރިހާ ޕާޓީއެއްގެ އެހީތެރިކަން ގާސިމަށް ނުވަތަ ޖޭޕީ އަށް މަޖިލިހުގެ ތެރެއިން ދޭނެ ހެއްޔެވެ؟ ގާސިމް ކޮންޓްރޯލް ކުރަން ސަރުކާރުން ބޭނުންވާކަން، ސަރުކާރުގެ އަމަލުތަކުން ވަރަށް ބޮޑަށް ސާފުވެ އެވެ. އަނެއްކާ ގާސިމް ކުރިމަތިލައްވާ ނަމަ، އިންތިހާބުގެ ފުރަތަމަ ބުރުގައި އެއީ ކޮންމެ ބަޔަކަށް ވެސް އޮތް ބޮޑު ގޮންޖެހުމަކަށް ވުން ވެސް ވަރަށް ކައިރި އެވެ. އިންތިހާބަށް ތިން ވަނަ ފަރާތެއް ނުކުންނަ ނަމަ އެއީ އެމްޑީޕީ އަށް އަދި ސަރުކާރަށް ވެސް ފަސޭހަ ކަމަކަށް ނުވާނެ އެވެ. އެ ހިސާބުން ދެން ޖެހޭނީ މަޝްވަރާގެ މޭޒުން، އެންމެންނަށް އެއްބަސްވެވޭ ހައްލެއް ހޯދާށެވެ. އެންމެންނަށް ސިޔާސީ ގޮތުން ފައިދާވާނެ ގޮތަކަށް ރުއްސުމެވެ.

"ނަޝީދު ވެސް އިންތިހާބުން ފުރުސަތު ހޯދަން ބޭނުން ނަމަ، ޖޭޕީގެ އެހީތެރިކަން ބޭނުންވާނެ. ނަޝީދު އިންތިހާބަށް ނުކުންނަން ބޭނުން ނަމަ، އެމްޑީޕީން ވެސް ޖެހޭނެ ގާނޫނުއަސާސީއަށް ބަދަލު ގެންނަން. އެހެންވެއްޖިއްޔާ ޖޭޕީގެ މެމްބަރުންގެ ވޯޓާ އެކު އެކަން އެމްޑީޕީއަށް ވާނީ،" ނަން ހާމަކުރަން ބޭނުން ނުވާ ޖޭޕީގެ އިސް މެމްބަރަކު ވިދާޅުވި އެވެ.

"މި ހާލަތަށް ހިނގައްޖެ ނަމަ ޖޭޕީން ބޭނުންވާ ގޮތަށް ގާނޫނުއަސާސީ އިސްލާހުކުރަން އެހީތެރިވާން އެމްޑީޕީއަށް ވެސް މަޖުބޫރުވާނެ. ގާނޫނުއަސާސީ އިސްލާހުކުރުމުގެ ކަންތައްތަކުގައި އެމްޑީޕީއަށް ވެސް ޖޭޕީގެ ފަހަތަށް ނާރައި ލިބޭނެ ވަކި މޮޅެއް ނޯންނާނެ."

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު 13 އަހަރަށް ޖަލަށް ލާން ދަށު ކޯޓުން ކުރި ހުކުމަށް ސުޕްރީމް ކޯޓުން ތާއީދުކުރުމުން، ރިޔާސީ އިންތިހާބުން އެމަނިކުފާނަށް ވަނީ ފުރުސަތު ގެއްލިފަ އެވެ. އެކަމަކު ޖިނާއީ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުގެ އަދަބު މާފުކުރިތާ ތިން އަހަރު ވުން އެއީ ރައީސް ކަމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނޭ ކަމަކަށް ވާއިރު، ނަޝީދަށް މަގުފަހިވާ ގޮތަށް ގާނޫނުއަސާސީގެ އެ މާއްދާ އިސްލާހުކޮށްފި ނަމަ، އެމްޑީޕީން ބޭނުންވާ ގޮތަށް ކަންކަން ހަމަޖެހޭނެ ކަމަށް ޖޭޕީގެ ކައުންސިލްގެ ބައެއް މެމްބަރުން ދެކެ އެވެ.

"އެހެންވީމާ އެމްޑީޕީ އާއި ޖޭޕީ އެއްގަލަކަށް އެރިދާނެ އެއް ކަންތައް އެއީ،" ކުރިން ވާހަކަ ދެއްކެވި ޖޭޕީގެ ކައުންސިލް މެމްބަރު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުން ގާސިމަށް ފުރުސަތު ހޯދަން މަސައްކަތް ކުރި ނަމަވެސް، އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު، ދަގެނތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދުގެ ޝައްކުތަކެއް އެބަ ހުއްޓެވެ. އެގޮތުން ޖޭޕީގެ ލީޑަޝިޕްގެ ބައެއް ބޭފުޅުން ބޭނުންވަނީ ގާސިމްގެ ބަދަލުގައި އެހެން ކެންޑިޑޭޓެއް ނެރެން ކަމަށް އޭނާ ވިދާޅުވެ އެވެ. އަދި ގާސިމަށް އިންތިހާބަށް ކުރިމަތިލެއްވޭ ގޮތަށް، ގާނޫނުއަސާސީ އަށް ބަދަލު ގެނައުމުގެ ކަންތައް ކާމިޔާބު ކުރަން ފަސޭހަނުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ޕީޕީއެމުން [ގާސިމަށް] ފުރުސަތު ދޭން ބޭނުންވިޔަސް އެމްޑީޕީން ބޭނުމެއް ނުވާނެ މަޖިލިސް ތެރެއިން އެކަން ވާކަށް. އެއީ 65 އަހަރުން މަތީގެ މީހުންނަށް ވެރިކަމަށް ކުރިމަތިނުލެވޭ ގޮތަށް އިސްލާހު ގެނައީ ވެސް އެމްޑީޕީގެ ވޯޓާ އެކު. އަނެއްކާ ތިން ވަނަ ފަރާތެއް އިންތިހާބުގައި ވާދަކުރުމަކީ އެމްޑީޕީއަށް އޮތް ވަރަށް ބޮޑު ގޮންޖެހުމަކަށް ވާނެ،" ރިޔާސީ އިންތިހާބުގައި ޖޭޕީ ވާދަކުރަން، އެ ޕާޓީގެ ކައުންސިލްގައި ވޯޓު ދެއްވި އިލްހާމް ވިދާޅުވި އެވެ.

އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ޖޭޕީގެ ލީޑަޝިޕްގެ ބައެއް ބޭފުޅުން މަސައްކަތް ކުރައްވަނީ ފޮރުވިފައިވާ އެޖެންޑާއެއްގެ ތެރެއިންނެވެ. އެގޮތުން ގާސިމްގެ ބަދަލުގައި "ކޮންމެވެސް އެހެން ބޭފުޅަކު" ޖޭޕީން ނެރުމުގެ ވިސްނުން ބައެއް މެމްބަރުންގެ ކިބައިގައި ހުރި ކަމަށް އިލްހާމް ތުހުމަތުކުރައްވަ އެވެ.

"އަޅުގަނޑު މި ހުންނަނީ އެ މަންޒަރު ބަލަން. ފުރަތަމަ ދުވަހުން ފެށިގެން ވެސް، ޖުމްހޫރީ ޕާޓީގެ ފަރާތުން ކޮންމެވެސް އެހެން ބޭފުޅަކު [އިންތިހާބަށް] ނެރެން މަސައްކަތް ކުރަމުންދާތަން މި ފެންނަނީ. ގާސިމް ރިޔާސީ އިންތިހާބަށް ނެރުމަކީ އެމީހުންގެ މަސައްކަތެއް ނޫން. ފުރަތަމަ ދުވަހުން ފެށިގެން ވެސް އެ މަންޒަރު ކުރަހަމުންދާ ތަން މި ފެންނަނީ،" ޖޭޕީގެ ކައުންސިލްގައި ހުންނެވި ނަމަވެސް، މިހާރު ސަރުކާރާ ގާތް ގުޅުމެއް ބާއްވަމުން އަންނަ އިލްހާމް ވިދާޅުވި އެވެ.

އިލްހާމެކޭ އެއްފަދައިން ގާސިމާ ގާތް ގުޅުމެއް ބާއްވަމުން ގެންދަވާ އަދި ސަރުކާރުގެ ބައެއް ސިޔާސަތުތަކަށް ޖޭޕީން އެންމެ ފާޅުކޮށް ފާޑުވިދާޅުވާ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ރިޔާޒް ވިދާޅުވީ، ރިޔާސީ އިންތިހާބަށް ގާސިމަށް ވުރެ މަގުބޫލު ބޭފުޅަކު ޖޭޕީން ކުރިމަތިލައްވާނެ ކަމަށް އޭނާ ދެކެވަޑައިނުގަންނަވާ ކަމަށެވެ. އަދި 2008 ގެ ރިޔާސީ އިންތިހާބާ އަޅާބަލާއިރު، 2013 ގެ އިންތިހާބުގައި ގާސިމަށް ލިބުނު ވޯޓުގެ އަދަދު އިތުރުވުމަކީ އޭނާގެ މަގުބޫލުކަން ބޮޑުވެފައިވާ ކަމުގެ ހެއްކެއް ކަމަށް ރިޔާޒް ވިދާޅުވި އެވެ. އަދި ޖޭޕީގެ މެމްބަރުންގެ އަދަދު ވެސް ކުރިއަަށް ވުރެ މިހާރު އިތުރުކަން އޭނާ ފާހަގަކުރެއްވި އެވެ.

"ސިޔާސީ ގޮތުން ބަލާއިރު ޖުމްހޫރީ ޕާޓީއަކީ ވަކި މީހެއްގެ ނުފޫޒެއް ނެތް ޕްލެޓްފޯމެއް. އެންމެ އާދައިގެ މީހާއަށް ވެސް ފުރުސަތު އޮތް ޕްލެޓްފޯމެއް. އަޅުގަނޑުމެން ވިސްނިއިރު، ރައްޔިތުން މިވަނީ ޕީޕީއެމަށް ވެސް އެމްޑީޕީއަށް ވެސް ފުރުސަތު ދީފައި. ތަޖުރިބާ ކޮށްފައި. އެހެންވީމާ ދެން ޖުމްހޫރީ ޕާޓީއަށް ވެސް [ވެރިކަމުން] ފުރުސަތު ދީގެން ތަޖުރިބާ ކޮށްލަން ބޭނުންވާ ބަޔަކު ތިބެދާނެ،" ރިޔާޒް ވިދާޅުވި އެވެ.

"އޮނަރަބްލް ގާސިމް އިބްރާހިމަކީ ރައްޔިތުންނަށް އަބަދުވެސް ހިދުމަތް ކުރައްވަން ބޭނުންވާ ބޭފުޅެއް. އެ ގާބިލްކަން އެބަހުރި. އެހެންވީމާ 2018 ގައި ފުރުސަތު ލިބިއްޖިއްޔާ އެމަނިކުފާނު އެކަން ރައްޔިތުންނަށް ދައްކާނެ."

ސަރުކާރުގެ ފިއްތުންތަކާ އެކު، ގާސިމް ފަހަތަށް ޖެހިވަޑައިގަތުމަކީ އަނެއްކާވެސް ފެނިދާނެ މަންޒަރެއްތޯ ދެންނެވުމުން ރިޔާޒް ވިދާޅުވީ، ގާސިމްގެ ވިޔަފާރިތަކުގައި ގާތްގަނޑަކަށް 5،000 ދިވެހިން އުޅޭއިރު، އެމީހުންނަށް ގެއްލުންވާ ގޮތަށް ކަންކަން ވާން ފެށުމުން، ގާސިމް "ބޭނުން ނުވާ ގޮތަށް ބަސްތައް ވިދާޅުވާން ޖެހެނީ" ކަމަށެވެ.

"ސިޔާސީ ގޮތުން ގާސިމް އިބްރާހީމަށް މަސައްކަތް ކުރިޔަ ނުދިނުމަށްޓަކައި ބާރު ހުރި ފަރާތްތަކުން، ވިޔަފާރިއަށް ކުރާ ފިއްތުންތަކެއް އަބަދުވެސް ހުރޭ. އެކަންކަން ގާސިމް އިބްރާހިމަށް ވެސް ކުރިމަތިވެވަޑައިގަންނަވާ ކަމަށް އަޅުގަނޑަށް ފެންނަނީ،" އޭނާ ވިދާޅުވި އެވެ.

ޖޭޕީގެ ރިޔާސީ ކެންޑިޑޭޓަކަށް ގާސިމް ހަދަން ކޮށަން ޖެހޭ މަގު އަދިވެސް ވަރަށް ބޮޑެވެ. ގިރާކުރަން ޖެހޭ ކަންކަން އެބަ ހުއްޓެވެ. އެކަންކަމަށް މަގުފަހިވާނީ، ބެލެވޭ ގޮތުގައި ސިޔާސީ ޕާޓީތަކުގެ މަޝްވަރާގެ މޭޒުގައި ކުރިއެރުން ލިބޭ ގޮތަކުންނެވެ. ޕީޕީއެމް ކޯލިޝަނާއި އެމްޑީޕީ އަދި ޖޭޕީން ކުރެ އެންމެ ބަޔަކު ދެކޮޅު ހެދިޔަސް އެއީ ކާމިޔާބުވާނެ ކަމެއް ނޫނެވެ. އަދި ގާސިމް ރިޔާސީ އިންތިހާބަށް ނުކުމެވަޑައިގަތުމަކީ ޕީޕީއެމް ކޯލިޝަނަށާއި އެމްޑީޕީ އަށް ވެސް ފަސޭހަ ކަމަކަށް ނުވާނެ އެވެ.