ދިވެހި ރެޑް ކްރެސެންޓުގެ މައި މަރުކަޒު ހުޅުމާލޭގައި އަަޅަން ބަޔަކާ ހަވާލުކޮށްފި
ދިވެހި ރެޑް ކްރެސެންޓުގެ މައި މަރުކަޒު ހުޅުމާލޭގައި އަަޅަން ބަޔަކާ ހަވާލުކޮށްފި

މޯލްޑިވިއަން ރެޑް ކްރެސެންޓުގެ މައި މަރުކަޒުގެ އިމާރާތް ހުޅުމާލޭގައި އަޅަން ބަޔަކާ އިއްޔެ ހަވާލުކޮށްފި އެވެ.

އިންޓަނޭޝަނަލް ފެޑްރޭޝަން އޮފް ރެޑް ކްރޮސް އެންޑް ރެޑް ކްރެސެންޓް ސޮސައިޓީ (އައިއެފްއާރުސީ) އިން ދިން އެހީގައި މި އިމާރާތް އަޅަން ހަވާލުކުރީ އިނޯކާ ކުންފުންޏަށެވެ. އެ އެއްބަސްވުމުގައި ރެޑް ކްރެސެންޓުގެ އަމީން އާއްމު އައިޝަތު ނޫރާ މުހައްމަދު އަދި އިނޯކާގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝަމީމް ވަނީ ސޮއިކުރައްވައިފަ އެވެ.

މި އިމާރާތުގެ މަސައްކަތް އެއް އަހަރު ތެރޭ ނިންމަން ވަނީ އެއްބަސްވެފަ އެވެ.

އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ރެޑް ކްރެސެންޓުގެ ރައީސް އަލީ ނާޝިދު ވިދާޅުވީ އަލަށް އިމާރާތް ކުރަން ނިންމި އިމާރާތުގެ ސަބަބުން، އެ ޖަމިއްޔާއިން ދެމުން އަންނަ ހިދުމަތްތައް ފުޅާވެގެންދާނެ ކަމަށެވެ.

ދިވެހި ރެޑް ކްރެސެންޓް 2009 ވަނަ އަހަރު ވުޖޫދަށް އައި ފަހުން އެ ޖަމާއަތުން ގެންދަނީ އާންމުންނަށް ދިމާވާ ބޮޑެތި ކަންކަމާ ގުޅިގެން އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.