12 އަހަރަށް ފަހު ރޮސެޓާގެ ތާރީޚީ ދަތުރު ނިމުމަކަށް
12 އަހަރަށް ފަހު ރޮސެޓާގެ ތާރީޚީ ދަތުރު ނިމުމަކަށް

ޖާމަނީ (ސެޕްޓެމްބަރު 30) - މީގެ 12 އަހަރު ކުރިން ޖައްވަށް ފޮނުވި ޔޫރަޕިއަން ސްޕޭސް އެޖެންސީގެ ޖައްވީ ސެޓެލައިޓް ރޮސެޓާ ހަތަރު ކިލޯ މީޓަރު ފުޅާ ދުންތަރީގައި ޖައްސާ 1.5 ބިލިއަން ޑޮލަރުގެ މިޝަން ނިންމާލަން ތައްޔާރުވެއްޖެ އެވެ.

ދުންތަރި67ޕީ އަށް ތިރިކުރާ އިރު އެންމެ ފަހުގެ ފޮޓޯތައް ދަނީ ފޮނުވަމުންނެވެ. ޔޫރަޕިއަން ސްޕޭސް އެޖެންސީން ބުނީ ވަރަށް ތާރީޚީ ދަތުރަކަށް ފަހު އޭގެ ބޭނުން ނިމުމަކަށް މިއަދު ގެންނާނެ ކަމަށެވެ. ޖަރުމަނުގައި ގާއިމްކޮށްފައިވާ ރޮސެޓާގެ އޮޕަރޭޝަންސް ސެންޓަރުން ބުރާސްފަތި ދުވަހު ވަނީ ރޮސެޓާގެ މިސްރާބު ބަދަލުކޮށްފަ އެވެ. ދުންތަރީގައި ރޮސެޓާ ޖައްސާ ވެލޯސިޓީ ވަރަށް ދަށެވެ. އޭގެ ސްޕީޑް ހުރީ ސިކުންތަކު މީޓަރެއްހާ ބާރު މިނުގަ އެވެ. އެކަމަކު ރޮސެޑާ ޑިޒައިންކޮށްފައި ވަނީ ލޭންޑްކުރާ ގޮތަށް ނުވުމުން ކިތަންމެ މަޑުން ނަމަވެސް ޖައްސައިފި ނަމަ އޭގެ ބައިތައް ހަލާކުވާނެ އެވެ.

ދިހަ އަހަރުގެ ދަތުރަކަށް ފަހު ރޮސެޓާ 67ޕީ ދުންތަރިއަށް ފޯރީ އޮގަސްޓް 2014 ގަ އެވެ. ވޭތުވެދިޔަ 25 މަސް ދުވަސްތެރޭ ޖައްވީ އުޅަނގުން ވަނީ 116،000 އަށް ވުރެ ގިނަ ފޮޓޯ ދުނިޔެ އަށް ފޮނުވައިފަ އެވެ. ރޮސެޓާގެ އިން ވަނީ އޭގެ ޚާއްސަ ރޮބަޓް ފިލާއީ ނޮވެމްބަރު 2014 ގައި ދުންތަރީގެ ބިމަށް ދޫކޮށްލައިފަ އެވެ.

ރޮސެޓާ އިން ފޮނުވި މައުލޫމާތުން 4.6 ބިލިއަނަށް ވުރެ ގިނަ އަހަރުވެފައިވާ ސޯލާ ސިސްޓަމާ ބެހޭ އިތުރު ހޯދުންތައް ހޯދަން ސައެންސްވެރިންނަށް ވަނީ މަގުފަހިވެފަ އެވެ.

ދުންތަރި 67ޕީ ވަނީ އިރާ 573 މިލިއަން ކިލޯ މީޓަރު ދުރުގަ އެވެ. އަދި އެ ދުންތަރި ދަނީ އިރާ ދުރަށް ދަތުރު ކުރަމުންނެވެ. އެހެންވެ ސޯލާ ހަކަތައިން ފިލާއީ އޮޕަރޭޓެއް ނުކުރެވެ އެވެ.

ދުންތަރި އަށް ޖައްވީ އުޅަނދެއް ފޮނުވަން ފުރަތަމަ ނިންމީ 1993 ވަނަ އަހަރު އެވެ. ދުންތަރިއާ ހަމައަށް ދިއުމަށް ރޮސެޓާ އާއި ފިލާއީ ވަނީ ހަ ބިލިއަން ކިލޯ މީޓަރަށް ދަތުރުކޮށްފަ އެވެ. މި ޕްރޮޖެޓުގައި 500 ސައެންސްވެރިން ބައިވެރިވި އެވެ.