ރާއްޖޭގައި ޑިމޮކްރަސީ ގާއިމުވެއްޖެ، އެ ނިޒާމު ގަބޫލުކުރުމުގެ ގާބިލްކަން ހުންނަންވާނެ: ހޯމް މިނިސްޓަރު
ރާއްޖޭގައި ޑިމޮކްރަސީ ގާއިމުވެއްޖެ، އެ ނިޒާމު ގަބޫލުކުރުމުގެ ގާބިލްކަން ހުންނަންވާނެ: ހޯމް މިނިސްޓަރު

ރާއްޖޭގައި ޑިމޮކްރަސީ ގާއިމްވެއްޖެ ކަމަށާއި އެ ނިޒާމު ގަބޫލުކުރުމުގެ ގާބިލްކަން ކޮންމެ މީހެއްގެ ކިބައިގައި ވެސް ހުންނަންވާނެ ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ރޭ ވިދާޅުވެއްޖެ އެވެ.

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ހަ ވަނަ އަހަރީ ދުވަސް ފާހަގަކުރަން ބޭއްވި ޖަލްސާގައި އެ އޮތޯރިޓީގެ ރައީސްކަން ވެސް ކުރައްވާ އަޒްލީން ވިދާޅުވީ ޑިމޮކްރެޓިކް ނިޒާމަކީ ދުނިޔޭގައި ކަންކަން ނިންމަން އޮތް އެންމެ މޮޅުގޮތްކަން އަމިއްލަ ހައިސިއްޔަތު ގަބޫލުނުކުރައްވާ ކަމަށެވެ. ނަމަވެސް ހޯމް މިނިސްޓަރުގެ ހައިސިއްޔަތުން އެކަމާ ދެކެވަޑައިގަންނަވާ ގޮތް ތަފާތު ވާނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު ދަންނަވާ ވާހަކައަކީ ޑިމޮކްރަސީގެ އުސޫލުތައް ދަމަހައްޓައިގެން މަސައްކަތްކުރާ ކަމުގައިވާ ނަމަ ޑިމޮކްރަޓިކް ނިޒާމަކީ ދުނިޔޭގައި ކަންކަން ކުރުމަށް އޮތް އެންމެ ޕްރޮޑަކްޓިވް އަދި އެންމެ މޮޅު ނިޒާމް ކަމަށް އަޅުގަނޑު ޕާސަނަލީ ނުދެކެމޭ، ހަމަ ގައިމު ވެސް އަޒްލީން އަހުމަދެއް ނުދެކޭ އެގޮތަކަށް. އެހެން ނަމަވެސް ހޯމް މިނިސްޓަރު ދެކޭގޮތް ތަފާތު ވެދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އަޒްލީން ވިދާޅުވީ އެލްޖީއޭގެ ބޯޑަކީ ވެސް އިލްމީ ގިނަ މަޝްވަރާތަކާއި ބަހުސްތަކުން ކަންކަން ނިންމާ ޑިމޮކްރެޓިކް ބޯޑެއް ކަމަށާއި ނަމަވެސް ކަންތައްތައް އެންމެ ރަނގަޅު ގޮތުގައި ހިންގޭނީ މުވައްޒަފުންނާއި ބޯޑުގެ މެމްބަރުންނާ ވާހަކަ ދެކެވި ހިޔާލުތައް ބަދަލުކުރެވިގެން ކަމަށެވެ.

"...އެލްޖީއޭ ބޯޑަކީ ވަރަށް ގާބިލް، ޑިމޮކްރަޓިކް އުސޫލުތައް ދަމަހައްޓައި ބޯޑެއް ގާއިމުކުރެވިފައިވާ އެއް މުއައްސަސާއެއް. އެލްޖީއޭ ބޯޑުގައި މަޝްވަރާކުރެވިގެންދާ ކަންތައްތަކަށް ވަރަށް ހޮޓްކޮށް ޑިބޭޓްކުރުމަށްފަހު ފައިދާ ކުރުވަނިވި ބަހުސްތަކަށްފަހު ކަންކަން ނިމިގެން ދަނީ އިއްތިފާގުން، ވަރަށް މަދު ކަންކަމެއްގައި ނޫނީ،" މިނިސްޓަރު އަޒްލީން ވިދާޅުވި އެވެ.

އެލްޖީއޭ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވަނީ އެންމެ ރަނގަޅަށް މަސައްކަތްކުރި މުވައްޒަފު ހޮވައިފަ އެވެ. އަދި އިތުރު ހަ މުވައްޒަފެއްގެ އަގު ވަޒަންކޮށް އެވޯޑް ދީފައިވެ އެވެ.