30 ސެޕްޓެމްބަރ 2016 - 14:24

ޒިކާ ވައިރަސް އިން ރައްކާތެރިވުމުގެ ގޮތުން، އެ ބަލި އުޅޭ ގައުމުތަކަށް މާބަނޑު އަންހެނުން ދަތުރުކުރުން ފަސްކުރުމަށާއި ރާއްޖެ އާއި ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކަށް ދަތުރުކޮށް އުޅުމުގައި ބައްޔާ މެދު ސަމާލު ވުމަށް އެދި އެމެރިކާއިން ޓްރެވަލް އެޑްވައިޒަރީއެއް އިއްޔެ ނެރެފި އެވެ.
އެމެރިކާގެ ސެންޓަ ފޯ ޑިޒީސް ކޮންޓްރޯލް (ސީޑީސީ) އިން ވަނީ ރާއްޖޭގެ އިތުރުން ބުރޫނާއި، މިޔަންމާ، ކެމްބޯޑިއާ، އިންޑޮނީޝިއާ، މެލޭޝިއާ، ލާއޮސް، ފިލިޕިންސް، ތައިލެންޑް، އީސްޓިމޯ އަދި ވިއެޓްނާމަށް ދަތުރުކޮށް އުޅުމުގައި ޒިކާ ބައްޔާ މެދު ސަމާލުވާން އެދިފަ އެވެ.
ރޮއިޓާސްގައި ބުނެފައި ވަނީ ޒިކާ ވައިރަސް ބާރު ސްޕީޑެއްގައި ފެތުރެމުން އަންނަ ބްރެޒިލާއި ސިންގަޕޫރަށް ޓްރެވަލް ނޯޓިސް ނެރެނު ނަމަވެސް އޭޝިއާ ސަރަހައްދުގެ 11 ގައުމަށް ނޯޓިސް ނެރެން އަދި ނިންމާފައި ނުވާ ކަމަށެވެ. ނަމަވެސް އެ ގައުމުތަކުގައި ވެސް އެ ވައިރަސް ފެތުރެން ފަށައިފި ނަމަ އެކަމާ މެދު ގޮތެއް ނިންމާނެ ކަމަށް ސީޑީސީން ބުނެފައިވެ އެވެ.
ރާއްޖެ ހިމެނޭ ގޮތަށް މި ސަރަހައްދުގެ 11 ގައުމަކަށް އެމެރިކާއިން ޓްރެވަލް އެޑްވައިޒަރީ ނެރުނު ނަމަވެސް އެ ބަލި މިހާތަނަށް ރާއްޖެއިން ފެނިފައެއްނުވެ އެވެ.
އެޗްޕީއޭ އިން މިދިޔަ އޮގަސްޓްމަހު ބުނެފައި ވަނީ ޑެންގީ ޖައްސާ މަދިރީގެ ޒަރިއްޔާ އިން ފެތުރޭ، ޑެންޑީ ޖެހުމުން ފެންނަ ފަދަ އަލާމާތްތަކެއް ފެންނަ ޒިކާ ރާއްޖޭގައި އުޅޭކަން މިހާތަނަށް ކުރި ޓެސްޓުތަކުން ނުދައްކާ ކަމަށާއި ނަމަވެސް ދިވެހިން އާންމުކޮށް ޒިޔާރަތްކުރާ ގައުމަކުން ޒިކާ ފެނިފައިވާތީ، މަދިރި ކޮންޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު ސަމާލުކަމެއް ދިނުމަށް އެދޭ ކަމަށެވެ.
ޒިކާ ވައިރަސް އަކީ ޑެންގީ ވައިރަސްއާ އެއް އާއިލާއެއްގެ ވައިރަސް އެކެވެ. މި ބަލީގެ ވައިރަސް ފެތުރެނީ ޑެންގީ ފަތުރާ އީޑީސް މަދިރިންނެވެ. އެހެންވެ، މާލެ އާއި އަތޮޅުތަކުގައި މަދިރި ކޮންޓްރޯލް ކުރުމަށް އިތުރު ސަމާލުކަމެއް ދިނުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި މި ބައްޔަށް ޓެސްޓުކުރުމުގެ އިންތިޒާމް މިހާރު ވަނީ އައިޖީއެމްއެޗްގައި ގާއިމުކޮށްފަ އެވެ.
ޒިކާ ވައިރަސް ފުރަތަމަ ފެތުރެން ފެށީ މިދިޔަ އަހަރުގެ ކުރީކޮޅު ބްރެޒިލްގަ އެވެ. ސިންގަޕޫރުން ޒިކާ ވައިރަސް ޖެހިގެން ފުރަތަމަ ރިޕޯޓްކުރީ މެއި މަހު އެވެ. އެކަމަކު މިހާރު ދަނީ މި ބަލީގެ ކޭސްތައް އިތުރުވަމުންނެވެ.