އާސެނަލްގައި އޮޒިލްގެ ކުރިމަގާ މެދު ސުވާލު އުފެދިއްޖެ
އާސެނަލްގައި އޮޒިލްގެ ކުރިމަގާ މެދު ސުވާލު އުފެދިއްޖެ

ލަންޑަން (ސެޕްޓެމްބަރު 30) - އާސެނަލްގައި މަޑުކުރުމާ މެދު އެ ޓީމުގެ ޖަރުމަނުގެ މިޑްފީލްޑަރު މެސުޓް އޮޒިލް ދެ ވަނަ ވިސްނުމަކަށް ގޮސްފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އޮޒިލްއާ އެކު އާސެނަލުން މިހާރު ހަދާފައިވާ އެއްބަސްވުމުގައި ބާކީ އޮތީ އެންމެ ދެ އަހަރެވެ. އާސެނަލުން ވަނީ މީގެ ދެ ހަފްތާ ކުރިން އޮޒިލްއާ އެކު އެއްބަސްވުން އާކުރުމުގެ މަޝްވަރާތައް ފަށައިފަ އެވެ. އަދި ހަފްތާ އަކު 230،000 ޕައުންޑްގެ މުސާރައަކާ އެކު އިތުރު ތިން އަހަރުގެ އެއްބަސްވުމެއް އާސެނަލުން ވަނީ އޮޒިލް އަށް ހުށަހަޅައިފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން މިދިޔަ މަހު ޖަރުމަނުގެ ބިލްޑަށް ދިން އިންޓަވިއުއެއްގައި އުމުރުން 28 އަހަރުގެ އޮޒިލް ވަނީ ރެއާލް މެޑްރިޑްގެ ކޯޗު ޒިނެދިން ޒިދާންއާ އެކު މަސައްކަތްކުރަން ބޭނުންވާ ކަމަށް ބުނެފަ އެވެ. އަދި އަލުން ރެއާލަށް ދިއުމުގެ ފުރުސަތު އެބަ އޮތްތޯ ނޫސްވެރިއަކު ސުވާލުކުރުމުން އޮޒިލް ޖަވާބުގައި ބުނީ ފުޓްބޯޅައިގައި ވާނެ ގޮތެއް ބުނަން ނޭނގޭ ކަަމަށެވެ.

ކެރިއަރު ނިންމާލުމުގެ ކުރިން އަދި އެއް ފަހަރު ޖަރުމަނު ލީގުގައި ކުޅެން ބޭނުންވާ ކަމަށް އޮޒިލް ވަނީ ބުނެފަ އެވެ.

އާސެނަލްގެ ކޯޗު އާސެން ވެންގާ ވަނީ އޮޒިލް އަކީ އޭނާގެ ޕްލޭނުގައި ވަރަށް މުހިއްމު ކުޅުންތެރިއެއް ކަަމަށާއި ކްލަބްގައި އޭނާ މަޑުކުރާނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށް ބުނެފަ އެވެ.

ގަވައިދާ ހިލާފަށް ޒުވާން ކުޅުންތެރިން ކްލަބްގައި ރަޖިސްޓްރީ ކުރުމުން ފީފާ އިން ވަނީ ރެއާލާއި އެތުލެޓިކޯ މެޑްރިޑަށް ކުޅުންތެރިން ނުގެނެވޭ ގޮތަށް ސަސްޕެންޝަނެއް ދީފަ އެެވެ. އެހެންކަމުން ކައިރި މުސްތަގުބަލެއްގައި އޮޒިލް ރެއާލަށް ބަދަލުވާނެ ކަމަކަށް ނުބެލެވެ އެވެ.

އޮޒިލް ހޯދުމަށް އިޓަލީގެ ޔުވެންޓަސް އިން ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.