30 ސެޕްޓެމްބަރ 2016 - 11:06

ގައުމީ ޓޭބަލް ޓެނިސް މުބާރާތުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހަތް ވަނަ ފަހަރަށް މޫސާ މުންސިފް އަހުމަދު ހޯދައިފި އެވެ.
އޭނާ ޗެމްޕިއަންކަން ހޯދީ ރޭ ކުޅުނު ފައިނަލް މެޗުގައި ޝިފްނާން އަތުން 4-0 އިން މޮޅުވެގެންނެވެ. ރާއްޖޭގެ އެއް ވަނަ ކުޅުންތެރިޔާ މުންސިފް އަކީ މި އަހަރުގެ މުބާރާތުގެ ޑަބަލްސް ރަނަރަޕެވެ. އޭނާގެ ޑަބަލްސް ޕާޓްނަރަކީ އިބްރާހިމް ޝިއުރީ އެވެ.
މުބާރާތުގެ އަންހެން ޓީމު އިވެންޓުގެ ޗެމްޕިއަންކަން ހޯދީ ހިންނަވަރު ޔޫތު ސޮސައިޓީ އެވެ. އެ ޓީމު ޗެމްޕިއަންކަން ހޯދީ މޯލްޑިވިއަންގެ މައްޗަށް 3-1 އިން ކުރި ހޯދައިގެންނެވެ. ހިންނަވަރު ޓީމަށް ކުޅުނީ މުއީނާ މުހައްމަދާއި އައިޝަތު ރަފާ ނާޒިމާއި ފަދުވާ ޒާހިރުގެ އިތުރުން ޗައިނާގެ ޔަން ޒައޯ އެވެ. މޯލްޑިވިއަން ޓީމުގައި ހިމެނެނީ ފާތިމަތު ޖުމާނާ ނިމާލާއި އައިމިނަތު ޝިއުރާ ޝަރީފުގެ އިތުރުން ޗައިނާގެ ކުޅުންތެރިއެކެވެ.
މުބާރާތުގެ އަންހެން ސިންގަލްސް ފައިނަލް މެޗާއި ފިރިހެން ޓީމު އިވެންޓް މިރޭ އޮންނާނެ އެވެ. ޒުވާނުންގެ މަރުކަޒުގެ ޓީޓީ ހޯލުގައި މިރޭ 7 ޖަހާއިރު ފަށާ އަންހެން ސިންގަލްސް ފައިނަލް މެޗުގައި ވާދަކުރާނީ ރާއްޖޭގެ އެއް ވަނަ ކުޅުންތެރިޔާ މުއީނާ އާއި ރާއްޖޭގެ އެންމެ އުއްމީދީ ކުޅުންތެރިޔާ ރަފާ އެވެ. ފިރިހެން ޓީމު އިވެންޓް ފައިނަލުގައި ބައްދަލުކުރާނީ ހިންވަރު ޔޫތު ސޮސައިޓީ އާއި ރައީސް އޮފީހެވެ.