އިބްރަހިމޮވިޗުގެ ގޯލުން ޔުނައިޓެޑަށް އުނދަގޫ މޮޅެއް
އިބްރަހިމޮވިޗުގެ ގޯލުން ޔުނައިޓެޑަށް އުނދަގޫ މޮޅެއް

މެންޗެސްޓާ (ސެޕްޓެމްބަރު 30) - ޒަލަޓާން އިބްރަހިމޮވިޗް ކާމިޔާބުކުރި ލަނޑާ އެކު ޔުރޮޕާ ލީގުގައި ރޭ ޔޫކްރޭނުގެ ޒޯރްޔާ ލުހަންސްކް އަތުން 1-0 އިން މޮޅުވެ ގްރޫޕުގެ ފުލުން މެންޗެސްޓާ ޔުނައިޓެޑް އަރައިފި އެވެ.

ފުރަތަމަ މެޗުން ފެޔަނޫޑް އަތުން ބަލިވި ޔުނައިޓެޑް މިހާރު އޮތީ ތިން ޕޮއިންޓާ އެކު ގްރޫޕް އޭ ގެ ތިން ވަނައިގަ އެވެ. ހަތަރު ޕޮއިންޓާ އެކު އެއް ވަނައިގައި އޮތީ ރޭ ފެޔަނޫޑް އަތުން 1-0 އިން މޮޅުވި ފެނަބާޗޭ އެވެ. ތިން ޕޮއިންޓާ އެކު ފެޔަނޫޑް އޮތްއިރު ޒޯރްޔާ އަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

އޯލްޓް ޓްރެފޯޑުގައި ކުޅުނު މި މެޗު ކޮންޓްރޯލްކޮށްގެން ޔުނައިޓެޑް ކުޅުނު ނަމަވެސް އެޓޭކުގައި އެހާ ނުރައްކަލެއް ނުކުރެވުނެވެ. މެޗުގެ 69 ވަނަ މިނެޓުގައި އިބްރަހިމޮވިޗް ގޯލް ޖެހީ މެޗުގައި އެ ޓީމުން ގޯލާ އަމާޒުކޮށް ފޮނުވާލި ފުރަތަމަ ހަމަލާގަ އެވެ. މިއީ ފަސް މެޗުން އިބްރަހިމޮވިޗް ޖެހި ފުރަތަމަ ލަނޑެވެ. ރޭގެ މެޗުގައި ޔުނައިޓެޑުގެ ކެޕްޓަން ވޭން ރޫނީ އެރުވީ ފަހު ހާފުގަ އެވެ. ޕްރިމިއާ ލީގު މެޗުން އޭނާ އަށް ފުރުސަތު ނުދިން ނަމަވެސް ބެލެވިފައި އޮތީ ރޭގެ މެޗުގެ ފުރަތަމަ 11 ގައި އޭނާ ހިމަނާނެ ކަމަށެވެ. އެކަމަކު ބުރަކަށްޓަށް ލިބިފައިވާ އަނިޔާއަކާ ގުޅިގެން ރޫނީ އަށް ފުލްކޮށް ކުޅެވޭ ގޮތް ނުވީ އެވެ.

"މިއީ ފަސޭހަ މެޗެއް ނޫން. އަހަރެމެން ރަނގަޅަށް ކުޅެ ހަމަލާތައް އުފެއްދިން. އެކަމަކު މެޗުގެ ކުރީކޮޅު ގޯލް ނުޖެހުމުން އުނދަގޫ ވަމުން ދިޔައީ. ކޮންމެ ގޮތަކުން ވެސް ތިން ޕޮއިންޓް ލިބުމުން ހިތްހަމަޖެހިއްޖެ،" ޔުނައިޓެޑުގެ ފޯވާޑް އިބްރަހިމޮވިޗް ބުންޏެވެ.

ރޭގެ އެހެން މެޗުތަކަށް ބަލާއިރު އިންޓަ މިލާން ވަނީ ސްޕާޓާ ޕްރާގާ އަތުން 3-1 އިން ބަލިވެފަ އެވެ. ދެ މެޗުން އިންޓަ އަށް ޕޮއިންޓެއް ލިބިފައި ނުވާއިރު އެ ޓީމު އޮތީ ގްރޫޕް ކޭ ގެ ފުލުގަ އެވެ. މި ގްރޫޕުގެ އެއް ވަނައިގައި ހަތަރު ޕޮއިންޓާ އެކު ސައުތުހެމްޓަން އޮތްއިރު ހަތަރު ޕޮއިންޓާ އެކު ދެ ވަނައިގައި އޮތީ ހަޕޮއެލް ބެއެރްޝެވާ އެވެ. މި ދެ ޓީމު ރޭ ކުޅުނު މެޗު 0-0 އިން އެއްވަރުވީ އެވެ. ޕްރާގާ އޮތީ ތިން ޕޮއިންޓާ އެކު ތިން ވަނައިގަ އެވެ.

ސްޕެއިނުގެ ވިޔަރެއާލް ރޭ ރޫމޭނިއާގެ ސްޓިއާ ބުކަރެސްޓާ 1-1 އިން އެއްވަރުވި ނަމަވެސް ހަތަރު ޕޮއިންޓާ އެކު އެ ޓީމު އޮތީ ގްރޫޕް އެލް ގެ އެއް ވަނައިގަ އެވެ. އަނެއްކޮޅުން ރޯމާ ވަނީ ބެލްޖިއަމްގެ އަސްޓްރާ 4-0 އިން ބަލިކޮށް ހަތަރު ޕޮއިންޓާ އެކު ގްރޫޕް އީ ގެ އެއް ވަނަ އަށް އަރައިފަ އެވެ.