ޝަމްރާހްގެ "ހީވޭ އަންނަނީހެން" ވެސް ހަމަ އެހާ ތަފާތު
ޝަމްރާހްގެ "ހީވޭ އަންނަނީހެން" ވެސް ހަމަ އެހާ ތަފާތު

އަހުމަދު ޝަމްރާހް "މޯލްޑިވިއަން އައިޑޮލް" ގައި ކިޔައި ދިން "މޫނު ބުރުގާ" ލަވައިން އެތައް ބަޔަކު ސިއްސުވާލި އެވެ.

އޮޕެރާ ސްޓައިލަށް އޭނާ ހުށަހަޅައި ދިން އެ ލަވަ މަޝްހޫރު ޑައިރެކްޓަރު/ޕްރޮޑިއުސަރު ފާތުމަތު ނަހުލާ ސިފަކުރީ ދިވެހި ލަވައެއް މުޅިން އެހެން ހަރުފަތަކަށް ގެންގޮސް ދިން ލަވައެއްގެ ގޮތުގަ އެވެ. އޭގެ ނަތީޖާއަކީ ކޮބައި ހެއްޔެވެ؟

ރަޝިއާގައި ޕްލާސްޓިކް ސާޖަރީން ސްޕެޝަލައިޒްވަމުން އަންނަ ޒުވާން ޑޮކްޓަރު ޝަމްރާހް ނަހުލާ އަށް ކަމުދިޔަ ވަރުން އޭނާގެ ބިރުވެރި ފިލްމް 4426 (ފޯފޯޓޫސިކްސް) ގެ ޕްރޮމޯޝަނަލް ލަވަ ކިޔާލުމުގެ ފުރުސަތު ޝަމްރާހަށް ތަނަސްވީ އެވެ.

އޭނާ ވަނީ ޕްރޮމޯ ލަވަ "ހީވޭ އަންނަނީހެން" މި މަހުގެ 15 ދުވަހުގެ ރޭ އެހުންތެރިންނަށް ލައިވްކޮށް އިއްވާލައިފަ އެވެ.

ޕްރޮމޯ ލަވަ ލޯންޗްކުރަން ބޭއްވި ޝޯގައި ޝަމްރާހް އެ ލަވަ ހުށަހަޅައި ދިނުމާ އެކު ވެސް ގިނަ ބަޔަކަށް ލަވަ ކަމުދާ ގޮތްވި އެވެ. ހާއްސަކޮށް ބިރުވެރި ފިލްމެއްގެ ލަވައެއްގައި ހުންނަން ޖެހޭ އިހުސާސްތަކާއި އެ ބާނިތައް "ހީވޭ އަންނަނީހެން" ގައި އެކުލެވެ އެވެ. "ބިރުވެރި ފީލް"އެއް ލަވާގައި އެބަ ހުއްޓެވެ.

މި ލަވައިގެ ޅެން ހެދީ ނަހުލާގެ ފިލްމުތަކަށް އާންމުކޮށް ޅެން ހަދައިދޭ މައުސޫމް ޝާކިރެވެ. ލަވައިގެ ރާގާއި މެލޮޑީ ހެދީ އެމްއެންޑީއެފްގެ ލާންސް ކޯޕަރަލް ފަތުހުﷲ ޝަކީލް ހުސައިނެވެ.

"ހީވޭ އަންނަނީހެން" މިހާރު ސައުންޑް ކްލައުޑުން އަހާލެވޭނެ އެވެ.

އެކަމަކު މިހާރު ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަނީ ވީޑިއޯއާ އެކު ޕްރޮމޯ ލަވަ ފެންނާނެ އިރަކަށެވެ. ނަހުލާ ބުނީ އެ ތައްޔާރީތައްވަމުން އަންނަ ކަމަށެވެ.

"4426" އަންނަ މަހުގެ 18 ގައި ޕްރިމިއާ ކުރަން ނިންމާފައިވާ އިރު، ފިލްމުގެ ޓިކެޓް އޮލިމްޕަހުން މިހާރު އަންނަނީ ވިއްކަމުންނެވެ.