29 ސެޕްޓެމްބަރ 2016 - 19:57

އައްޑޫގެ ކަރަންޓް ހާލަތު ރަނގަޅު ކުރުމަށް، އަލަށް ގެނެސްފައިވާ ދެ މެގަވޮޓްގެ ދެ ޖަނަރޭޓަރު މާލެއިން އައްޑު އަށް ގެންގޮސް ދޭނެ ބަޔަކު ހޯދަން ސްޓެލްކޯ އިން އިއުލާންކޮށްފި އެވެ.
ސްޓެލްކޯއިން ނެރެފައިވާ އިއުލާނެއްގައި ބުނީ އިންޖީނުތަކާއި އެއާ ގުޅޭ ސާމާނުތައް މާލޭ ކަސްޓަމްސް އިން އައްޑު އަށް ގެންގޮސް ދޭން ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ ހަވަނަ ވަނަ ދުވަހާ ހަމައަށް ހުޅުވާލައިފައިވާ ކަމަށެވެ. އަދި ހުށަހަޅާ ޕްރޮޕޯސަލްތައް ހުޅުވުން އޮންނާނީ ވެސް ހަމަ އެ ދުވަހު ކަމަށް ވެސް ސްޓެލްކޯ އިން ބުންޏެވެ.
ސްޓެލްކޯގެ ހަރަދުގައި އައްޑު އަށް ގެންދާ ދެ ޖަނަރޭޓަރަކީ ފެނަކައިން މިދިޔަ އަހަރު އައްޑު ގެންގޮސް، އިންސްޓޯލް ކުރަން ތައްޔާރުވަމުން ދަނިކޮށް، މިނިވަން 50 ގެ ހަރަކާތްތަކާ ދިމާކޮށް ސްޓެލްކޯ އަށް އިތުރު ޖަނަރޭޓަރުތަކެއް ބޭނުންވެގެން އައްޑޫން ގެންދިޔަ ދެ ޖަނެރޭޓަރުގެ ބަދަލުގައި ގެނެސްދޭ ދެ ޖަނަރޭޓަރެވެ.
ފެނަކަ އިން ބުނެފައިވާ ގޮތުގައި އައްޑޫން ކަރަންޓް ކެނޑޭ މައްސަލަ އަށް ދާއިމީ ހައްލެއް ލިބިގެން ދާނީ، ދެ މެގަވޮޓްގެ ޖަނަރޭޓަރު ބޭނުން ކުރަން ފެށުމުންނެވެ.
މީގެ ހަފުތާއެއްހާ ދުވަސް ކުރިން އައްޑޫގެ ގުޅިފައިވާ އަވަށްތަކަށް ކަރަންޓް ދޭ މަރުކަޒީ އިންޖީނުގޭގެ އިންޖީނަކަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންމެ ދުވަހަކު އަވަށްތަކުގެ އެކި ސަރަހައްދުތަކުން އެއް ގަޑި އިރަށް ކަރަންޓް ދަނީ ކަނޑަމުންނެވެ. މީގެ ސަބަބުން އާންމު ދިރިއުޅުމަށް ވަރަށް ބޮޑަށް ހުރަސް އެޅި، އާންމުންގެ ކަންބޮޑުވުންތައް ވަނީ އިތުރުވެފަ އެވެ.