30 މެއި 2016 - 16:58

މާޒިޔާގެ ސްޕޮންސަރެއްގެ ގޮތުގައި އޭޑީކޭ ގްރޫޕާއި ކޯ ސްޕޮންސަރެއްގެ ގޮތުގައި އޭޑީކޭ ކޮމްޕެނީސް ހަމަޖައްސައިފި އެވެ.

މި އަހަރުގެ ފުޓްބޯޅަ ސީޒަނަށް މާޒިޔާ ސްޕޮންސަކުރުމަށް މިއަދު ވި އެއްބަސްވުމުގައި އޭޑީކޭ ގްރޫޕްގެ ފަރާތުން ސޮއިކުރެއްވީ އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލް އެވެ. އަދި އޭޑީކޭ ކޮމްޕެނީގެ ފަރާތުން މެނޭޖިން ޑިރެކްޓަރު ފަޒްލާ ހަސަން ސޮއިކުރެއްވިއިރު، މާޒިޔާގެ ފަރާތުން ސޮއިކުރެއްވީ އެ ކްލަބްގެ ޖެނެރަލް ސެކްރެޓަރީ އަބްދުލް ވައްހާބެވެ.

އެފްއޭއެމް ހައުސްގައި މިއަދު މެންދުރު ފަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އޭޑީކޭގެ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އައްފާލް ވިދާޅުވީ އޭޑީކޭ އާއި މާޒިޔާގެ ގުޅުމަކީ ވަރަށް ދުވަސްވީ ގުޅުމެއް ކަމަށާއި އަބަދުވެސް މި ކްލަބަށާއި ފުޓްބޯޅަ އަށް ހިދުމަތް ކޮށްދޭން ބޭނުންވާ ކަމަށެވެ.
" ފުޓްބޯޅަ އަކީ ރާއްޖޭގެ އެއް ވަނަ ކުޅިވަރު. އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް އެއީ ކުޅިވަރަށް ހިދުމަތްކޮށްދިނުމަކީ. ހާއްސަކޮށް މާޒިޔާ އާއި އޭޑީކޭއާ ދެމެދު އޮންނަނީ ވަރަށް ގާތްގުޅުމެއް. މެއިން ސްޕޮންސަރަކަށް އެއްބަސްވެވިގެން ތިން އަހަރު މަސައްކަތް ކުރެވުނު ނަމަވެސް އަޅުގަނޑުމެން ކޯ ސްޕޮންސަރެއްގެ ގޮތުގައި މަސައްކަތްކުރާތާ މިއީ ހަ ވަނަ އަހަރު،" އައްފާލް ވިދާޅުވި އެވެ.
މާޒިޔާގެ ޖެނެރަލް ސެކްރެޓަރީ އަބްދުލް ވައްހާބު ވިދާޅުވީ މިއީ އެ ކްލަބްގެ 20 ވަނަ އަހަރު ކަމަށާއި އަބަދު ވެސް އޭޑީކޭގެ އެހީތެރިކަން އެ ކްލަބަށް ލިބޭ ކަމަށެވެ.
"މާޒިޔާ އަށް 20 އަހަރު ފުރޭ އަހަރު މިއީ. އަޅުގަނޑު މި ފުރުސަތުގައި އޭޑީކޭގެ ވެރިޔާ އަހުމަދު ނާޝިދު އަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. އެ ބޭފުޅާ އަކީ އަޅުގަނޑުމެންގެ ކްލަބަށް ވަރަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދީފައިވާ ފަރާތެއް. އޭޑީކޭ އިން މިދިޔަ ތިން އަހަރު ސްޕޮންސަރެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ކުރިން ވެސް އަޅުގަނޑުމެންނަށް ނާޝިދުގެ އެހީތެރިކަން ލިބޭ،" ވައްހާބު ވިދާޅުވި އެވެ.
އޭޑީކޭ އާއި މާޒިޔާއާ ދެމެދު ވެވުނު މި އެއްބަސްވުމުގެ ތެރެއިން އޭޑީކޭ އިން ހިންގާ ހުރިހާ ހަރަކާތްތަކެއްގައި މާޒިޔާގެ ކުޅުންތެރިންނާއި އޮފިޝަލުން ބައިވެރިވާނެ ކަމަށް ވައްހާބު ވިދާޅުވި އެވެ.
"މި އެއްބަސްވުމުގެ ދަށުން އޭޑީކޭ އިން ރާވާ ހިންގާ ހަރަކާތްތަކުގައި މާޒިޔާ އިން ވެވުނު ވަރަކުން ބައިވެރިވާނެ. ކުޅުންތެރިން ވެސް އަދި އޮފިޝަލުން ވެސް. އަޅުގަނޑުމެން ބޭނުންވޭ އޭޑީކޭ އިން އަޅުގަނޑުމެންނަށް ފޯރުކޮށްދޭ އެހީތެރިކަމުގެ ބަދަލު އަޅުގަނޑުމެން ވެސް ދޭން،" ވައްހާބު ވިދާޅުވި އެވެ.
އޭޑީކޭގެ ފަރާތުން ރާއްޖޭގެ ކުޅިވަރު އެތުލީޓުންގެ އަނިޔާތަކަށް ފަރުވާ ހޯދުމަށް ހާއްސަ އެހީތެރިކަމެއް ލިބޭ ކަމަށާއި މިއީ މާޒިޔާގެ އިތުރުން ކުޅިވަރަށް ވެސް އޭޑީކޭގެ ފަރާތުން ލިބޭ ފައިދާއެއް ކަމަށް ވައްހާބު ވިދާޅުވި އެވެ.